ދުނިޔެ

މިސްރުގެ ބޮޑު މުޒާހަރާއާ ގުޅިގެން 75 މީހަކަށް މަރުގެ ހުކުމް އިއްވައިފި

Jul 29, 2018

ކާއިރޯ (ޖުލައި 28) - މިސްރުގެ ވެރިކަން ވައްޓާލުމާއި ގުޅިގެން 2013 ވަނަ އަހަރު ކުރި މުޒާހަރާއެއްގައި ބައިވެރި 75 މީހަކަށް މަރުގެ ހުކުމް އިއްވައިފި އެވެ.

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ވައްޓާލީ މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އިސްވެ ހުރެ ސިފައިން ގެނައި ބަޣާވާތެއްގަ އެވެ.

އޭގެ ފަހުން، މިދިޔަ މާޗު މަހު ސީސީ ވަނީ އަލުން އިތުރު ދައުރަކަށް ހޮވިވަޑައިގެންފަ އެވެ.

އެ ބަޣާވާތާއި ދެކޮޅަށް ކުރި މުޒާހަރާގައި، މިސްރުގެ ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވި މީހުންގެ ތެރޭގައި މުރްސީގެ ޕާޓީ މުސްލިމް ބްރަދާހުޑްގެ އިސް އޮފިޝަލުން ހިމެނެ އެވެ.

އެ ހުކުމް މުރާޖައާ ކުރުމަށް މިސްރުގެ ދީނީ ކަންކަމާއިބެހޭ އެންމެ މަތީ މަޖީލީހަށް ވަނީ ހުށަހަޅާފަ އެވެ. ގާނޫނީ ގޮތުން ހުކުމް ބަދަލުކުރުމުގެ އެއްވެސް ބާރެއް "ގްރޭންޑް މުފްތީ" އަށް ނެތް ނަމަވެސް، މަރުގެ ހުކުމްތަކުގައި އެންމެ ފަހު ބަސް ބުނާނީ އެ ފަރާތުންނެވެ.

ގްރޭންޑް މުފްތީގެ ނިންމުން ސެޕްޓަމްބަރު މަހުގެ 8 ވަނަ ދުވަހުގެ ކުރިން ހާމަކުރާނެ ކަމަށް ބެލެވެ އެވެ.

އޯގަސްޓް 2013 ގައި މުރްސީގެ މުސްލިމް ބްރަދާހުޑްގެ ސަޕޯޓަރުން ކުރި މުޒާހަރާގައި، 739 މީހުންގެ މައްޗަށް ވަނީ ދައުވާ އުފުލިފަ އެވެ.

އެ މުޒާހާރާގައި ސިފައިން ނުކުމެ ކޮންޓްރޯލް ކުރުމުގެ ތެރޭގައި 800 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް މަދަނީ ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ.