ދުނިޔެ

މިސުރުގައި 75 މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލްކުރުމަށް އދ. އިން ގޮވާލައިފި

Sep 10, 2018

ގާހިރާ (ސެޕްޓެމްބަރު 10) - މިސްރުގެ ވެރިކަން ވައްޓާލުމާއި ގުޅިގެން 2013 ވަނަ އަހަރު ކުރި މުޒާހަރާއެއްގައި ބައިވެރި އިތުރު 75 މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލުކުރުމަށް އދ. އިން ގޮވާލައިފި އެވެ.

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ވައްޓާލީ މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އިސްވެ ހުރެ ސިފައިން ގެނައި ބަޣާވާތެއްގަ އެވެ.

އޭގެ ފަހުން، މިދިޔަ މާޗު މަހު ސީސީ ވަނީ އަލުން އިތުރު ދައުރަކަށް ހޮވިވަޑައިގެންފަ އެވެ.

އެ ބަޣާވާތާއި ދެކޮޅަށް ކުރި މުޒާހަރާގައި، މިސްރުގެ ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވި މީހުންގެ ތެރޭގައި މުރްސީގެ ޕާޓީ މުސްލިމް ބްރަދާހުޑްގެ އިސް އޮފިޝަލުން ހިމެނެ އެވެ.

އެކަމާއި ގުޅިގެން އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ ޖަމިއްޔާގެ ރައީސް މިޗޭލް ބެޗެލޭ ވިދާޅުވީ، އެ މީހުންނަށް އިންސާފުވެރި ޝަރީއަތެއް ލިބިފައިނުވާ ކަމަށެވެ.

މަރުގެ ހުކުމް އިއްވި މީހުންގެ ތެރޭގައި ބްރަދަހުޑުގެ ލީޑަރުން ކަމަށްވާ އީސަމް އލް އާރިއަމް އާއި މުހައްމަދު ބަލްތާގީ ހިމެނެ އެވެ. އަދި އެ ޖަމާއަތުގެ ރޫހާނީ ލީޑަރު މުހައްމަދު ބަދީއު އަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވައިފަ އެވެ.

މުހައްމަދު ބަދީއުގެ މައްޗަށް 2014 ވަނަ އަހަރު އިއްވި މަރުގެ ހުކުމަށް މިސްރުގެ ގްރޭންޑް މުފްތީ ދެކޮޅު ހެއްދެވުމުން އެ ހުކުމް ފަހުން ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކޮށްފަ އެވެ. އޭނާގެ އިތުރުން ވަނީ 46 މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވައިފަ އެވެ. ގާހިރާގައި ބޭއްވި ޝަރީއަތުގައި 612 މީހަކަށް ވަނީ 5-15 އަހަރާ ދެމެދުގެ އެކި ވަރުގެ ހުކުމްތައް އިއްވައިފަ އެވެ.

މަޝްހޫރު ފޮޓޯގްރާފަރު މަހްމޫދު އަބޫ ޒައިދަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެކަމަކު އޭނާ ހައްޔަރު ކުރީ އޮގަސްޓް 2013 ގައި ކަމަށްވާތީ އޭނާގެ މައްޗަށް އިއްވި ހުކުމުގެ މުއްދަތު ހަމަވެފައިވާތީ މިހާރު ވަނީ މިނިވަންވެފަ އެވެ.

އޯގަސްޓް 2013 ގައި މުރްސީގެ މުސްލިމް ބްރަދާހުޑްގެ ސަޕޯޓަރުން ކުރި މުޒާހަރާގައި، 739 މީހުންގެ މައްޗަށް ވަނީ ދައުވާ އުފުލިފަ އެވެ.

އެ މުޒާހާރާގައި ސިފައިން ނުކުމެ ކޮންޓްރޯލް ކުރުމުގެ ތެރޭގައި 800 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް މަދަނީ ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ.