ހަބަރު

ކެމްޕެއިނަށް ރައީސް ވަކި އެކައުންޓެއް ހަމަޖައްސައި ދިޔައީ ފައިސާލަމުން: މުއާޒު

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ވަކި އެކައުންޓެއް ހަމަޖައްސައި ގަވާއިދު އެއަށް ފައިސާ އަޅަމުންދިޔަ ކަމަށާއި އެކަމުގައި ގާނޫނާ ހިލާފު ކަމެއް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެެއްޖެ އެވެ.

އިންތިހާބަށް ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަށް ނަގުދު ފައިސާއިން 1.5 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ލިޔުމަކާއި ހަވާލާދީ އަލްޖަޒީރާއިން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން މުއާޒް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ގެ ވަކި އެކައުންޓެއް ވަނީ ހަމަޖައްސާފައި ކަމަށާއި ގަވާއިދުން ފައިސާ ވެސް ލައްވަމުން ގެންދެވި ކަމަށެވެ. އަދި ގާނޫނާ ހިލާފް އެއްވެސް ކަމެއް އެކަމުގައި ނޫޅޭނެ ކަމުގެ އެންމެ ފުރިހަމަ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށް މުއާާޒް ވިދާޅުވި އެވެ.

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ފުލުހުންނަށް ފޮނުވި ސިޓީއަކާ ހަވާލާދީ އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުން، އިންތިހާބުގެ ކުރިން ދެ ފަހަރެއްގެ މަތިން، ރައީސް ޔާމީންގެ އިސްލާމިކް ބޭންކުގައި އޮންނަ އަމިއްލަފުޅު އެކައުންޓަށް ޖުމްލަ، 1.5 މިލިއަން ޑޮލަރު ނަގުދު ފައިސާއިން ވަނީ ޖަމާކޮށްފަ އެވެ. އެ ސިޓީއަކީ، ސެޕްޓެމްބަރު 13 ވަނަ ދުވަހު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އޭރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެކެވެ.

އަލްޖަޒީރާއިން ބުނީ، ސެޕްޓެމްބަރު 5 ގައި 648،508 ޑޮލަރު ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ސެޕްޓެމްބަރު 10 ގައި އިތުރު 810،635 ޑޮލަރު ޖަމާކޮށްފައިވާކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އޭގެ ފަހުން އެ ހުރިހާ ފައިސާއެއް ނަގުދު ފައިސާއިން އެކައުންޓުން ނަގާފައިވާކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވާ ކަމަށް އަލްޖަޒީރާއިން ބުންޏެވެ. މީގެ އިތުރުން، އެމްއެމްއޭ އިން އެ ފައިސާގެ ތަފްސީލު ހޯދަން ގުޅުމުން، އެ ފައިސާއަކީ ރައީސް ޔާމީނަށް ހެޔޮ އެދޭ ކުންފުނިތަކާއި އެކިއެކި ފަރާތްތަކުން އިންތިހާބުގެ ހަރަދުތަކަށް ހަދިޔާކޮށްފައިވާ ފައިސާކަމުގައި ރައީސް ޔާމީނުގެ ފަރާތުން ބޭފުޅަކު ވިދާޅުވެފައިވާކަމަށް އެ ސިޓީގައިވެ އެވެ. ނަމަވެސް، ރައީސް ޔާމީނުގެ ފަރާތުން، އެ ވާހަކަ ދެއްކެވީ ކޮން ބޭފުޅެއްކަމެއް އެ ސިޓީގައި ހާމަކޮށްފައެއްނުވެ އެވެ.