ހޮލީވުޑް

"ސްޓާ ވޯޒް 9" ގައި ކެރީ ފިޝާ ފެންނާނެ

"ސްޓާ ވޯޒް" ގެ ފިލްމުތަކުގައި ޕްރިންސެސް ލިއާގެ ރޯލު ކުޅުނު ކެރީ ފިޝާ، އެ ފްރެންޗައިޒްގެ ނުވަ ވަނަ ފިލްމުގައި ވެސް ފެންނާނެ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ޖޭޖޭ އަބްރަމްސް ބުނެފި އެވެ. އުމުރުން 60 އަހަރުގައި ކެރީ މަރުވީ ހިތުގެ ބައްޔަކަށް ފަރުވާ ކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް ޑިސެމްބަރު 2016 ގަ އެވެ.

އަބްރަމްސް ނެރުނު ބަޔާނެއްގައި ބުނީ މި ފިލްމުގައި ބޭނުން ކުރާނީ "ސްޓާ ވޯޒް" ހަތް ވަނަ ފިލްމު "ސްޓާ ވޯޒް: ދި ފޯސް އަވޭކަންސް" ގައި ކެރީ ޝޫޓުކޮށްފައިވާ ނަމަވެސް އެ ފިލްމުގައި ބޭނުންކޮށްފައި ނުވާ މަންޒަރުތަކެއް ކަމަށެވެ. ވޯލްޓް ޑިޒްނީއާއި ލޫކަސްފިލްމް ގުޅިގެން ގެނެސްދޭ މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރު ޑިސެމްބަރުގަ އެވެ.

"ކެރީގެ ރޯލަށް އާ މީހަކު ނުނަގާނަން. އަދި ސީޖީ އިފެކްޓްސް ބޭނުން ކޮށްގެން ވެސް އޭނާގެ ރޯލެއް ނުގެނެސް ދޭނަން. ކެރީގެ ދަރިފުޅު ބިލީގެ އެހީއާއެކު ކެރީގެ ލެގަސީއަށް އުނިކަމެއް ނާންނާނެ ގޮތަކަށް މި ފިލްމުގައި ކެރީގެ ރޯލު ގެނެސްދެން ނިންމައިފިން،" އަބްރަމްސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކެރީ ފިޝާއަށް "ސްޓާ ވޯޒް" އިން ޓްރިބިއުޓެއް.

"ސްޓާ ވޯޒް" ގެ ފިލްމަކުން ކެރީ އެންމެ ފުރަތަމަ ފެނިގެންދިޔައީ 1977 ވަނަ އަހަރު އެވެ. އެއީ "ސްޓާ ވޯޒް" ގެ ހަތަރު ވަނަ ފިލްމު "ސްޓާ ވޯޒް: އަ ނިއު ހޯޕް" އިންނެވެ. އޭރު އޭނާގެ އުމުރުން އެންމެ 19 އަހަރެވެ. ކެރީ އެންމެފަހުން ފެނިގެންދިޔަ ފިލްމަކީ 2017 ގައި ނިކުތް "ސްޓާ ވޯޒް" ގެ އަށް ވަނަ ފިލްމު "ސްޓާ ވޯޒް: ދި ލާސްޓް ޖޭޑީ" އިންނެވެ.