ގއ. އަތޮޅު މިހާރު ބަދަލު ވެފައިވާ ކަމަށާއި އެއަތޮޅުގައި ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމާއި ދެކޮޅު މީހަކު ނެތް ކަމަށް އެ މަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު މާލެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި ޝަހީމް ވިދާޅުވީ، ގއ. އަތޮޅުގެ މަންޒަރުތައް ބަދަލުވެއްޖެ ކަމަށާއި ރައީސް ޔާމީނަށް އެއަތޮޅުގައި ވަރަށް ބޮޑު ސަޕޯޓެއް އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ، އެއަތޮޅުގެ ބޮޑު އަގުލަބިއްޔަތެއް ރައީސް ޔާމީން ހޯއްދަވާނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތް ކަމަށެވެ.
"އަޅުގަނޑު ވަރަށް އުފަލާ އެކު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކެއް ނެތޭ މިހާރަކު. އަޅުގަނޑުމެން މަސައްކަތް މިކުރަނީ ރައްޔިތުންނަށްޓަކައި. މިއީ ސުލްހަވެރިކަމުގެ މަސައްކަތްތަކެއް. ގައުމު ބިނާ ކުރުމުގެ މަސައްކަތްތަކެއް،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، ގއ. އަތޮޅުގައި އޭނާއާ ދެކޮޅަށް އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. އަދި އިދިކޮޅު ހިޔާލުގެ ބޭފުޅުންގެ ގެތަކަށާއި ޖަގަހަ ތަކަށް ދެވިފައިވާ ކަމަށާއި އިދިކޮޅު ފަރާތެއް މިހާރު ނެތް ކަމަށް ޝަހީމް ވިދާޅުވި އެވެ.
އަޅުގަނޑު ވަރަށް އުފަލާ އެކު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކެއް ނެތޭ މިހާރަކު.ޝަހީމް
"އަޅުގަނޑަށް ވަރަށް ޔަގީން ކުރެވޭ ގއ. އަތޮޅުގެ ބޮޑު އަގުލަބިއްޔަތެއް ރައީސް ޔާމީން ހޯއްދަވާނެ ކަމުގެ، މަންޒަރުތަކާއި އަޑުތައް ވަނީ މިހާރު ބަދަލުވެފައި، މާޒީގެ ވާހަކަ ދެއްކުމެއް ނެތް، ކުރިއަށް އަޅުގަނޑުމެން ފިޔަވަޅު އަޅަންވީ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، މި މަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވާން ޖެހޭ ކަމަށެވެ. މިއީ ތަފާތު ފިކުރުތަކާއި ހުރިހާ ޕާޓީތައް ވެސް އެއްގަލަކަށް އަރަންވީ ވަގުތު ކަމަށެވެ. އަދި ރައީސް ޔާމީންގެ ފަހަތްފުޅަށް އަރުއްވާ ގައުމު ބިނާ ކުރުމަށް އޮތް ވަގުތަކީ މިއީ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ކެމްޕެއިނަކީ ވަރަށްވެސް ޕޮޒިޓިވް ކެމްޕެއިނެއް ކަމަށެވެ. އަދި ގއ. އަތޮޅުގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުން ވެސް ރައީސް ޔާމީނަށް ބޮޑު އަގްލަބިއްޔަތު ލިބިގެންދާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.