ހަބަރު

ޖޭޕީއިން ވަކިވެ ކަމާލުއްދީން މައުމޫން އަރިހަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސްތަކެއްވަންދެން ކެބިނެޓްގައި މަސައްކަތް ކުރެއްވި އަބްދުﷲ ކަމާލުއްދީން ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ކަމާލުއްދީން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2012 ވަނަ އަހަރު އެވެ. އެއީ ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭން ނިންމި ދުވަސްވަރު އެވެ. އެ ފަހަރުގެ އިންތިހާބުގައި ކަމާލުއްދީން ތާއީދު ކުރެއްވީ ގާސިމް އިބްރާހިމަށެވެ.

މީގެ ހަ ދުވަސް ކުރިން ކަމާލުއްދީން ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައިވާއިރު މިހާރު މަސައްކަތް ކުރައްވަމުން ދަނީ ރައީސް މައުމޫންގެ "މައުމޫން ރީފޯމް މޫވްމަންޓް" ގެ ކުރީ ސަފުގަ އެވެ. އެ މޫވްމަންޓަކީ އިދިކޮޅު އެހެން ޕާޓީތަކާއެކު ކޯލިޝަނެއްގައި މަސައްކަތް ކުރާ މޫވްމެންޓެކެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީ ވެސް ހިމެނެ އެވެ.

ކަމާލުއްދީން ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައިމިވަނީ އެ ޕާޓީގެ އެންމެ ފަހުގެ ކޮންގްރެސްގައި ޑެޕިއުޓީ ލީޑަރުގެ އިންތިހާބުގައި އޭނާއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައި ވަނި ކޮށެވެ.

ބ. ތުޅާދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކާމާލުއްދީން ވިދާޅުވީ، އޭނާއަކީ ޕާޓީއެއް، ކުލައެއް އަދި ދިދައެއް ވެސް ނެތް ބޭފުޅެއް ކަމަށެވެ. ނަމަވެސް ރައީސް މައުމޫނާއެކު މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން ވެސް އެދެނީ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރެއްވުމަށް ކަމަށާއި އޭނާ އެ ކޯލިޝަނާއެކު މަސައްކަތް ކުރައްވަނީ އެހެންވެ ކަމަށެވެ.