ސާފް ސުޒުކީ ކަޕް

ސައްޓު އާއ ރިޒޭއަށް ގައުމީ ސްކޮޑުން ޖާގައެއް ނެތް

ބަންގުލަދޭޝްގައި ސެޕްޓެމްބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕް ނުވަތަ ސާފް ސުޒުކީ ކަޕަށް ތައްޔާރު ވުމަށް އެކުލަވާލި ސްކޮޑުން ޓީސީ ސްޕޯޓްސް ކުލަބުގެ ފޯވަޑް އިޝާން އިބްރާހިމް (ސައްޓު) އާއި ކުލަބު އީގަލްސްގެ އަހްމަދު ރިޒްވާން (ރިޒޭ) އަށް ސްކޮޑުން ޖާގައެއް ނުލިބުނެވެ.

ގައުމީ ކޯޗް ޕީޓާ ޝެގަޓް ވަނީ 30 ކުޅުންތެރިންގެ ސްކޮޑެއް އިއުލާންކޮށް ޕްރެކްޓިސް ފަށާފަ އެވެ. ގައުމީ ޓީމު ޕްރެކްޓިސް ފެށުމުގެ ކުރިން ބޭއްވި ޕްރެސްކޮންފަރެންސްގައި ޝެގަޓް ބުނީ ކުޅުންތެރިން ނެގެމުގައި، މާރިޗް މަހު ބޫޓާން އަތުން 7-0 މޮޅުވި ޓީމުގެ ސްކޮޑުގައި ހެމެނުނު ކުޅުންތެރިންނަށް އިސްކަން ދީފައި ވާނެ ކަމަށެވެ.

މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސޯ) އަށް ވަނީ ގާތްގަނޑަކަށް އެއް އަހަރަށް ފަހު ގައުމީ ޓީމުން ފުރުސަތު ދީފަ އެވެ. އޭނާ އަށް ގައުމީ ޓީމުން އެންމެ ފަހުން ފުރުސަތު ދީފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗަށް އެކުލަވާލި ސްކޮޑުންނެވެ.

ސައްޓު އާއި ބެހޭ ގޮތުން ސުވާލު ކުރުމުން، އޭނާ ބުނީ އޭނާ ކުޅުވަން ބޭނުންވާ އެޓޭކިން ގޭމަށް ފެތޭ ކުޅުންތެރިންނަށް އިސްކަން ދީފައި ވާނެ ކަމަށެވެ.

"އަހަރެން ކުޅުވަން ބޭނުންވާ ސިސްޓަމާމެދު އަހަރެން އަމިއަލަ ހިޔާލެއް އެބައޮތް، އެއީ އެޕްލޭނަށް އެންމެ ރަނގަޅު ކުޅުންތެރިޔަކަށް ފުރުސަތު ދިނުން،"

ސާފް ޗެމްޕިއަންޝިޕްގައި ނުކުޅޭނެ ކަމަށް 2015 ވަނަ އަހަރު ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް ވަނީ އިއުލާން ކޮށްފަ އެވެ. އަޝްފާގް އާ ވާހަކަ ދެއްކިތޯ ސުވާލު ކުރުމުން ޝެގަޓް ބުނީ ބޫޓާން މެޗަށް ފަހު އަޝްފާގް އާ އޭނާ ބައްދަލު ކުރި ކަމަށާއި މުބާރާތުގައި ކުޅެން އޭނާ ބޭނުންވާ ކަން އަޝްފާގް ހާމަކޮށްފައި ނުވާ ކަމަށެވެ.

ސްކޮޑަށް ނެގި 30 ކުޅުންތެރިންގެ ތެރޭގައި ހަތަރު ކީޕަރުން ހިމެނެ އެވެ. ކީޕަރުންގެ ގޮތުގައި ހިމަނާފައި ވަނީ ނިއު ރޭޑިއަންޓްގެ މުހައްމަދު ފައިސަލް އާއި މާޒިޔާގެ ހުސައިން ޝަރީފް، ޔުނައިޓަޑް ވިކްޓަރީގެ ހަސަން ތޮލާލްގެ އިތުރުން އީގަލްސްގެ ޒުވާން ކީޕަރު މިފްދާދު އަހްމަދެވެ. އޭއެފްސީ ޕްރިލިމިނަރީ ބުރުން ފެށިގެން މާލޭ ލީގްގެ ނިޔަލަށް ޓީސީގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު އިބްރާހިމް ނަދީމް އާދަމް (ރިކޫ) އަށް ފުރުސަތު ދީފައެއް ނުވެ އެވެ.