އިމްރާން ޚާން

އާއިލީ ވެރިކަން ނިމުމަކަށް ގެނެސް ޕާކިސްތާނަށް ބޭނުން ބަދަލަކީ އިމްރާން ހާން؟

Jul 30, 2018

ސިޔާސީ މައިދާނަށް ނިކުމެވަޑައިގެންނެވިތާ 20 އަހަރު ފަހުން، ޕާކިސްތާނު ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން އިމްރާން ހާނު މިވަނީ އެ ގައުމުގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވައި، އެ ގައުމުގެ އާ ބޮޑު ވަޒީރުކަމަށް ވަޑައިގެންނެވިކަމަށް އިއުލާނު ކުރައްވާފަ އެވެ.

އާންމުކޮށް ޕާކިސްތާނުން ބޭރުގައި، ލަންޑަންގެ ޑިސްކޯތަކުން އެއް ޒަމާނެއްގައި ފެނުނު އިމްރާން ހާނުގެ މި ތާރީހީ ކާމިޔާބީއަށް މަގު ކޮށްޓަވަން ފެއްޓެވީ 1970 ގެ އަހަރުތަކުގެ ތެރޭގަ އެވެ.

ބަދަލު ގެންނަވާނެ ކަމުގެ ވައުދު!

އިމްރާން ހާނު ސިޔާސީ މައިދާނުގައި ފައިންޕުޅު ބީއްސަވާލެއްވީ، 1992 ވަނަ އަހަރު ވަނަ އަހަރު ކްރިކެޓް ވާލްޑް ކަޕް ތަށި އުފުލާލުމަށްފަހު، މުޅި ގައުމުގައި އޭނާއަށް ތައުރީފު އޮހެމުންދިޔަ ދުވަސްވަރެއްގަ އެވެ. ނަމަވެސް، ހަމަނުޖެހުން ބޮޑު ޕާކިސްތާނުގެ ސިޔާސީ މައިދާނުގައި ރަނގަޅަށް ފައިތިލަ ހަރުކޮށްލެވުނީ އޭގެ 20 އަހަރު ފަހުންނެވެ.

ޕާކިސްތާނު ޖަސްޓިސް މޫވްމަންޓް (ޕީޓީއައި) 2013 ވަނަ އުފައްދަވައި، މަޑު މަޑުން އެ ގައުމުގެ ތިންވަނަ އަށް އެންމެ ބާރުގަދަ ސިޔާސީ ޕާޓީއަށް ހެއްދެވީ އޭނާގެ ސިޔާސީ ހިކުމަތްތެރި ކަމުންނެވެ.

އޭނާ ފުރަތަމަވެސް އަމާޒުހިފީ ޕާކިސްތާނުގެ ޒުވާނުންގެ ހިތްތައް އަނބުރާލާށެވެ. ޕާކިސްތާނުގެ ވޯޓުލެވޭ އާބާދީގެ 64 ޕަސަންޓަކީ ޒުވާނުންނެވެ. އޭގެ މެޖޯރިޓީ ތާއީދު ކުރީ ހާނަށެވެ. ތައުލީމާއި، ސިއްހަތާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް ދެއްވާނެ ކަމުގެ ވައުދާއި އެކުގަ އެވެ.

އެ ވައުދުތައް ފުއްދުމަކަށް ހާނަށް މާބޮޑު ހުރަހެއް ނެތެވެ. މިހާތަނަށް ގިނަ ވޯޓު ފޮށިތައް ގުނާ ނިމިފައިވާ އިރު، ހާނުގެ ޕީޓީއައި ވަނީ ޖުމްލަ 272 ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރާއިރު، 115 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މެޖޯރިޓީ ހޯދުމަށް 137 ގޮނޑި ބޭނުންވި ނަމަވެސް، އިދިކޮޅު އެއްވެސް ޕާޓީއެއްގެ ބޭނުން ހިފާކަށް ހާނަށް މަޖުބޫރެއްނުވާނެ އެވެ. ވަރަށް ފަސޭހަކަމާއެކު މިނިވަން މެމްބަރުންނާއި ގުޅިގެން ކޯލިޝަން ސަރުކާރެއް ހެދުމުގެ ދޮރު އޮތީ ހުޅުވިފަ އެވެ.

އިމްރާނު ހާނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އޭނާގެ ސަރުކާރުގެ ސައްހަކަން ސާބިތުކޮށްދިނުމެވެ. ޕާކިސްތާނުގެ ސިފައިންގެ ތާއީދު ލިބިފައިވާ ޕީޓީއައި އިން ވޯޓަށް ނުފޫޒު ފޯރުވައި، ހާން ވެރިކަމަށް ގެނެސްފައިވާ ކަމުގެ ތުހުމަތުތަކުގެ ހިޔަނި އެޅިފައިވާތީ އެވެ.

އާއިލީ ވެރިކަން ނިމުމަކަށް!

މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ވެރިކަން ކުރާ ޕާކިސްތާނު މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) އާއި މަރާލާފައިވާ ބޭނަޒީރު ބުއްޓޫގެ ޕާކިސްތާނު ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިން 1988 އިން ފެށިގެން ޕާކިސްތާނުގައި ކުރީ އާއިލީ ވެރިކަމެވެ.

އިމްރާން ހާނުގެ ކެމްޕޭނު ވެސް ބިނާކުރެއްވީ އެ ބީދައިންނެވެ. ޕާކިސްތާނުގެ ތަރައްގީއަށް އޮތް ހުރަހަކީ އާއިލީ ވެރިކަމޭ ވިދާޅުވި އެވެ. ތައުލީމާއި، ސިއްހަތާއި ވަސީލާތްތަކާއި ވަޒީފާނެތި ޒުވާނުން ތިބީ، ދައުލަތުގެ ފައިސާއިން ވައްކަން ކުރި ލީޑަރުންގެ ސަބަބުން ކަމަށް ވިސްނައި ދެއްވަމުންނެވެ.

މިލިޓަރީގެ ބާރު!

މިހާރު ޕާކިސްތާނުގެ ބާރުގަދަ މިލިޓަރީގެ ތާއީދު އިމްރާން ހާނަށް އޮތް ކަމަށް ތުހުމަތު ކުރެވުނަސް، ހާނުގެ ވައުދުތައް ފުއްދުމަށް މަސައްކަތް ފަށައިފިނަމަ، ސިފައިންނާއި ދެބަސް ވާން މާގިނަ ދުވަހެއް ނުނަގާނެ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ސަބަބަކީ، ޕާކިސްތާނު ސިފައިން އެ ގައުމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެތަކެއް ވިޔަފާރިތަކެއް ހިންގަ އެވެ. ހާރިޖީ ސިޔާސަތު ބައްޓަންވާނީ އެމީހުން ބޭނުންވާ ގޮތަށެވެ. ޕާކިސްތާނުގެ ތަރައްގީއަށް އެންމެ ބޮޑު ދައުރެއް ކުޅޭނީ ސަރަހައްދީ ހަމަޖެހުމެވެ. އެހެން ގޮތަކަށް ބުނަނީނަމަ، އަވަށްޓެރި އިންޑިއާ އާއި އޮންނަ ގުޅުން ރަނގަޅުވުމެވެ. އެކަމަށް ޕާކިސްތާނު ސިފައިން ދޫދޭނެ ކަމަކަށް ނުބެލެވެ އެވެ. ޕާކިސްތާނުގެ ކުރީގެ ލީޑަރުންނެކޭ އެއް ފަދައިން، ހާނަށް ވެސް ސިފައިން ގައުމުގައި ހިއްޕާފައިވާ ވަކިތަކުން ސަލާމަތްވެވޭނެ ކަމާމެދު ސުވާލު އުފެދެ އެވެ.

އިދިކޮޅާއެކު ސުލްހަވުން!

އަދިވެސް ސަޕޯޓު އިންތިހާއަށް ބޮޑު ޕީއެމްއެލް-އެން އާއި ޕީޕީޕީ އާއި ދެކޮޅަށް ވެރިކަން ކުރަން ހާނަށް ވަރަށް އުނދަގޫވާނެ އެވެ. ހާއްސަކޮށް މަޖިލީސް ތެރެއިން އޭނާ ކުރަން ބޭނުންވާ މަސައްކަތްތަކަށް މަގުފަހި ކުރެވޭނީ ކޮންމެވެސް މިންވަރަކަށް އެ ދެޕާޓީއާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމު ކުރެވިގެންނެވެ.

ނޫންނަމަ، ހާނަށް ޖެހިވަޑައިގަންނަވާނީ އޭނާގެ ޒުވާން ސަޕޯޓަރުންނާއެކު ވެރިކަން ދިފާއު ކުރެއްވުމުގައި އަވަދިނެތި އުޅުއްވަންކަމަށް މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.