ރައީސް އަބްދުﷲ ޔާމީން

މި ސަރުކާރުން އެމްއެމްއޭއިން 5.4 ބިލިއަން ރުފިޔާ ނަގައިފި: ޔާމީން

މިވޭތުވެދިޔަ އަހަރުތަކުގައި މި ސަރުކާރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 5.4 ބިލިއަން ރުފިޔާ ނަގާފައިވާ ކަަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ އިތުރަށް ފައިސާ ޗާޕުކުރާނެ ހާލަތެއް ކުރިމަތިވެފައި ނުވާ ކަމަށް މިދިޔަ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުންނެވެ. ޕީޕީއެމްގެ ހެޑްކުއާޓަރުގައި ރޭ އޮތް ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން މި ހަތަރު އަހަރުގެ ތެރޭގައި އެމްއެމްއޭ އިން 5.4 ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ. އެއީ އިގްތިސާދީ ނަޒަރަކުން ބަލާއިރު ވަރަށް ބޮޑު މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްއެމްއޭ އިން ޗާޕުކޮށްގެން ގެނެސްފައި ހުންނަ ފައިސާ މިގޮތަށް ނެރެމުގެ ސަބަބން ފައިސާގެ އަގު ވެއްޓުމަށް މެދުވެރިވާ ކަމަށެވެ.

"މި ސަރުކާރުން މި ހަތަރު އަހަރުގެ ތެރޭގައި އެމްއެމްއޭ އިން ނަގައިފި ފަސްހާސް ހަތަރުސަތޭކަ މިލިއަން ދިވެހި ރުފިޔާ. 5.4 ބިލިއަން ރުފިޔާ އެމްއެމްއޭ އިން ނަގައިފި. މީގެ މައްސަލައަކަށް ވަނީ މިއީ ދިވެހިރާއްޖޭގެ އިގްތިސާދުން ހޯދި ލާރިއެއް ނޫން. މިއީ ދިވެހިރާއްޖޭގެ ވަސީލަތްތައް ބޭނުން ކޮށްގެން އުފައްދާފައި ހުރި ލާރިއެއް ނޫން. މިއީ ދިވެހިރާއްޖޭގެ ވަސީލަތްތައް ބޭނުން ކޮށްގެން އުފައްދާފައި ހުރި ލާރިނަމަ އެއްވެސް މައްސަލައެއް ނެތް. މީރާގައި ހުންނަ ލާރި ނަގައިގެން އެއްވެސް މައްސަލައެއް ނެތް. އެކަމަކު މިއީ ސާކިއުލޭޝަނުން ބޭރުގައި އުޅޭ އެއްޗެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ މި ސަރުކާރުން ފައިސާ ޗާޕު ނުކުރާ ކަަމަށް ދޭހަވާ މޭރުމުން ރައީސް ވާހަކަ ދައްކަވާ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ފައިސާ ޗާޕު ކުރުމަކީ ހަމައެކަނި ކަރުދާސް ޗާޕުކޮށްގެން ނެރުން ނޫން ކަމަށް ވިދާޅުވެ ވަރަށް ތަފްސީލްކޮށް އެކަން އޮންނަ ގޮތް ވިދާޅުވެ ދެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ދައްކާއިރު ރާއްޖޭގެ އިގްތިސާދު ހާލަތު ބަލާ ފައިސާގެ ތަފާސް ހިސާބު ބަލާނެ އެހެން މީހުންވެސް ތިބޭނެކަން ދަންނަން ޖެހޭ ކަމަށެވެ.

"ނޫޓް ޗާޕުކުރުމަކީ ލަފްޒީ މާނާގައި ކަރުދާސް ޗާޕުކޮށްގެން ނެރުން އެކަންޏެއް ނޫން. ނޫޓް ޗާޕުކުރުމަކީ ސާކިއުލޭޝަނުން ބޭރުގައި ހުރި ފައިސާ އެ ސާކިއުލޭޝަންތެރޭގައި ނޭންބުރޭ ފައިސާ، އަޅުގަނޑުމެންގެ ޖީބުތަކުގައާއި ބޭންކުތަކުގައި އުޅޭ ފައިސާގެ އިތުރުން އެމްއެމްއޭގައި ބަހައްޓާފައި ހުންނަ ފައިސާ ނިކުމެއްޖެ ކަމުގައިވަންޏާ އެ މޮނެޗައިޒްވެގެން އެދަނީ. އެއީ ޗާޕުކުރަނީ ކަމަށް ބަލަނީ. އޭގެ ތެރޭގައި ހުންނާނެ އެމްއެމްއޭއިން ކުރީން ޗާޕުކޮށްގެން ގެނެސްހުރި ލާރި. ކޮންމެހެނެއް މިކަމާއި ގުޅިގެން ފެބްރުއަރީ މަހު ބުނެގެން މާޗް މަހު ޗާޕްކޮށްގެން ގެނައި ފައިސާގެ ވާހަކައެއް ނޫން މި ދައްކަނީއެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުން މި ހަތަރު އަހަރުގެ ތެރޭގައި އެމްއެމްއޭ އިން ނަގައިފި ފަސްހާސް ހަތަރުސަތޭކަ މިލިއަން ދިވެހި ރުފިޔާ. 5.4 ބިލިއަން ރުފިޔާ އެމްއެމްއޭ އިން ނަގައިފި. މީގެ މައްސަލައަކަށް ވަނީ މިއީ ދިވެހިރާއްޖޭގެ އިގްތިސާދުން ހޯދި ލާރިއެއް ނޫން. މިއީ ދިވެހިރާއްޖޭގެ ވަސީލަތްތައް ބޭނުން ކޮށްގެން އުފައްދާފައި ހުރި ލާރިއެއް ނޫން. މިއީ ދިވެހިރާއްޖޭގެ ވަސީލަތްތައް ބޭނުން ކޮށްގެން އުފައްދާފައި ހުރި ލާރިނަމަ އެއްވެސް މައްސަލައެއް ނެތް. މީރާގައި ހުންނަ ލާރި ނަގައިގެން އެއްވެސް މައްސަލައެއް ނެތް. އެކަމަކު މިއީ ސާކިއުލޭޝަނުން ބޭރުގައި އުޅޭ އެއްޗެއް
އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ސަރުކާރުން ވަނީ 2.4 ބިލިއަން ރުފިޔާ ޗާޕުކޮށްފައެވެ. އޭގެ ކުރީ ދެ އަހަރު ވެސް 4.4 ބިލިއަން ރުފިޔާ ވަނީ ޗާޕުކޮށްފައެވެ.

އެމްއެމްއޭ އިން އޯވަޑްރޯ ކުރުން ނުވަތަ "މަނިޓައިޒް" ކުރުމަކީ ބައެއް އިގްތިސާދީ މާހިރުންގެ ނަޒަރުގައި ތަފާތު މައްސަލަ ތަކެއް މުސްތަގުބަލުގައި ކުރިމަތިވާނެ ކަމެކެވެ. މިއީ "ފައިސާ ޗާޕުކޮށްގެން" އިގްތިސާދަށް ނެރުން ކަމަށް ބައެއް މާހިރުން ގަބޫލު ކުރައްވަ އެވެ.

މަނިޓައިޒް ކުރުމަކީ ކޮބާ؟

ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި މަރުކަޒީ ބޭންކުން ދަރަނި ނެގުމާއި މަރުކަޒީ ބޭންކުގައިވާ ސަރުކާރުގެ ބޭންކު އެކައުންޓުން އޯވަޑްރޯ ކުރުމަކީ މަނިޓައިޒް ކުރުމެވެ. އެހެންކަމުން އެމްއެމްއޭއި ން ދަރަނި ނެގުމުން، ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ފައިސާ އިތުރުވެ، މިކަމުގެ ސަބަބުން މަނީ ސަޕްލައި ވެސް އިތުރުވެގެންދެ އެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ހީނަރުވެފައިވާ ދަނޑިވަޅެއްގައި، މަނީ ސަޕްލައި އިތުރުވުމުން ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް މިކަމުގެ ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަގޮތެއްގައި ދިވެހި ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، ދިވެހި ރުފިޔާގެ ސަޕްލައި އިތުރުވެގެންދާނަމަ، ޑޮލަރަށް އޮންނަ ޑިމާންޑް އިތުރުވެދާނެ އެވެ. އެހެންނަމަވެސް ފޮރިން އެކްސްޗޭންޖް ބާޒާރަށް ކޮށްފާނެ ނޭދެވޭ އަސަރު ބިނާވެގެން ދާނީ މަރުކަޒީ ބޭންކުން މަނިޓައިޒް ކުރާ މުއްދަތާއި އަދި މި މުއްދަތުގައި ބޭންކުތަކުން ލޯނުދޫކުރާ މިންވަރު ނުވަތަ ކުރެޑިޓް މަލްޓިޕްލެއާ ގެ މައްޗަށެވެ.