ހަބަރު

ސިއްރު ފެން ފުށި ރިސޯޓްގައި ބެހެއްޓި ބުދުތައް ނަގަން އަންގައިފި

Jul 27, 2018
13

ށ. ސިއްރުފެންފުށި ރިސޯޓްގައި ބުދު ބަހައްޓައިގެން ހެދި މޫދު އަޑީގެ ގެލަރީގައި ހުރި ބުދުތައް ނެގުމަށް ޓޫރިޒަމް މިނިސްޓްރީ އިން އެ ރިސޯޓަށް އެންގުމާ ގުޅިގެން އެތަކެތި ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

ރައީސްގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްރުފެންފުށީގައި ބުދުތަކެއް ބެހެއްޓި ކަމުގެ މައުލޫމާތު ސަރުކާރަށް ލިބިގެން އެ މައްސަލަ ބަލައި އެތަކެތި ނެގުމަށް އެ ރިސޯޓަށް އެންގުމަށް ޓޫރިޒަމް މިނިސްޓްރީއަށް ރައީސް އަންގަވާފައިވާ ކަމަށެވެ. އަދި އެތަކެތި ނެގުމަށް ޓޫރިޒަމް މިނިސްޓްރީ އިން ވެސް އެ ރިސޯޓަށް މިހާރު އަންގާފައިވާ ކަމަށް ވިދާޅުވި
އެވެ.

"މާދަމާގެ ނިޔަލަށް އެތަކެތި އެއްކޮށް ނެގުމަށް ޓޫރިޒަމް މިނިސްޓްރީ އިން މިހާރު ވަނީ އެ ރިސޯޓަށް އަންގާފައި،" މުއާޒު ކުރެއްވި ޓްވީޓްގައިވެ އެވެ.

އެ ރިސޯޓްގެ މޫދުއަޑީގައި ހެދި ގެލަރީއެއްގައި ބުދުތަކެއް ބެހެއްޓި މައްސަލަ އާންމުވީ ސޯޝަލް މީޑިއާގަ އެވެ. އަދި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ، ރާއްޖެއަށް ބުދުތަކެއް އެތެރެކޮށް ރިސޯޓެއްގައި އެތަކެތި ބެހެއްޓުމަކީ ދީނާ ހިލާފުކަމެއް ކަމަށް ބުނެ ސަރުކާރަށް ސޯޝަލް މީޑިއާގައި ފާޑުކިޔައިފަ އެވެ.