އިންޑިއާގައި، 2015 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ކުރިން ، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވަނީ، އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އޭނާގެ އެންމެ ފަހުގެ ސާފްގެ މުބާރާތް ކަމަށް އިއުލާން ކޮށްފަ އެވެ. ހަގީގަތުގައި އަޝްފާގްގެ ނިންމުމަކީ ދިވެހި ފުޓްބޯޅައިގެ ކުރިމަގު ކަނޑައަޅަން ތިބި މީހުންނަށް އޮތް މެސެޖެކެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ޓްރާންސްޝިޝަނަލް ޕީރިއަޑަކާ ހަމަޔަށް ގެންދަވީ ވަގުތެވެ. އާ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީ އެ ކުޅުންތެރިން ގައުމީ ޓީމުގައި ލީޑް ކުރަން ފުރުސަތު ދޭން ޖެހެ އެވެ. އެހެންނަމަވެސް އަދި އެ މަސައްކަތް އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވެއެކޭ ދެންނެވޭކަށް ނެތެވެ.
ރާއްޖޭގެ ފުޓްބޯޅައަށް މިހާރު ބޯމަތިވަމުން އަންނަނީ ބަންގުލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕެވެ. އަވަށްޓެރި އެހެން ގައުމުތަކުގެ ޓީމުތަކުން ވަނީ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. ގުރޫޕް ސްޓޭޖުގައި ރާއްޖެއާ ވާދަ ކުރާ ދެ ގައުމު ކަމަށްވާ، އިންޑިއާ އާއި ޝްރީލަންކާގެ ޓީމުން ވަނީ އެ ދެ ޓީމުން ގިނަ އަދަދަކަށް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އިންޑިއާއިން ނެރެނީ 23 އަހަރުން ދަށުގެ ޓީމެވެ. ލަންކާގެ ކޯޗް ފަކީރު އަލީ ބުނީ ސާފް ޗެމްޕިއަންޝިޕްގެ ބޭނުން އޭނާ ހިފާނީ ލަންކާގެ ފުޓްބޯޅައިގެ ކުރިމަގު ބިނާ ކުރަން ކަމަށެވެ.
ދެން މިއޮތީ ރާއްޖޭގެ ޓީމެވެ. ވޭތުވެދިޔަ ތިން އަހަރު ފެނުނީ އެއް މަންޒަރެކެވެ. ރާއްޖޭގެ ފުޓްބޯޅައިގައި އާ ކުޅުންތެރިން ނެރެންޖެހޭ ކަމަށް ކޮންމެ ކޯޗަކުވެސް ޓީމާ ހަވާލުވެފައި ވާހަކަ ދައްކަ އެވެ. ނަމަވެސް ޓީމަށް ނެގިއަސް ރަސްމީ މެޗެއްގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ލިބޭލެ މަދެވެ. މި ހާލަތު ބަދަލުކޮށް ގައުމީ ޓީމުގެ އާ ޖީލު ބިނާ ކުރަން އިސްކަން ދޭން ޖެހެ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފެބްރުއަރީ މަހު ވިދާޅުވެފައި ވަނީ، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރަން ގައުމީ ޓީމަށް ލާޒިމު ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް ވާދަ ކުރާނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ކަމަށެވެ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ރަނގަޅެވެ. ނަމަވެސް ރާއްޖޭގެ ފުޓްބޯޅަ ހިންގަވަން ހުރި އެންމެ އިސްފަރާތުން އެ ވާހަކަ ދެއްކެވުމަކީ މައްސަލައެކެވެ. ޒުވާން ކުޅުންތެރިންނަށްވެސް ބާރު އަޅަން ޖެހޭނީ ބުރަ ކޮށް މަސައްކަތް ކޮށް ކާމިޔާބު ހޯދުމަށެވެ.
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖެ ފިޔަވައި މުބާރާތުގައި ވާދަ ކުރާ އަނެއް ހަ ގައުމުން ވަނީ، މިހާރުވެސް ޕްރެކްޓިސް ފަށާފަ އެވެ. ރާއްޖޭގެ ޕްރެކްޓިސް މިރޭފަށާ ގޮތަށް އެފްއޭއެމުން ވަނީ ތާވަލު ކޮށްފަ އެވެ. އަދި މިއަދު 30 ކުޅުންތެރިންގެ ސްކޮޑެއް އިއުލާން ކުރާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.