ހަބަރު

ވޯޓުން ރައީސް ޔާމީން ބަލިކޮށް، މިގައުމުން ފުރުވާލަން ޖެހޭ: އަލީ ހުސެއިން

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ބަލިކޮށް، ރައްޔިތުން ގެއަށް ވަންނަން ޖެހޭނީ އެމަނިކުފާނު ގައުމުން ފުރުވާލުމަށްފަހު ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވި އެވެ.

ބ. ތުޅާދޫގައި މިހާރު ކުރިއަށްދާ އިދިކޮޅު ޖަލްސާގައި އަލީ ހުސެއިން ވިދާޅުވީ، މިއަދު ރައްޔިތުން އުޅެނީ، ހައްދު ފަހަނަ އަޅާފައިވާ އަނިޔާވެރި ކަމެއްގެ ތެރޭގައި ކަމަށެވެ. އަޅުގަނޑުމެންނަކީ މިނިވަން ބައެއް ކަމަށްވާނަމަ ނުވަތަ މިނިވަން ކަމަށް ލޯބި ކުރާ ބައެއް ކަމަށްވާނަ، އަޅުގަނޑުމެންގެ ދަރީންނަށްޓަކައި އަންނަ އޮތް ޖީލުތަކަށްޓަކައި މުހިންމު ނިންމުމެއް ނިންމަން ޖެހޭ ކަމަށް އަލީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ނިންމުން ނިންމަން ޖެހޭނީ ހަމައެކަނިލާ ވޯޓަކުން ނޫން، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ޔާމީންގެ ވެރިކަން ނިންމަން ޖެހޭނީ ހަމައެކަނި ވޯޓަކުން ނޫން، ވޯޓް ލާފަ އަޅުގަނޑުމެން ގެއަށް ވަދެގެން ނުވާނެ ރައީސް ޔާމީން އިސްތިއުފާދީފަ މިގައުމުން ފުރާގެން ނުދަންދެން، އަޅުގަނޑުމެން ޖެހޭނީ ވޯޓްލާ ވޯޓުން ބަލިކޮށް ޔާމީން މިގައުމުން ފުރުވާލަން، އޭގެ ކުރީގައި އަޅުގަނޑުމެން އެކަކުވެސް ގެއަށް ވަދެގެން ނުވާނެ،" އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ، ރީތި ނަލަނަލަ ޖަޒީރާ ރަށްތަކެއްގައި ދިރިއުޅެމުންއާ ރައްޔިތުންތަކެއް ކޮންކުރީޓް ހަތަރެސްކަން ގޮޅިއަކަށް ޖަމާކޮށް ތިން ލައްކަ މީހުން އެއްތަނަކަށް ހަމާކޮށް ދަރަނީގެ ވިހަ ބުރެއްގެ ތެރެއަށް މުޅި ގައުމު ގަރަގްކޮށްލައި މިނިވަންކަން ގެއްލޭކަށް އެއްވެސް ދިވެއްސަކު ބޭނުންނުވާ ކަމަށެވެ. އަދި ކޮންމެ ދިވެއްސަކުވެސް ބޭނުންވަނީ އަމިއްލަ ރަށުގައި ތިބެގެން ސާފު ބޯފެން ލިބޭނެ މަގެއް ތަނަވަސްވާން ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

"ކޮންމެ ދިވެއްސަކުވެސް އެދެނީ ފާހަނާ ކުރެވޭ ނިޒާމް ރަށުގައި ގާއިމްވެފަ އޮންނަން، އަޅުގަނޑުމެން ބޭނުންވަން ފަސޭހަ ކަމާއެކު އަރާފުރުމުގެ ނިޒާމެއް ގާއިމްވެފަ އޮންނަން، އެއްރަށުން އަނެއް ރަށަށް ފަސޭހަކަމާއެކީ ދަތުރުފަތުރު ކޮށްލެވޭނެ ނިޒާމެއް އޮތުން، މި ދިރިއުޅުން އުޅުމަށްޓަކައި ނުޖެހޭ ތިން ލައްކަ މީހުން ތޮއްޖެހި އެއްތަނަކަށް އެއްވާކަށް،" އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ، ނަމަވެސް މި ސަރުކާރު އައުމަށްފަހު ފެންނަމުން ދިޔައީ މުޅީން އެހެން މަންޒަރެއް ކަމަށެވެ. ފެނިގެން ދަނީ މި ސަރުކާރުން ގާނޫނު އަސާސީން ތަސައްވުރު ކޮށްފައިވާ ލާމަރުކަޒީ ނިޒާމް ބޮލާލާ ޖަހައި ކައުންސިލްތަކާއި ކައުންސިލަރުންނަށް ލިބިފައިވާ ބާރާއި އިހްތިޔާރުތައް މަރުކަޒީކޮށް މާލެއަށް އަނެއްކާވެސް ތޮއްޖެއްސުމަށް އިންތިހާއަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަޖެހޭ މިކަން ބަދަލު ކުރަން، މިކަން ބަދަލަު ކުރެވޭނީ އަޅުގަނޑުމެންނަށް، މިކަން ބަދަލު ކުރެވޭނީ ދިވެހި ރައްޔިތުންނަށް، މިކަން ބަދަލު ކުރަން އަޅުގަނޑުމެން މިއަދު މިތިބީ، މިކަން އަޅުގަނޑުމެން ބަދަލު ކުރާނީ މި އިންނެވި ކެނޑިޑޭޓް (އިބްރާހިމް މުހައްމަދު ސޯލިހް) އާއެކީ،" އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ، ބޭނުންވަނީ މިއަހަރުގެ އިންތިހާބުން ކާމިޔާބު ކޮށް ރާއްޖެއަށް އިންސާފުވެރިކަމާއި ރައްކާތެރި ކަން ހޯދައިދޭން ކަމަށެވެ. އަދި ވިދާޅުވީ، ދައުލަތެއް ހަަދައިގެން ރައްޔިތުން އަތުން ޓެކްސް ނަގައިގެން ކުރަން ޖެހެނީ ދެކަމެއް ކަމަށެވެ.

"އެއް ކަމަކީ ދައުލަތެއްގެ މިނިވަން ކަމާއި އިސްތިގްލާލް ރައްކާތެރިކޮށްދިނުން، ބޭރުފަރާތްތަކުގެ އަތުން، އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިފެންނަނީ އަޅުގަނޑުމެންގެ މިނިވަންކަން މަޑުމަޑުން ދޫވަމުންދާ މަންޒަރު، ބެލުމެއްނެތި ދިރާސާ ކުރުމެއްނެތި، ނަގާފައިވާ ބޮޑެތި ލޯނުތަކުގެ ސަބަބުން، އެލޯނުތައް ނަގާފައި ހުރީކީ ތަންދޮރު ބަލާފައެއް ނޫން،" އަލީ ހުސެއިން ވިދާޅުވި އެވެ.

ފެނިގެންް މިދަނީ އެ ލޯނުތައް ނުދެއްކުމުގެ ސަބަބުން ދައުލަތެއްގެ މިނިވަން ކަމާއި އިސްތިގްލާލް ރައްކާތެރިކޮށްނުދެވި، ބީވެގިންދާ މަންޒަރު ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އަދި ވިދާޅުވީ، ސެޕްޓެމްބަރު 23 ވަނަ ދުވަހު ރައްޔިތުން ނިކުމެ އަލުން މުގައުމުގެ މިނިވަންކަން ހޯދާނެ ކަަމަށެވެ.

"ދެވަނަ ކަމަކީ އިންސާފު ގާއިމް ކުރުން، ވަރަށް ފަހުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހެދި ދިރާސާއެއްގައި ދައްކާގޮތުން 75 ޕަސެންޓަށްވުރެ ގިނަ މީހުން ރާއްޖޭގައި ގަބޫލެއް ނުކުރެ އިންސާފުލިބޭ ކަމަކަށް،" އަލީ ހުސެއިން ވިދާޅުވި އެވެ.