ވާހަކަ

ބުނެދޭށޭރުހެމޭ

(26 ޖުލައި 2018 އާ ގުޅޭ)

"މި ނިމުނީނު، ޖޫސްތަށި ހުސްވެއްޖެ... އަހަރެން އެއްވެސް ވާހަކައެއް އިތުރަށް ކަލެއާ ދައްކާކަށް ބޭނުމެއްނޫން" ނިމްރާ ހިނގައިގަތީ ބޯލްރޫމުގެ ދޮރާ ދިމާއަށެވެ. މިޢުވާނު އަތުގައި ހުރި ތަށިތައް އެންމެ ކައިރިން ޖެހުނު މޭޒުމަތީ ބަހައްޓާފައި ނިމްރާގެ ފަހަތުން ހަލުވިކޮށް އައެވެ.

މިޢުވާނުގެ ތުންފަތުގައިވީ މަކަރުވެކަމުން ފުރިގެންވި ހިނިތުންވުމެކެވެ. އޭނާ އުންމީދުކޮށްގެން ހުރީ އެހާ ފަސޭހައިން ނިމްރާއަށް އެ ޖޫސްތަށި ދެވިދާނޭކަމަކަށްނޫނެވެ. އެހެންވިޔަސް އެކަން ބޭނުންވި ގޮތަށް ވުމުން އަވަސްވެލީ މީހަކަށް ފާހަގަވުމުގެ ކުރީން ނިމްރާ ގޮވައިގެން ހޮޓެލްއިން ނުކުންނާށެވެ.

މިޢުވާނަށް ސްކާލެޓް ގޮމަ ހޮޓެލްގައި ޑިނާ ނައިޓެއް އޮންނަކަން އޮތީ އެނގިފައެވެ. އެ ޙަފުލާއަށް އައީ ނިމްރާއާ ބައްދަލުވާނޭކަން ޔަޤީން ކުރުމަށްފަހުއެވެ. މިޢުވާނުގެ ލިސްޓުގައި އަންހެންކުދީން މަދެއްނޫނެވެ. އެރޭގެ ޙަފުލާއަށް އޭނާ ގެނައީ އެ ލިސްޓުން ކުއްޖެކެވެ. ހަމައެކަނި އެރެއަށް ޚާއްޞަކޮށްގެންނެވެ. މީހުންގެ ލޮލުގައި އަދުންއެޅުވުމަށެވެ. ޚާއްޞަކޮށް ނިމްރާގެ ލޮލުގައެވެ. ޙަފުލާގައި ކެއުންބުއިމުގެ ކަންތައް ހެމެޖެހިފައި އޮތްކަން އެނގޭތީ އޭނާ އައީ "ޕާޓީޑްރަގްސް" ޕެކެޓެއް ހިފައިގެންނެވެ. ފާސްކުރުމަކާއި ނުލާ ޓިކެޓު އޮތުމުން ސެކިއުރިޓީ ސްޓާފުން އައީ ޓިކެޓުތަކަށް ބަލައި މީހުން ވައްދަމުންނެވެ. އެހެންވެ އެ ބޭސްގުޅަތައް އެތެރެކުރުން އުނދަގުލަކަށްނުވިއެވެ. އޭރުވެސް އޭނާގެ ޚިޔާލު ހުރީ ނިމްރާއާ ދިމާވެއްޖެނަމަ އެ ތަނުން ބޭސްގުޅައެއް އޭނާއަށް ދިނުމެވެ. އަދި އެއަށްފަހު އޭނާ ބޭނުންވާ ތަނަކަށް ނިމްރާ ގެންދިއުމެވެ. ނިމްރާ ބްލެކްމެއިލް ކުރާނޭ ފުރުޞަތެއް ހޯދުމެވެ. ސުލްޙަވެރިކަމާއެކު ނިމްރާ ނާންނާނޭކަން އެނގޭތީއެވެ. ނިމްރާ ވަނީ އެ ދެމެދުގައި އިތުރު ގުޅުމެއް ބާއްވަން ބޭނުންނުވާކަން ސާފުކޮށްދީފައެވެ. އެހެންނަމަވެސް މިޢުވާނުގެ ހިތުގައި ނިމްރާއާ މެދު އަލުން ޝައުގުވެރިކަން އުފެދުނީތީ އޭނާ ނިމްރާގެ ނިންމުން ބަލައިގަންނަން ތައްޔާރެއްނޫނެވެ. އެންމެ ބޮޑު ބޭނުމަކީ މިޢުވާނުގެ މަތިން ނިމްރާ ހަނދާންނެތުނަ ނުދިނުމެވެ.

* * * * *

ރާދިން ބޭރަށް ނުކުތީ އަރްސަލް ހޮޓެލަށް އައިސް މެސެޖުކުރުމުންނެވެ. އެހެންނަމަވެސް އޭނާ އެވަގުތު ހޮޓެލްގައި ކުރިއަށް ދަމުންދިޔަ ޙަފުލާގެ ތެރެއަށް ނުވަދެ ދިޔައީ ޒިވަންގެ ގާތަށެވެ. ދެ ޒުވާނުން ތިބީ ސީސީޓީވީ ކޮންޓްރޯލު ރޫމު ތެރޭގައި ޒިވަންއަށް ޚާއްޞަކޮށްފައި ހުންނަ ކޮޓަރިތެރޭގައެވެ. ކޮންޓަރޯލު ރޫމުގައި ހުރި މޮނީޓަރތަކުން އަރްސަލް ބަލަމުންދިޔައީ ނިމްރާއަށެވެ. ޒިވަން އޭނާއާ އެކަމާ ދިމާކޮށް ހެދިއެވެ. އެހާވަރުން ނިމްރާގެ އުޅޭނޫޅޭ ގޮތް ބެލުމުގެ ބަދަލުގައި ޙަފުލާ ގޮސް ނިމްރާގެ ގާތުގައި ހުރުމަށް ޒިވަން ބުނަމުންދިޔައެވެ. އެކަމަކު އަރްސަލް މަޑުކުރަމުން އައީ ޙަފުލާ ނިމި ނިމްރާ އެޕާޓްމެންޓަށް އަންނާނޭ އިރަކަށެވެ. ހޮޓެލްގެ ޕާކިން ސަރަޙައްދުގައި ނިމްރާއާއެކު މިޢުވާނު ހުއްޓާ ފެނުނުފަހުން އެ ޚިޔާލުތައް އަރްސަލް ހަމަޖެހިލައިގެން ހުންނަން ފުރުޞަތެއް ނުދެއެވެ. އަލުން ނިމްރާގެ ދިރިއުޅުމަށް މިޢުވާނު ނޫނަސް އެއްވެސް ފިރިހެނަކު އަންނާކަށް އަރްސަލް ނޭދެއެވެ. އޭގެ ކުރީން އޭނާގެ ވިސްނުމުގައި ހުރީ ނިމްރާ ހުރިހާ ގޮތަކުން މިލްކުކުރުމެވެ.

"ހޫ އިޒް ދެޓް؟" ޒިވަންގެ ހުރިހާ ސަމާލުކަމެއް ހުރީ މޮނީޓަރއަށް ހުއްޓިފައެވެ.

"ވަޓް ދަ **، ދެޓް ބަސްޓާޑް... އައި އޭމް ގޮއިން ޓު ކިލް ހިމް" އިސްކުރީނުން ފެންނަމުންދިޔަ މަންޒަރުން އަރްސަލްގެ ދުލުން ނުކުތީ އެދެވޭ ބަސްތަކެއް ނޫނެވެ. އިން ގޮޑިން ވަގުތުން އަރްސަލް ތެދުވިއެވެ. އެއާއެކު ކަމެއް ގޯސްވެއްޖެކަން ޒިވަންއަށް ވަގުތުން އެނގިއްޖެއެވެ. ޖީބުގައި އޮތް ފޯނު ނަގައި އަރްސަލް ގުޅީ ރާދިންއަށެވެ.

"ނިމް ނުފެނިގެން މިއުޅެނީ، ފޯނެއް ނުނަގާ... ދިޔައީކަންނޭނގެ" ރާދިން އޮޅުންފިލުވައިދިނެވެ. އެކަމަކު އިތުރު ވިސްނުމަކަށް ރާދިންގެ ސިކުނޑި މަސައްކަތް ކުރީ އަރްސަލްގެ ވާހަކަ އަޑު އަހާފައެވެ. ޙަފުލާ ދޫކޮށް ރާދިން ވެސް އަވަސްވެގަތީ ނިމްރާ ހުރި ހިސާބަކަށް ދާށެވެ.

* * * * *

"ނީމް... ކިހިނެއްވީ؟" އެލެވޭޓާ ކައިރީ ފާރުގައި އެއްއަތް ވިއްދާލައިގެން އަނެއްއަތުން ނިތްކުރީގައި ހިފަހައްޓާލައިގެން ހުރި ނިމްރާގެ ކޮނޑުގައި މިޢުވާނު އަތްޖައްސާލިއެވެ.

"ބޮލުގައި ރިއްސަނީ، އަހަރެން... ފަ..ހަ..ތު..ން..." ނިމްރާއަށް ނޭނގޭ ގޮތްތަކެއްވަމުން ދާހެން ހީވެ ބުނަން އުޅުނު އެއްޗެއް ވެސް ފުރިހަމައެއް ނުކުރެވުނެވެ.

"ފުޑް ޕޮއިޒަންވީތަ؟ ލެޓް މީ ހެލްޕް ޔޫ" ނިމްރާގެ ކޮނޑާއެކު އަތުގައި ހިފާލަމުން މިޢުވާނު ބުންޏެވެ.

"އެއްވެސް އެއްޗެއް އަދި ނުކަން... ފެންފޮދެއް ބޯލައިގެން ހުރި ގޮތަށް މި ހުރީ، ނޫން! އޭގެ ފަހުން ޖޫސް ބުއީ... މިޢުވާނު ގެނެސްދިން ޖޫސްތަށި" ކުއްލިއަކަށް ނިމްރާގެ ސިކުނޑިއަށް އެރި ޚިޔާލާއެކު މިޢުވާނާ ދުރަށް ޖެހެން މަސައްކަތްކުރިއެވެ. އެހެންނަމަވެސް މިޢުވާނު ހުރީ ނިމްރާ ދޫކޮށްލާ ގޮތަކަށްނޫނެވެ. ނިމްރާއަށް ވެސް ފާހަގަވީ އޭނާ ބޭނުންވާގޮތަށް އޭނާގެ ހަށިގަނޑު މަސައްކަތް ނުކުރާކަމެވެ. ހަރަކާތްތައް ލަސްވިޔަސް ސިކުނޑިއާއި ހިތް އާދަޔާ ޚިލާފަށް މަސައްކަތް ކުރަމުންދާކެވެ. ފެނުމަށް ބަދަލުތަކެއް އަންނަހެން ވެސް ހީވާންފެށިއެވެ.

"އަހަރެން ދާންވެއްޖެ" އެތައް ސުވާލެއް ކުރަން ބޭނުންވި ނަމަވެސް ނިމްރާއަށް ބުނެވުނީ އެވަރަށެވެ.

"މި ހޮޓެލްގަތަ ނިމް ހުންނަނީ؟ ހިނގާ ރޫމަށް އަހަރެން ގެންގޮސްދޭނަން" ނިމްރާ ގާތްކޮށްލައިގެން ހުރެ މިޢުވާނު ބުންޏެވެ. އެހެންނަމަވެސް ނިމްރާ ދެކޮޅު ހެދިއެވެ. އޭނާ މިޢުވާނުގެ ގާތުން ދުރަށް ދާން ބޭނުންވެގެން ގަދަ ހަދަންފެށިއެވެ.

ހޮޓެލްގެ ސެކިއުރިޓީ ކަންކަމުގައި އުޅުނު ދެ މީހަކު މިޢުވާނުމެން ތިބި ދިމާއަށް އަންނާތީ ފެނުނެވެ. އެތަނުން އެކަކު އިއާޕީސްއިން ކޮންޓްރޯލު ރޫމުން ދެމުންދިޔަ އިރުޝާދުތައް އަޑުއަހަމުންދަނިކޮށް ދެން ހުރި މީހާ އަތުގައި އޮތް ޓޯކީއިން ނިމްރާ ފެނިއްޖެކަމުގައި ގޮވާލިއެވެ. އެ މީހުން އެ އަންނަނީ މިޢުވާނާ ދިމާއަށްކަން ގައިމުވުމުން އޭނާ އަވަސް އަވަހަށް އެތަނުގައި ފެންނަން ހުރި އެލެވޭޓާއަށް އެރުމަށް ފާރުގައި ހުރި ސުވިޗަށް އޮބާލިއެވެ.

"ތީ ކޮންކަމެއް؟" ފިރިހެނެއްގެ އަޑު އިވިގެން މިޢުވާނު ބަލާލިއެވެ. ޙަފުލާގެ ތެރޭގައި ނިމްރާއާއެކު އުޅުނު ޒުވާނާކަން މިޢުވާނަށް އެނގުނެވެ. އޭރު އޭނާ އައިސް މިޢުވާނާ އަރާ ހަމަކުރަނީއެވެ. ސެކިއުރިޓީ ދެ މީހުންނަށް އަތުން އިޝާރާތެއްކޮށްލުމާއެކު އެ މީހުން ދުރުގައި މަޑުކޮށްލިއެވެ.

"އަހަރެންގެ ގާލްފްރެންޑް މީ... ގެއަށް ގެންދަން މިއުޅެނީ، މިތަނުން އެއްޗެއް ކެވިގެން ފުޑް ޕޮއިޒަންވެގެން" ނިމްރާގެ ދެއަތް ހައްޔަރުކޮށްލައި އިތުރަށް އޭނާގެ މެޔާލާ ފޮރުވާލަމުން މިޢުވާނު ބުނެލިއެވެ. އެކަމަކު ކުއްލިއަކަށް އޭނާއަށް ދުރަށް ޖެހިލެވުނީ އޭނާގެ ކޮނޑުގައި ނިމްރާ ދަތްއެޅީމައެވެ.

"ރާދު...." ނިމްރާ ގޮވާލިއެވެ. އޭނާއަށް ކޮންމެވެސް ކަމެއް ވެފައިކަން ނިމްރާއަށް ހުރީ ރާދިންއަށް ވެސް ނަގައިގަނެވުނެވެ.

"ހަމަ މިހާރު އޭނާ ދޫކޮށްލާ، ކަލޭގެ ގާލްފްރެންޑެއްނޫންތީ" ރާދިން ކުރިއަށް ޖެހިލިއެވެ.

"މިތާ ރޫމެއްގައޭ އަހަރެމެން ތިބެނީ... ބޭނުމިއްޔާ ޗެކު ވެސް ކުރެވިދާނެ" ނިމްރާގެ ހުރިހާ ހަޤީޤަތެއް މިޢުވާނަށް ނޭނގޭކަން ރާދިންއަށް އެނގުނީ އޭނާ ދެއްކި ވާހަކައިންނެވެ.

"އަހަރެން މީ އޭނާގެ ބޭބެއޭ، އޭނާގެ ހުރިހާކަމެއް އަހަންނަށް އެނގޭ، ދޮގުތަކެއް ނުހަދާ ރީތިކޮށް އޭނާ ދޫކޮށްލާ، އެހެންނޫނީ ފުލުހުންނާ ކަލޭ ހަވާލުކުރާނީ" އިންޒާރުދޭ ފަދައިން ރާދިން ބުނެލިއެވެ. އަދި ނިމްރާއަށް އަތްދިއްކޮށްލިއެވެ.

އެލެވޭޓާގެ ދޮރު ހުޅުވުނީ ހަމަ އެވަގުތެވެ. އޭގެ ތެރެއިން ނުކުތީ ނިމްރާ ރައްޓެހިވެގެން އުޅޭ ޒުވާނާކަމުގައި މިޢުވާނު ހީކުރި ޒުވާނާއެވެ. ހަރަކާތެއް ގެންނާނޭ ވަގުތެއް މިޢުވާނަކަށް ނުލިބުނެވެ. އަރްސަލް އައިގޮތަށް މިޢުވާނުގެ އަތްގައި ހިފައި ދަމައިގަތުމާއެކު އޭނާގެ އަތުގެ ތެރެއިން ނިމްރާ ދުރަށްލިއެވެ. ފައިހަމަނުވެ ނިމްރާ އަރިއަޅާލި ހިނދު ރާދިން ކުރިއަށް ޖެހިލާ ނިމްރާގެ ގައިގާ ހިފެހެއްޓިއެވެ. މިޢުވާނުގެ އަތް އަނބުރާލުމާއެކު ފާރާ ދިމާއަށް އަރްސަލް އޭނާ ގަންނަވައިލިއެވެ. އެހިނދު ލިފްޓުގެ ކައިރީ ހުރި ޑަސްބިނުގައި ޖެހި އޭތި ވެއްޓުމުގެ އިތުރުން މިޢުވާނުގެ އަރިކަށި ޖެހުނީ އެތަނުގައި ހުރި ގަސްމުށިގަނޑުގައެވެ. ވީތަދުން މިޢުވާނުގެ އަނގައިން ހަޅޭކެއް ނުކުތީ ގަސްދަކާނުލައެވެ. އެހެންވިޔަސް ނިކަން އަވަހަށް މިޢުވާނު ތެދުވެއްޖެއެވެ.

"އޭނާ އެޕާޓްމެންޓަށް ގެންދޭ" ރާދިންއަށް ބަލާލާފައި އަރްސަލް ބުނެލިއެވެ.

"ނިމްރާ އަހަރެންގެ މަތިން ހަނދާނެއްނުނެތޭނެ، ދުވަހަކުވެސް ނުނެތޭނެ... އަހަންނަކީ އޭނާގެ ފުރަތަމަ" މިޢުވާނުގެ ކޯތަފަތާއި އަނގަމަތި ގުޅުނު ހިސާބަށް އެރި ގޮށްމުށުގެ ހަމާލާއާއެކު ބުނަން އުޅުނު އެއްޗެއް ފުރިހަމައެއްނުވިއެވެ.

"ޖަސްޓް ޝަޓްއަޕް އެންޑް ލީވް" އަރްސަލް ބުނެލިއެވެ.

"ކަލޭ އެހާވަރުން ހޭބަލިވާވަރުގެ އަންހެނެއްނޫން އެއީ... ކޮންމެގޮތެއްވިޔަސް އަހަރެން ބޭނުންކޮށް ބާވިފަހުން" މިޢުވާނުގެ ގަމީހުގެ ގިރުވާނާއިދިމާ ގޮށްފަތީގައި އަރްސަލް ހިފިއެވެ.

"އަޑުއަހަން ކެތްނުވީތަ؟ އޭނަހާ ޑެސްޕަރޭޓް އަންހެންކުއްޖަކު އަހަރެން ނުދެކެން ބިޓެއް ބޭނުންވެފައި ހުރި... ރުއްސާކަށް މާގިނަ ކަމެއް ވެސް ކުރާކަށް ނުޖެހުނު، އައި ސެޑް އަ ފިއު ނައިސް ތިންގްސް އެންޑް ޝީ ފޯލް ރައިޓް ޓު މީ، އިޓްސް ހާ އޯން ފޯލްޓް ފޯ ބީން ޓްރިކްޑް... އައި ވުޑް ނެވާ ގޯ ފޯ އަ ގާލް އޭޒް ޗީޕް އޭޒް ޝީ" އަރްސަލްގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓުމާއެކު މިޢުވާނުގެ އަނގަމަތީ ޖެހިއެވެ.

"ބަލާއެ**... އަނގައިން ވާހަކަ ނުދެއްކެނީތަ؟" މިޢުވާނު ހަޅޭލަވައިގަތެވެ.

"ކަލޭ ކަހަލަ މީހަކަށް ގޮށްމުށުން ވާހަކަދައްކަންޖެހޭނީ... ބުނަންތަ! ޝީ ޑަޒް ބިލޯންގް ޓު މީ ނައު، އިޓް ގެޓްސް މީ މޭޑް ވެން ޔޫ ހާޓް ހާ ފޯ ނޯ ރީޒަން" ދަތްކުނޑިވިކާލައިގެން ހުރެ އަރްސަލް ބުނެލިއެވެ. އެވަގުތު އެ ދެމެދަށް ޒިވަން އައިސް ވަދެއްޖެއެވެ.

"އައި ވިލް ޓޭކް ކެއާ އޮފް ހިމް، ޓްރަސްޓް މީ... އިރުކޮޅަކުން އިވެންޓް ނިމޭނެ، މީހުންތައް ނުކުންނަންވާއިރަށް ނިމްރާ ގޮވައިގެން ދާންވީނު، އައި ތިންކް ޝީ އިޒް ޑްރަގްޑް" ޒިވަންގެ ބަހަށް މިޢުވާނާ ދުރަށް އަރްސަލް ޖެހުނެވެ. ހަމައެވަގުތު މިޢުވާނު ފާސްކުރަން ޒިވަން ފެށިއެވެ. އޭނާގެ ޖީބުން ބޭސްގުޅަތައް އަޅާފައި ހުރި ޕެކެޓު ފެނުނެވެ.

އަރްސަލް ކިތަންމެ ރުޅިގަދަވެފައި ހުއްޓެއްކަމަކު ނިމްރާއާ މެދު ވިސްނާލިއެވެ. އަތްދަނޑި މައްޗަށް ނިމްރާ އުފުލާލައިގެން ރާދިންއާއެކު ޕްރައިވެޓް އެލެވޭޓާ ތެރެއަށް އަރްސަލް ވަނެވެ.

އެ ހޮޓެލްއަށް ވަނުން މިޢުވާނަށް ޒިވަން މަނާކުރިއެވެ. ދެން އޭނާ އެތަނުން ފެނިއްޖެނަމަ ފުލުހުންނާ އޭނާ ހަވާލުކުރާނެކަމާއި ނިމްރާއަށް ދެރައެއް ލިބިއްޖެއްޔާ މިޢުވާނުގެ ކިބައިން އެކަމުގެ ބަދަލު ޚުދު ޒިވަން ހިފާނަންކަމަށް ބުންޏެވެ. ދުނިޔޭގައި އުޅުން އޭނާއަށް ދަތިކުރާނަން ކަމުގައި ޒިވަން ޔަގީންކަން ދިނެވެ. ނިމްރާއާ ވީހާ ވެސް ދުރުގައި އުޅުމަށް އިންޒާރު ދިނެވެ.

ހޮޓެލުގެ މައިދޮރުން ނުކުމެ މަގުމަތީގައި މިޢުވާނު މަޑުކޮށްލިއެވެ. ކޯތަފަތާއި ކަތުރުކަށިގަނޑުގެ އިތުރުން އަނގަމަތީގައި ރިއްސާތީ މިޢުވާނަށް ފިރުމާލެވުނެވެ. ތުންފަތް ފަޅައިގެން ގޮސްފައި ހުރިކަން އޭނާއަށް އެނގުނީ ދެނެވެ.

"ފަ*... މަގޭ މޫނު" ރުޅިވެރިކަމާއެކު މިޢުވާނަށް ބުނެވުނެވެ.

"އެކްސްކިއުޒް މީ" މިޢުވާނުނޫން އިތުރު މީހަކު ހުރިކަން އެނގުނީ ދެނެވެ. އޭނާ ބަލާލިއިރު ހުރީ ހޮޓެލުން އޭނާއަށް ފެނުނު އަންހެންކުއްޖާއެވެ.

"އޯ! ސޮރީ... މާ ބާރަށް ދޯ މިބުނެވުނީ... ޔޫ... އައި ނޯ ޔޫ... ކުރިން ފެނިފަ ހުރީ... މިތާތަ ވޯކް ކުރަނީ؟" މިޢުވާނު އަހާލިއެވެ. އޭނާގެ މޫނަށް އިރުކޮޅަކު ބަލަން ހުރެފައި ކީފާ ބޯހޫރާލިއެވެ. އަދި އަތްދަބަހުން ޓިޝޫއެއް ނަގައި މިޢުވާނަށް ދިއްކޮށްލިއެވެ.

"ތޭންކްސް" ޓިޝޫކޮޅު ތުންފަތުގައި މިޢުވާނު ޖައްސާލިއެވެ.

"މިޢުވާނު... މާނު..." މިޢުވާނު ނަންބުނެލަމުން ސަލާމަށް އަތްދިއްކޮށްލިއެވެ. އެއަތަށް ބަލާލާފައި މިޢުވާނާ ނަޒަރު ހަމަކޮށްލަމުން ކީފާ ސަލާމްކޮށްލިއެވެ.

"ކީފާ" ކީފާ ބުނެލިއެވެ.

"ވަރަށް ދަންނަ މޫނެއްތީ، މި ހޮޓެލަށް ވަރަށް ގިނައިން އަންނަންތަ؟" މިޢުވާނު ދުރުހަނދާނެއް ކުރާ ފަދަ ގޮތަކަށް ދުރަށް ބަލާލަމުން ބޯކަހާލިއެވެ.

"އަހަންނަކީ ލޯޔާއެއް" ވޮލެޓުން އެޑްރެސް ކާޑު ނަގައި މިޢުވާނަށް ދިއްކޮށްލަމުން ކީފާ ހިނިތުންވެލިއެވެ. މިޢުވާނު އެ އެޑްރެސް ކާޑުގައި ހިފުމާއެކު ބަލާލިއެވެ. ހަމައެވަގުތު ހޮޓެލް ކައިރިއަށް ޓެކްސީއެއް މަޑުކޮށްލައިފިއެވެ.

"ދަނީ" ކީފާ މިހެންބުނެ މަޑުކުރުމެއްނެތި އައިސް ޓެކްސީއަށް އެރިއެވެ.

* * * * *

ނިމްރާގެ ހަށިގަނޑަށް ބޭހުގެ މަސްތުކަން ވެރިވުމާއެކު އޭނާގެ އުޅުމަށް ވެސް ބަދަލުއައެވެ. އަރްސަލްއާއި ރާދިން ގާތަށް ނިމްރާ ކުރާ ކަންތައްތަކުން ހިނިއައެވެ. ހަމަނުޖެހޭ ވާހަކަ ނިމްރާ ދައްކައެވެ. ސޯފާއިން ބޭރަށް ބޯ އެލުވައިގެން ނިމްރާ އޮތެވެ. އޭނާގެ ގާތުގައި އަރްސަލް އިނެވެ. ޖެހިގެން ހުރި ސޯފާގައި ރާދިން ވެސް އިނީ ނިމްރާގެ ހަރަކާތްތަކަށް ބަލާށެވެ.

"ތިހެން އޮއްވަ ކަރަށް ތަދުވެދާނެ" ނިމްރާގެ ބޮލުގައި ހިފާ އުފުލާލަން އަރްސަލް އުޅުނެވެ. އެއާއެކު އޭނާއަށް ނިމްރާ ލޯ އަޅާލިއެވެ. ރާދިން ރަކި ހިންޏެއް ހޭން އިނެވެ.

"އަހަރެން ރާދުއަށޭ މިބަލަނީ... އޯ! ހީ އިޒް ސޯ ހެންޑްސަމް... ލޯބިކަން ދޯ... އައި ތިންކް އައި އޭމް ބްލަޝިންގް، ބަލާބަލަ! ކޯ ރަތްވެއްޖެތަ؟" ނިމްރާ އެސްފިޔަތަޅުވާލަމުން ކޯތާފަތުގައި ދެއަތްތިލަ ޖައްސާލިއެވެ.
"ހޫމް! ވަރަށް ރަތްވެއްޖެ... ދެން ތެދުވޭ" އަރްސަލް އަނެއްކާ ވެސް ނިމްރާ ނެގޭތޯ އުޅުނެވެ.

"އަހަރެން ސަލާމަތްކުރޭ ރާދު... ބަލާބަލަ މިއުޅޭ ޑެވިލްއެއް، އާދެބަލަ ސިއްރެއްބުނާނަން" ނިމްރާ ފުންމައިގެން ތެދުވިގޮތަށް އައިސް ރާދިންގެ ގާތަށް ސޯފާއަށް އެރިއެވެ.

"އައި ތިންކް އައި ލައިކް ދެޓް ޑެވިލް... ހީ އިޒް ޓޫ އޯލްޑް، ޕާވާޓް އެންޑް ގްރަމްޕީ... އެކަމަކު ރާދު ލޯބިކަން" ރާދިންގެ ކަންފަތް ކައިރީ ދެއަތް ޖައްސާލައިގެން އިނދެ ނިމްރާ ބުނެލިއެވެ.

"ސިއްރު ބުނަނީ ކަންފަތް ދޮށުގައެއްނު، ކަންފަތުގައި ދެއަތް ޖައްސައިގެން ދުރުގައި އިނދެއެއްނޫނޭ" ރާދިން ބުނެލިއެވެ.

"ހާދަ ހޫނޭ ދޯ މިތަން" ނިމްރާ ލައިގެން ހުރި ހެދުން ބާލަން އުޅުނެވެ. އެއާއެކު އަރްސަލް ފުންމައިގެން ތެދުވެއްޖެއެވެ.

"ހެޔޮ ހޫނުވިޔަސް، ބާލައިގެން ނުވާނެ" ނިމްރާގެ އަތުގައި ހިފާ ދަމާލަމުން އަރްސަލް އޭނާ ކޮޅަށް ނެގިއެވެ.

"ތީ ބީސްޓެއްތަ؟" ނިމްރާ އަހާލިއެވެ.

"މީ ފުރޭތައެއް... ތިހެން އުޅެންޏާ ކާލަފާނަން އިނގޭ" އަރްސަލްގެ އަތުގެތެރޭގައި ނިމްރާ ހިފަހައްޓާލައިގެން ހުރެ ބުނެލިއެވެ. އެއާއެކު ކުޑަކުއްޖަކު ފަދައިން ނިމްރާ ރޯންފަށައިފިއެވެ. ރާދިން ފެށީ ހޭށެވެ. އަރްސަލް ހުރީ ބޯގޮވާވަރުވެފައެވެ. އޭނާގެ ހަޔާތުގައި ވެސް މިފަދަ ކަމެއް ދުށީ އަލަށެވެ. ނިމްރާއަށް ދިން ބޭހުގެ އަސަރު ކެނޑެންދެން އޭނާގެ ހަށިފާރަވެރިއަކަށް ވާން ޖެހެއެވެ. (ނުނިމޭ)