ހަބަރު

ދައުރު ނިމުމުގެ ކުރިން މާލީ ބަޔާން ހުށަހެޅުމުގެ ފުރުސަތު ރައީސަށް ވަނީ ދީފައި: ތަރުޖަމާނު

ރިޔާސީ ދައުރު ނިމުމުގެ ކުރިން މާލީ ބަޔާން ހުށަހެޅުމުގެ ފުރުސަތު އޮޑިޓާ ޖެނެރަލް ވަނީ ރައިސް އަބުދުﷲ ޔާމީނަށް ދެއްވާފައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

މުއާޒު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރިޔާސީ ފަހު އަހަރު ހިމަނައިގެން، ދައުރު ނިމުމުގެ ކުރިން މާލީ ބަޔާން ހުށަހަޅަން ފުރުސަތު ދީފައިވާ ސިޓީއެއް މީގެ ދެތިން ދުވަސް ކުރިން ރައީސް އޮފީހަށް އޮޑިޓާ ޖެނެރަލް ފޮނުވާފައިވާ ކަމަށެވެ. އަދި މާލީ ބަޔާން ގަވައިދުން ހުށަނާޅާ ރައީސުން ތިއްބެވި ކަމާއި، އެކަމާ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް މުއާޒުގެ ޓުވީޓްގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ކުރައްވާފައިވާ ޓުވީޓް

މުއާޒު އިތުރަށް ވިދާޅުވެފައިވަނީ، ރައީސް އަބުދުﷲ ޔާމީންގެ މާލީ ބަޔާނާ ގުޅޭ އެންމެހާ މަޝްވަރާތައް އޮޑިޓާ ޖެނެރަލްގެ ލަފަޔާ އެއްކޮށް ވަނީ ކޮށްފަ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ކުރައްވާފައިވާ ޓުވީޓް

ރައީސް އަބުދުﷲ ޔާމީންގެ ރިޔާސީ ދައުރު މިފެށޭ ނޮވެމްބަރު މަހުގެ17 ވަނަ ދުވަހު ނިމޭނެ އެވެ. ރިޔާސީ ދައުރު ނިމުމުގެ ކުރިން ރައީސް ޔާމީންގެ މާލީ ބަޔާން ހާމަ ކުރުމަށް ގިނަ ފަރާތްތަކަކުން ދަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތަށް ވެސް ހާމަ ކުރުމަށް ބައެއް ޖަމިއްޔާ ތަކުންވެސް ދަނީ ގޮވާލާ ބާރު އަޅަމުންނެވެ.