ހޮލީވުޑް

ވޯނާ ބްރަދާސްއިން "މޮގްލީ" ވިއްކާލައިފި

ވޯނާ ބްރަދާސްއިން ގެނެސްދިނުމަށް ތައްޔާރުވަމުން ދިޔަ ލައިވް އެކްޝަން އެޑްވެންޗާ ފިލްމު "މޮގްލީ"، އޮންލައިން ސްޓްރީމިން ވެބްސައިޓް ނެޓްފްލިކްސްއަށް ވިއްކާލައިފި އެވެ. އޭންޑީ ސާކިންސް ޑައިރެކްޓުކުރާ މި ފިލްމު އަންނަ އަހަރު ނެޓްފްލިކްސްއިން ސްޓްރީމްކުރެވޭނެ އެވެ.

"މޮގްލީ" އަކީ ކުރީގެ މަޝްހޫރު ނޫސްވެރިޔާ ރުޑްޔާޑް ކިޕްލިން ލިޔުނު ވާހަކަ ސީރީޒް ޖަންގަލް ބުކްގެ ވާހަކަތަކުގެ މައްޗަށް ތައްޔާރުކުރާ ސީޖީއައި ލައިވް އެކްޝަން ފިލްމެކެވެ.

ނެޓްފްލިކްސްއިންވެސް މި ފިލްމު ތްރީޑީކޮށް ބެލޭނެކަމަށް އެންޓަޓެއިންމަންޓް ވީކްލީއިން ވަނީ ރިޕޯޓުކޮށްފައިވެ އެވެ. އަދި މިކަމަށް ހާއްސަ ކޮމްޕޮނެންޓެއް ނެޓްފްލިކްސްގައި ޑިވެލޮޕްކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

ޑައިރެކްޓަރު ސާކިންސް ބުނިގޮތުން ނެޓްފްލިކްސްއިން މި ފިލްމު ބެލޭނެ އިންތިޒާމު ހަމަޖެހުމާއެކު، ޑިޒްނީގެ ލައިވް އެކްޝަން ފިލްމު "ދި ޖަންގަލް ބުކް" ގެ ފަރާތުން މި ފިލްމަށް އޮތް ގޮންޖެހުންތައް ކުޑަވެގެންދާނެ އެވެ.

"މޮގްލީ" ގެ ޓްރެއިލާ.

"މޮގްލީ" ގައި ޕެންތާ ބަގީރާގެ ރޯލުން ފެނިގެންދާނީ ކްރިސްޓިއަން ބޭލް އެވެ. ސްނޭކް ކާ ގެ ރޯލުން ކޭޓް ބްލެންޝެޓް ފެނިގެންދާނެއިރު، ޓައިގާ ޝޭރޭ ޚާންގެ ރޯލުން ފެނިގެންދާނީ ބެނެޑިކްޓް ކަމްބާބެޗް އެވެ. އިތުރުން މުހިންމު ރޯލުތަކުން ޓޮމް ހޮލެންޑް، ފްރީޑާ ޕިންޓޯ، ޕީޓާ މުލާން، ނައޯމީ ހެރިސް އަދި މެތިއު ރީސް ފެނިގެންދާނެ އެވެ.