ހަބަރު

އިބޫ އަކީ މިރާއްޖެ އެކުވެރިކޮށް އެއްބައިވަންތަ ކޮށްދޭނެ ލީޑަރު: ޝާހިދު

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އަކީ މި ރާއްޖެ އެކުވެރިކޮށް އެއްބައިވަންތަ ކޮށްދޭނެ ލީޑަރެއް ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ތުޅާދޫގައި ގުޅިފައިވާ އިދިކޮޅު އިއްތިހާދުން މިރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ، މިއަދު ރާއްޖެއަށް މިވަގުތު ބޭނުންވަނީ ރާއްޖެ އެކުވެރިކޮށް އެއްބައިވަންތަ ކުރާނެ ލީޑަރެއް ކަމަށެވެ. ސިޔާސީ ހިޔާލު ތަފާތުވުންތަކާއި ސިޔާސަތުގެ ހިޔާލު ތަފާތުވުންތަކާއި ސިޔާސީ ފިކުރުގެ ތަފާތުވުންތަކާ އެކުގައިވެސް އެންމެން އެކަތި ގަނޑަކަށް ގެނެސްދޭނެ ލީޑަރެއް ކަމަށެވެ. އެ ލީޑަރު މިހާރު ފެންނަ ކަމަށާއި އިބޫ ފެނިގެން ދަނީ އެފަދަ ލީޑަރެއްގެ ގޮތުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މި ވޭތުވެދިޔަ 25 އަކަށް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ހަމަ ކޮންމެ ދުވަހަކު ބައްދަލުވާ ބޭފުޅެއް، އިބޫ އަކީ މި ރާއްޖެ އެކުވެރި ކޮށްދެއްވާނެ ބޭފުޅެއް، މި ރާއްޖެ އެއްބައިވަންތަ ކޮށްދޭނެ ލީޑަރެއް، މި ރާއްޖޭގައި އުފެދިފައިވާ ފަސާދައާ ފިތުނަ ނައްތާލަ ދެއްވާނެ ލީޑަރެއް، އަޅުގަނޑުމެއް މިސްރާބު މިހުރީ ހެޔޮ މިސްރާބާ ދިމާލަށް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ރާއްޖެއަށް މިވަގުތު ބޭނުންވަނީ ތަރައްގީގެ ނަމުގައި ވައްކަން ކުރާ ލީޑަރެއް ނޫން ކަމަށާއި އިބޫ އަކީ ތަރައްގީގެ ނަމުގައި ވައްކަން ކުރާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އިބޫ އަކީ ތެދުވެރިކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި ފެނިފައިވާ ބޭފުޅެއް ކަމަށާއި މިއަދު އެމަނިކުފާނުގެ ފަހަތުގައި ހުންނެވީ އެހެންވެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ވެރިކަމުގެ ލައްޒަތާއި ބާރާ ވެރިކަމުގެ ބޭނުމުގައި ހިތުހުރިހާ ގޮތަށް ކަންތައް ކުރާ ބޭފުޅެއް ނޫން، ރައީސް ޔާމީން ވެރިކަމަށް ގެންނަން މަސައްކަތް ކުރި ހުރިހާ ބޭފުޅުން ތިބީ ޖަލުގަ، ވެރިކަމުގެ ލައްޒަތާއި ބާރާ އާރު ދެމެހެއްޓުމަށްޓަކައި އަނދަގޮނޑި ޖަހާފަ، ކިތަންމެ ބޭފުޅަކު އެބަތިބި،

ރައީސް ޔާމީން ހަމައެކަނި ބޭނުންވަނީ ވެރިކަމުގެ ލައްޒަތު ކަމަށާއި ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރަން ބޭނުންނުވާ ކަމަށެވެ. މިއަދު ލީޑަރަކަށް ނެރެން ޖެހޭނީ ރައްޔިތުންނާއި ގާތުން ވެރިކަން ކުރައްވާ ރައްޔިތުންގެ ބަސް އަޑު އައްސަވާ ރައްޔިތުންނަށްޓަކައި ގުރުބާންވާންކެރޭ ލީޑަރެެއް ކަމަށެވެ. އެއީ އިބޫ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މި އިންތިހާބު މިއޮތީ ބޮޑުތަނުން މޮޅުވެފަ، އަޅުގަނޑުމެން އަތްމަތީގަ އޮތް އިންތިހާބެއްމީ، އަޅުގަނޑުމެން އަދާ ކުރަންވީ ފަރުދީ ޒިންމާ، އަޅުގަނޑުމެން ކޮންމެ ފަރުދަކު، މިގައުމު ސަލާމަތްކޮށްދޭން ބޭނުންވާ ކޮންމެ ފަރުދަކު، ކޮންމެ ދިވެހި ލޮބިވެތި ރައްޔިތަކު ނިކުމެ ބަލަންވީ ތިމާ ރަޖިސްޓަރީވެފަ އޮތީ ކޮންތަނަކަށްތޯ، އަވަހަށް ރެޖިސްޓާ ކުރައްވާ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ދައްކާ ނަފްސާނީ ބިރު ފަހަނައަޅާ ދާން ޖެހޭ ކަމަށާއި ވަޒީފާގެ ބިރަށް ނުވަތަ ޖަލަށްލާނެ ކަމުގެ ބިރަށް މިއަދު ތިބެގެން ނުވާނެ ކަމަށެވެ. އަދި މިގައުމަށާއި ނަފްސަށް ތެދުވެރިވެ، އަންނަ ރިޔާސީ އިންތިހާބުގައި އިބޫގެ ނަންފުޅާ ދިމާލުގައި ފާހަގަ ޖަހަގަ ޖަހަންޖެހޭ ކަމަށެވެ. އެނޫން ގޮތަކަށް މިގައުމު ސަލާމަތް ކުރެވެންނެތް ކަމަށް ޝާހިދު ވިދާޅުވި އެވެ.