މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ކުޅިވަރުތައް މިރޭ ގަލޮޅު ދަނޑުގައި ބާއްވައިފި އެވެ.
މިރޭގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް އަބުދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ފާތުމަތު އިބްރާހީމެވެ. ރައީސްގެ ދެކަނބަލުންނާއެކު ދައުލަތުގެ ބައެއް އިސްވެރިންނާއި މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ގިނަ އަދަދެއްގެ އާންމުންވެސް ކުޅިވަރު ބެލުމަށްޓަކައި ގަލޮޅު ދަނޑަށް ގޮސްފައި ވެއެވެ.
ސުކޫލުތަކުންނާއި ސިފައިގެން ފަރާތުން ތަފާތު ކުޅިވަރުތައް މިރޭ ހުށަހަޅާދީފައި ވެއެވެ. ގިނަ ނެށުންތަކެއް ފެނިގެން ގޮސްފައިވާ މި ރަސްމިއްޔާތުގައި ސުކޫލުތަކުގެ ފަރާތުން ތަފާތު އެކި ތީމް ތަކަށް ލަވަތައް ހުށަހަޅާދީފައި ވެއެވެ.
އެންމެ ފުރަތަމަ މިނިވަން ދުވަހުގެ ކުޅިވަރުތައް ބާއްވަން ހަމަޖެއްސީ ރޭގަ އެވެ. ނަމަވެސް ވަކި ސަބަބެއް ނާންގައި ހޯމް މިނިސްޓްރީން ވަނީ ކުޅިވަރުތައް މިރެއަށް ފަސްކޮށްފައިވާކަން އަންގާފަ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ދިވެހި ސިފައިންގެ ތަފާތު ހުނަރުތައް ދައްކައިލާ މިނިވަންދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު އޮންނާނެ އެވެ.
އެހެން އަހަރުތަކުގައި އާންމުކޮށް ބާއްވަމުން އަންނަ ފުޅަނދުބުރު މިފަހަރު ނުބާއްވަ އެވެ. ނަމަވެސް މިރޭ ވަނީ ފޯރިގަދަ ޝޯއަކާއެކު ރަސްފަންނު ސަރަހައްދުގައި ހަވާ އަރުވާފަ އެވެ.
މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ރަސްމީ ބައްދަލު ކުރެއްވުން ބާއްވާފައިވަނީ ބުދަ ދުވަހުގެ ރޭ އެވެ. އަދި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ރޭ ޖުމްހޫރީ މައިދާނުގައި ވަނީ ބާއްވާފަ އެވެ. އެ ޖަލްސާގައި ގައުމީ އިނާމް 20 ބޭފުޅަކަށް ދެއްވާފައިވެ އެވެ.