ހަބަރު

ރައީސް ފުލް މުސާރަ ނަންގަވަން ފެއްޓީ ދަރިންގެ ކުލި ދައްކަން: މުއާޒް

Aug 14, 2018
29

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ފުލް މުސާރަ ނަންގަވަން ފެއްޓެވީ، ރައީސްގެ ދެ ދަރިކަލުން ދިރިއުޅުއްވަނީ ކުއްޔަށް ތަންތަން ހިއްޕަވައިގެން ކަމަށްވާތީ އެ ދެ ބޭފުޅުންނަށް އެހީތެރިވެ ދެއްވުމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

މުއާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ހިލާލީ ގެއަށް ބަދަލުވުމާއި ހަމައަށް އެމަނިކުފާނު ނަންގަވަނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށެވެ. އަދި 2016 ވަނަ އަހަރު ހިލާލީ ގެއަށް ބަދަލުވެވަޑައިގަތުމާއި ގުޅިގެން 18 އަހަރުން މަތީގެ ދެ ދަރިކަލުން ދިރިއުޅެން ޖެހިފައިވަނީ ކުލި ދައްކައިގެން ކަމަށްވާތީވެ، އެ ހަރަދު ރައީސް އަމިއްލަފުޅަށް ހަމަޖެއްސުމުގެ ގޮތުން ފުލް މުސާރަ ނަންގަވަން ފެއްޓެވީ ކަމަށް މުއާޒް ވިދާޅުވި އެވެ.

"...މުސާރަ ނަންގަވަން ފެއްޓެވީ ހިލާލީ ގެއަށް ބަދަލުވެވަޑައިގަތުމަށްފަހު ކަމަށް ދަންނަވަން، މިކަން އޮޅުން އަރާ ގޮތަށް ސިޔާސީ ބައެއް ބޭފުޅުން ދައްކަވަމުންދާތީ ހިތާމަ ކުރަން،" މުއާޒް ވިދާޅުވި އެވެ.

މުއާޒް މިގޮތަށް ވިދާޅުވެފައިވާއިރު، މީގެ ކުރިން ޕީޕީއެމްގެ އަންހެނުން، ވެސްޓް ޕާކް ސަރަހައްދުގައިވާ ކެމްޕޭން އޮފީހުގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންވެސް ވަނީ ހިލާލީ ގެއަށް ދިރިއުޅުއްވުން ބަދަލު ކުރެއްވި ފަހުން ރައީސްކަމުގެ މަގާމުގެ ފުރިހަމަ މުސާރަ ނަންގަވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ފެބްރުއަރީމަހު ބޭއްވި އެއްވުމުގައި ރައީސް ވިދާޅުވީ، "އަޅުގަނޑުގެ އެބަތިބި ބޮޑުވެފައި ތިބި ދެބެން. އަންހެން ކުއްޖަކުވެސް މީހަކާ އިނދެގެން އުޅެނީ އާއިލާއެއް ގޮވައިގެން. ފިރިހެން ކުއްޖާ ވެސް މީހަކާ އިނދެގެން އުޅެނީ އާއިލާއަކާ އެކީގައި. އެހެންވީމާ މި ދެ ކުދިންނަށް ތަންތަން ކުއްޔަށް ހިފައިދޭން ޖެހޭ. އަޅުގަނޑު މީކީ މިކަހަލަ ކަމެއްގައި ދިވެހި ދައުލަތުގެ ފައިސާގައި ޖެހޭނެ މީހެއް ނޫން. އެސަބަބަށްޓަކައި. ހަމަ އެޔާއެކީ އަޅުގަނޑު ކުރިން ހުރި ގޭގައި އަޅުގަނޑު ހުންނާނީ އެކި ބައިބައި ކުއްޔަށް ދީފައި. އެ އާމްދަނީ ވެސް އަޅުގަނޑަށް ނުލިބި ދިޔައީ. އެހެންވީމާ މިކުދިން ތިބޭ ތަންތަނަށް ކުލި ދައްކަން ޖެހޭތީއާ އެކީ އަޅުގަނޑު 100 ޕަސެންޓް ނޫނީ ފުލް މުސާރަ ނަގަން ފެށީ،" ރައީސް ވިދާޅުވިއެވެ.

ކުރިން ދިރިއުޅުއްވި ގެ ލާޖެއްސުމަށް ފަހު ހިލާލީ ގެއަށް ބަދަލު ވެވަޑައިގެންނެވި އިރު ބޮޑެތިވެފައިވާ ބޭފުޅުން އެ ގެއަށް ނުގެންދެވުނު ސަބަބާބެހޭ ގޮތުން ރައީސް ވިދާޅުވީ، ބާލިޣުވެފައިވާ ދަރިން ރިޔާސީ ގަނޑުވަރުގައި ނުގެންގުޅެވޭ ގޮތަށް ގާނޫނު އަސާސީ ލިޔެފައިވާ ކަމަށެވެ.