ބޮލީވުޑް

ޕޫނަމްގެ ދަރިފުޅަށް ބަންސާލީގެ ފިލްމެއް

ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ވަނީ މީގެ ކުރިންވެސް މަޝްހޫރު ތަރިންގެ ދަރިން ބޮލީވުޑަށް ތައަރާފުކޮށްދީފަ އެވެ. ރިޝީ ކަޕޫރްގެ ދަރިފުޅު، ރަންބީރް ކަޕޫރާއި އަނިލް ކަޕޫރްގެ ދަރިފުޅު، ސޯނަމް ކަޕޫރް ބޮލީވުޑަށް ތައާރަފު ކޮށްދިނީ ބަންސާލީ އެވެ. އެއީ 2007 ވަނަ އަހަރު ފިލްމު "ސާވަރިޔާ" އިންނެވެ.

އަނެއްކާވެސް މަޝްހޫރު ތަރިއެއްގެ ދަރިއެއް ބޮލީވުޑަށް ތައާރަފު ކުރުމަށް ބަންސާލީ މި ވަނީ އަމާޒުހިފާފަ އެވެ. މި ފަހަރު އޭނާ ތައާރަފުކޮށް ދެނީ ކުރިން ފިލްމުތަކުގައި ރަނިކަންކުރި އެކްޓްރެސް ޕޫނަމް ދިލޯންގެ ފިރިހެން ދަރިފުޅު އަންމޯލް ތަކީރިއާ އެވެ.

މި ފިލްމާބެހޭ މާ ގިނަ މައުލޫމާތުތަކެއް އަދި އާންމުކޮށްފައި ނުވި ނަމަވެސް ރިޕޯޓުތައް ބުނާގޮތުން މި ފިލްމަށް ކިޔަނީ "ޓިއުޒްޑޭސް އެންޑް ފްރައިޑޭސް" އެވެ.

ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގެ މަންޒަރުތައް ނަގާނީ ލަންޑަންގަ އެވެ. ފިލްމުގައި ލީޑު ކުޅޭނެ ބަތަލާއެއް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ބަންސާލީ މި ފިލްމު ގެނެސްދެނީ ޓީ ސީރީޒްއާއި ގުޅިގެން ކަމަށްވެ އެވެ. ފިލްމުގެ މަސައްކަތްތައް މި އަހަރުގެ ފަހުކޮޅު ފަށާ އަންނަ އަހަރު ޝޫޓުކުރާނެ ކަމަށްވެސްވެ އެވެ.