ކަންގަނާ

ސިޔާސީ ދާއިރާއަށް ކަންގަނާ ނުކުމެދާނެ

ސިޔާސީ ދާއިރާއަށް ނިކުންނާނެކަމުގެ އިޝާރަތެއް ކުޅަދާނަ ބަތަލާ ކަންގަނާ ރަނާއުތު ދީފި އެވެ. ކަންކަގަނާއަކީ އަބަދުވެސް އިންޑިއާގެ ސިޔާސީ އަދި އިޖުތިމާއީ ކަންކަމާއި ބެހޭގޮތުން ވަރަށް ފާޅުގައި ހިޔާލުފާޅުކުރަމުން އަންނަ ތަރިއެކެވެ. ސިޔާސީ ދާއިރާއަށް ޝައުގުވެރިކަން ހުރިކަން އޭނާ ހާމަކުރީ ޒީ ނިއުސްއަށް ދާދިފަހުން ދިން އިންޓަވިއުއެއްގަ އެވެ.

އެ އިންޓަވިއުގައި ސިޔާސީ ދާއިރާއަށް ކަންގަނާގެ ޝައުގުވެރިކަން ހުރިތޯ ސުވާލުކޮށްފައިވެ އެވެ. ޖަވާބުގައި ކަންގަނާ ބުނީ ސިޔާސީ ދާއިރާއަށް ނިކުންނަ އޭނާ އަދި މާ ޅަ ކަމަށާއި ނަމަވެސް ގައުމަށް ހިދުމަތްކުރަން އަބަދުވެސް ބޭނުންވާ ކަމަށެވެ. އަދި އެކަން ކުރުމުގައި ދެމިހުންނާނެ ކަމަށެވެ.

ކަންގަނާ ވަނީ އިންޑިއާގެ ސިފައިން އެ ގައުމުގެ ބޯޑަރު ދިފާއުކުރުމުގައި ވަމުންދާ ގުރުބާނީއާއި ބެހޭގޮތުންވެސް ވާހަކަދައްކާފަ އެވެ.

"މި ގައުމުގެ ސިފައިންއެކޭ އެއްފަދައިން، އެމީހުން މި ގައުމު ދުޝްމަނުންގެ ކިބައިން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަދައިން، މި ގައުމަށް އަހަރެންގެ ބޭނުންޖެހިއްޖެނަމަ، މި ގައުމަށްޓަކައި ސިޔާސީ ދާއިރާއަށް ނިކުންނަޖެހިއްޖެނަމަ އަހަރެން ނިކުންނާނަން،" ކަންގަނާ ބުންޏެވެ.

ކަންގަނާއަކީ އަމިއްލަ ބުރަ މަސައްކަތުން މިފަހުން ބޮލީވުޑްގައި ފައިތިލަ ސާބިތުކޮށްލި ކާމިޔާބު އެކްޓްރެސް އެކެވެ. އޭނާގެ ގިނަ ފިލްމުތަކެއް ކުރިއަށް ތާވަލުކުރެވިފައިވެސް އެބަހުއްޓެވެ. އޭނާގެ އެންމެ ބޮޑު ފިލްމު "މަނިކަރްނީކާ" އަންނަ އަހަރު ޖެނުއަރީގައި ރިލީޒްކުރާނެއިރު، އަނެއް ފިލްމު "މެންޓަލް ހޭ ކިޔާ" އަންނަ އަހަރު ފެބްރުއަރީގައި ނެއްލާނެ އެވެ.