ހަބަރު

އުފަން ރަށުން ޝަހީމަށް ހޫނު މަރުހަބާއެއް

Jul 27, 2018
3

ރައީސް އަބްދުﷲ ޔާމީންގެ ރަނިންޓޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އޭނާގެ އުފަން ރަށަށް ވަޑައިގަތުމާއެކު ހޫނު މަރުހަބާއެއް މިއަދު ކިޔައިފި އެވެ.

ޝަހީމްގެ އުފަން ރަށަށް ކަމަށްވާ ގއ. މާމެންދޫއަށް މިއަދު ވަޑައިގަތުމާއެކު އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ އޭނާގެ ކާފަ އެވެ. އަދި އާއިލާގެ ގިނަ މެންބަރުން ޝަހީމަށް މަރުހަބާ ކިޔުމަށް ބަނދަރުގައި ތިއްބެވެ.

ރަށުގެ ފަހުރުވެރި ދަރިއަށް މަރުހަބާ ލިޔުމަށް މުޅި ރަށް ޒީނަތްކޮށްފައިވާއިރު ރަށުގެ ކުދި ބޮޑު ދެ ޖިންސުގެ ގިނަ ބަޔަކު ޝަހީމާ ސަލާމްކުރުމަށް ބަނދަރަށް އެއްވި އެވެ. އެ ރަށަކީ 15،00 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

މިއަދުގެ ހުކުރު ނަމާދު އިމާމުވެ މާމެންދޫގައި ކުރެއްވީ ވެސް ޝަމީމެވެ. ޝަހީމް ވަނީ މިއަދު ހަވީރު އެ ރަށުގެ ޕީޕީއެމްގެ "ކަނބަލުންގެ ޖަގަހަ" ހުޅުވައިދެއްވާފަ އެވެ. އަދި ވަކިވަކި ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައިވެ އެވެ.

ގއ. އަތޮޅުގައި ޝަހީމް އުޅުއްވާތާ މިހާރު ވަނީ ހަފުތާއެއްވެފަ އެވެ. މާމެންދޫއަށް ވަޑައިގެންނެވީ އެ އަތޮޅުގެ އެހެން ހުރިހާ ރަށަކަށް ވަޑައިގެން ރައީސް ޔާމީނަށް ކެމްޕެއިން ކުރެއްވުމަށްފަހު އެވެ. މިއީ އޭނާގެ ފުރަތަމަ ކެމްޕެއިން ދަތުރެވެ. މި ދަތުރު ނިންމާލައި މާދަމާ ރޭ ޝަހީމް މާލެ ވަޑައިގަންނަވާނެ އެވެ.