ކުޅިވަރު

މޮޅަށް ކުޅުމުންވެސް ގައުމީ ސްކޮޑުން ޖާގައެއް ނެތް

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށް އެކުލަވާލި 30 ކުޅުންތެރިންގެ ސްކޮޑުން ހަތަރު ކީޕަރުންނަށް ވަނީ ފުރުސަތު ދީފަ އެވެ. ކީޕަރުން ނެގުމުގައި، ޒުވާން ކީޕަރަކަށް ފުރުސަތު ދީފައި ވާނެ ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުންޏެވެ. ހަމައެޔާއެކު އެ ޕްރެސް ކޮންފަރެންސްގައި ކުޅުންތެރިން ނެގުމުގައި ލީގްގައި ދެއްކި ޕާފޯމަންސަށް އިސްކަން ދީފައިވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ޒުވާން ކީޕަރަކަށް ފުރުސަތު ދިނުމުގެ ގޮތުން އީގަލްސްގެ ޔޫތު ކީޕަރު މިފްދާދު އަހްމަދަށް ވަނީ ފުރުސަތު ދީފަ އެވެ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގައި މައްސަލައެއް ނެތެވެ. ނަމަވެސް މޮޅަށް ކުޅުނު ކީޕަރުން ބާކީ ކޮށްފައި ދިއުމުން ސުވާލު އުފެ ދެއެވެ. ޓީސީގެ ކީޕަރު އިބްރާހިމް ނަދީމް އާދަމް (ރިކޫ) ވަނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި ބަދަލު ކުޅުންތެރިޔެއްގެ ކުޅެން ނިކުމެ ރިކޫ ދެއްކި ކުޅުމާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާ އަށް ލިބުނެވެ. ޓީސީއާއެކު އޭއެފްސީ ކަޕުގައި ވާދަ ކުރުމަށް އޭނާ ކުރި ދަތުރުގައި އޭނާ ވަނީ ހަތަރު އިންޓަނޭޝަނަލް މެޗު ކުޅެފަ އެވެ.

މާލޭ ލީގްގައިވެސް ޓީސީގައި މޮޅު ކުޅުމެއް ދެއްކި އެވެ. ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ފާހަގަ ކުރާ ގޮތުން، އެއް ވަނަ ކީޕަރުގެ އަންގި ރިކޫގެ އަތް މައްޗަށް ދޫކޮށްލަން އޭނާ ފަހެއް ނުޖެހެ އެވެ.

ގައުމީ ސްކޮޑަށް ނެގި 30 ކުޅުންތެރިންގެ ސްކޮޑުން ރިކޫއަށް ޖާގަ ހައްގު ނުވަނީ ހެއްޔެވެ. ކުޅުންތެރިންގެ ޕާފޯމަންސަށް ބަލާއިރު، އެންމެ ރަނގަޅަށް ޕާފޯމް ނުކުރެވުނު ކީޕަރުން ވަނީ ސްކޮޑުގައި ހިމަނާފަ އެވެ. ނަމަވެސް މޮޅަށް ކުޅުނު ރިކޫއަށް ޖާގަ ނުލިބުމަކީ ގަބޫލު ކުރަން އުނދަގޫވި ކަމެކެވެ.

މި މައުލޫގައި ދައްކަން އޮތީ ރިކޫގެ ވާހަކަ އެކަންޏެއް ނޫނެވެ. އީގަލްސްގެ ފޯވަޑް އަހްމަދު ރިޒްވާން (ރިޒޭ) އާއި ޓީސީގެ ކެޕްޓަން ފައްރާހް އާއި އެ ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) އަދި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ އަހްމަދު ނާޝިދު (ނާއްޓޭ) އަށް ވެސް ފުރުސަތެއް ނުލިބުނެވެ. އެ ކުޅުންތެރިންނަކީ ލީގްގައި މޮޅަށް ކުޅުނު ކުޅުންތެރިންނެވެ.