ގައުމީ ފުޓްބޯޅް ޓީމް

ގައުމީ ޓީމުގެ އެސިސްޓެންޓަކަށް ޖޯޖިއާގެ ޖެލާ ޝެކިލާޒޭ

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ޖޯޖިއާގެ ޖެލާ ޝެކިލާޒޭ ހަމަޖައްސައިފި އެވެ.

ޖެލާ ޝެކިލާޒޭ ވަނީ ގައުމީ ޓީމާއެކު މަސައްކަތް ކުރުމަށް އިއްޔަ މާލެ އައިސްފަ އެވެ. އޭނާއަކީ ވަނީ، ގައުމީ ޓީމުގެ ހެޑް ކޯޗް ކްރޮއޭޝިއާގެ ޕީޓާ ޝެގަޓް، ޖޯޖިއާގެ ގައުމީ ޓީމާއި އަފްގާނިސްތާން ޓީމުގައި މަސައްކަތް ކުރިއިރު އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

އެފްއޭއެމް ޑެޕިޔުޓީ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނީ، ޖެލާ ގެނެސްފައި ވަނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ. ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި މިހާރު ދެ ކޯޗުން ތިބޭނެ އެވެ. އެއީ ކުލަބު އީގަލްސްގެ ކުރީގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު (ޝާކިއްޓޭ) ވެސް ހިމަނައިގެންނެވެ.

ޖެލާ ޝެކިލާޒޭ ވަނީ، 11 އަހަރު ވަންދެން ޖޯޖިއާގެ ފުޓްބޯޅަ ފެޑްރޭޝަންގައި މަސައްކަތް ކޮށްފަ އެވެ. ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ވަނީ ބެލްޖިއަމްގެ ލީގްގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފަ އެވެ. ޑިފެޑަރަކަށް ކުޅުނު ޝެކިލާޒޭ ވަނީ ޖޯޖިއާގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.

ސާންތީ ބުނީ ދެތިން ދުވަސް ތެރޭ ބޭރުގެ ފިޓްނަސް ކޯޗެއްވެސް ގައުމީ ޓީމާ ގުޅޭނެ ކަމަށެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ ފިޔަވައި އަނެއް ހަ ގައުމުން ވަނީ ޕްރެކްޓިސް ފަށާފަ އެވެ. ރާއްޖޭގެ ޕްރެކްޓިސް މިރޭ ފަށާގޮތަށް ވަނީ ހަމަޖެހިފަ އެވެ. ޕްރެކްޓިސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ޓާފް ދަނޑުގަ އެވެ. އެއީ މިނިވަން ދުވަހުގެ ކުޅިވަރުތައް ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވުމުން ދަނޑުގެ ވިނަގަނޑު ހަލާކު ވެފައި ވުމުންނެވެ.

ސާންތީ ބުނީ، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށް 30 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އޯގަސްޓް މަސް ތެރޭގައި ގަތަރުގައި ޓްރެއިނިން ކޭމްޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ސާންތީ ބުންޏެވެ. ބަންގުލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފަށަނީ ސެޕްޓްމެބަރު މަހު ހަތަރެއް ގަ އެވެ. މުބާރާޓުގައި ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ޝްރީލަންކާއާއެކު ގުރޫޕް "ބީ" ގަ އެވެ.