ހަބަރު

"ހަމަހަމަކަމަކީ" ރައީސް ޔާމީންގެ ޓްރޭޑްމާކެއް: މުއިއްޒު

ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެެއްނެތި ހުރިހާ ރަށަކަށް ހަމަހަމަ ކަމާއެކު ތަރައްގީ ގެނެސްދިނުމަކީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ޓްރޭޑް މާކެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިގޮތަށް ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ގޮއިދޫއަށް ވަޑައިގެން، ރާއްޖޭގެ ހުރިހާ ރަށަކަށް ހަމަހަމަ ކަމާއެކު ތަރައްގީ ގެނެސްދޭނެ ކަމަށް ވިދާޅުވުމާއި ގުޅިގެން ނެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން އަށްވުރެ ބޮޑަށް މި ގައުމުގެ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ތަފާތު ކުރުމެއްނެތި ތަރައްގީ ގެނެސްދިން ރައީސްއެއް މިގައުމަކަށް ނާންނަ ކަމަށެވެ. އަދި ވިދާޅުވީ، "ވެރިކަމުގެ ނިޒާމަށް ހަމަަހަމަކަން" މިއީ ރައީސް ޔާމީންގެ ޓްރޭޑް މާކެއް ކަމަށެވެ.

އިބޫ ވިދާޅުވީ، މިއަދު ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއަކީ ވެސް މުޅި ރާއްޖެ ޖަޒީރާވަންތަ ގައުމެއްގެ ގޮތަށް ތަރައްގީ ކުރުމަށް އެކުލަވާލާފައި އޮތް ތަސައްވަރެއްގެ މައްޗަށް އެކުލަވާލާފައިވާ މެނިފެސްޓޯއެއް ކަމަށެވެ.

"ގޮއިފުޅަދުއަކީ މި ބ. އަތޮޅުގައި ވަކިން އޮތް ކުޑަ އަތޮޅެއް، ޒަމާނުއްސުރެ ރާއްޖޭގެ ވެރިކަމުގެ ފަރާތުން އެހާ ބޮޑަށް އަޅާލައިފާ ނެތް އަތޮޅެއް، އެހެން ނަމަވެސް 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ މުޅި ރާއްޖެއަށް ހަމަހަމަކޮށް ތަރައްގީ ގެނައުމުގެ މަޝްރޫއެއް އެއިރު ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ފެށިން،" އިބޫ ވިދާޅުވި އެވެ.

އިބޫ މިގޮތަށް ވިދާޅުވެފައިވާއިރު، ރައީސް ޔާމީން ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައިވެސް ވަނީ ވަކި ޕާޓީއަކަށް ނުބަލައި ރަށްރަށަށް ތަރައްގީ ގެނެސް ދެމުން ގެންދަވާ ވާހަކަ ވަރަށް ގިނަ ފަހަރު ދައްކަވާފަ އެވެ.