ހަބަރު

ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ މަނީލޯންޑްރިން މައްސަލަ ވަނީ އަނބުރާ ގެނެސްފައި: މުއާޒް

ރައީސް އަބްދުﷲ ޔާމީންއާ ގުޅުން ހުރި މަނީ ލޯންޑްރިންއަށް ތުހުމަތުވާ މައްސަލަތަކެއް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ފުލުހުންނަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސްފައިވާ ކަމަށް އެމްއެމްއޭއާ ހަވާލާދީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އެފަދަ މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނީ މި މަހުގެ ކުރީކޮޅުގަ އެވެ. ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މި މައްސަލަތައް ތަހުގީގު ކޮށް ދިނުމަށް ފުލުހުންގެ ކިބައިން އެދި ސިޓީ ފޮނުވައިފަ އެވެ. މައުލޫމާތު އެނގި ހުރި ބައެއް އޮފިޝަލުން އަވަސްއަށް މިއަދު ކިޔައިދިން ގޮތުގައި، އެ ޔުނިޓުން ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ރައީސް ޔާމީންގެ އެކައުންޓުން ޝައްކު ކުރެވޭ ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ކުރި މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

އެމްއެމްއޭގެ ފައިނޭންސަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑްރިންގެ ހަރަކާތްތައް ހުއްޓުވުމަށް މަނީލޯންޑްރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގެ ތެރޭގައި ހަދާފައިވާ މިނިވަން ބޮޑީއެކެވެ.

މުއާޒް މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވަނީ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ސިޓީއެއް ޕޮލިހަށް ހުށަހެޅިކަމުގެ މައުލޫމާތު ރައީސަށް ލިބިލެއްވުމުން އެކަމާބެހޭ މައުލޫމާތު ހޯއްދެއްވުމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރަށް ގުޅުއްވި ކަމަށެވެ. ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ޕޮލިހަށް ސިޓީއެއް ފޮނުވާފައިވަނީ ގަވަރުނަރަށް ނޭންގި ކަމަށްވެސް މުއާޒް ވިދާޅުވި އެވެ.

"އެ ސިޓީގައި ހުރި ވާހަކައިން ރައީސް ގާނޫނާ ހިލާފްވެފައިވާ އެއްވެސް ކަމެއް އެނގެންް ނެތުމުން ޕޮލިސް އިން އެ ސިޓީ ނަންގަވާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި، އެހެން ކަމުން އެމްއެމްއޭގެ ފަރާތުން އެވާހަކައިގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ރައީސް އެދިވަޑައިގެން،" މުއާޒް ވިދާޅުވި އެވެ.

އަލް ޖަޒީރާ އާއި މީސްމީޑިއާގައި ރައީސްގެ ކެމްޕެއިނަށް 1.5 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން މުއާޒް ވިދާޅުވީ، ގާނޫނުގައި ބުނާ ގޮތުގެ މަތިން ކެމްޕެއިންގެ ހަރަދުތައް ބެލެހެއްޓުމަށްޓަކައި ރައީސް ޔާމީންގެ ވަކި އެކައުންޓެއް ކަނޑައެޅިފައިވާ ކަމަށެވެ. އަދި ރައީސްގެ އެކައުންޓަކަށް ރާއްޖެއިން ބޭރުން އެއްވެސް ފައިސާއެއް ޖަމާކޮށްފައިނުވާނެ ކަމަށް މުއާޒް ވިދާޅުވި އެވެ.

އިންތިހާބަށް ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަށް ނަގުދު ފައިސާއިން 1.5 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ލިޔުމަކާއި ހަވާލާދީ އަލްޖަޒީރާއިން ވަނީ ބުނެފަ އެވެ.

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ފުލުހުންނަށް ފޮނުވި ސިޓީއަކާ ހަވާލާދީ އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުން، އިންތިހާބުގެ ކުރިން ދެ ފަހަރެއްގެ މަތިން، ރައީސް ޔާމީންގެ އިސްލާމިކް ބޭންކުގައި އޮންނަ އަމިއްލަފުޅު އެކައުންޓަށް ޖުމްލަ، 1.5 މިލިއަން ޑޮލަރު ނަގުދު ފައިސާއިން ވަނީ ޖަމާކޮށްފަ އެވެ. އެ ސިޓީއަކީ، ސެޕްޓެމްބަރު 13 ވަނަ ދުވަހު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އޭރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެކެވެ.

އަލްޖަޒީރާއިން ބުނީ، ސެޕްޓެމްބަރު 5 ގައި 648،508 ޑޮލަރު ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ސެޕްޓެމްބަރު 10 ގައި އިތުރު 810،635 ޑޮލަރު ޖަމާކޮށްފައިވާކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ.