އަލީ އަޝްފާގު (ދަގަނޑޭ)

ފަރުދީ ޒިންމާ އަދާ ނުކުރީ ކީއްވެ؟

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އަލީ އަޝްފާގް (ދަގަނޑޭ) އާ މެދެ ދިވެހިންގެ ހިތުގައި އޮތް ލޯއްބާއި ގަދަރަކީ ވަރަށް ހާއްސަ މަގާމެކެވެ. މުޅި ގައުމު އޭނާއަށްޓަކައި ހިތް ދޫކޮށްލަނީ ރާއްޖެއަށް އޭނާ ހޯދައިދިފައިވާ ރީތި ނަމާއި ޝަރަފާއި ކޮށްދީފައިވާ ހިދުމަތްތަކުންނެވެ. އޭނާއަކީ ގައުމީ ބަތަލެކެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި، ބޫޓާނާ ދެކޮޅަށް ކުޅެން ތައްޔާރު ވެފައި އޮއްވައި، ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް އޭނާގެ ޓީމުން އަޝްފާގް ބޭރު ކުރި އެވެ. އެ ވާހަކަ މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރީ އަޝްފާގް އަމިއްލައަށެވެ. ޓީމުން އޭނާ ވަކި ކުރަން ޖެހުނު ސަބަބު ވެސް ކިޔައިދިނީ އޭނާ އެވެ. ގައުމީ ކެޕްޓަންގެ ގޮތުގައި ހުރެ ޓީމުގެ ޕްރެސްކޮންފަރެންސަށް ހާޒިރުވުމަށް އޭނާއަށް ދެކެޅު ހެދުމުންނެވެ. މިއީ އަޝްފާގް ހެދި ގޯހެކެވެ. ޓީމުގެ ކެޕްޓަންގެ ގޮތުގައި ހުރެ، ޓީމު ތަމްސީލު ކުރަމަށް އޭނާއަށް ދައުވަތު ދެވޭއިރު އެކަމުން ރެކި ގަތުމަށް އޭނާ މަސައްކަތް ކުރުމަކީ ކެޕްޓަނެއްގެ ގޮތުގައި އަދާ ކުރަން ޖެހޭ ޒިންމާއަށް އޭނާ ސަމާލުކަން ނުދޭ ކަމުގެ ހެއްކެވެ.

އޭއެފްސީ ކަޕުގައި، މިއަހަރުވެސް ނިއު ރޭޑިއަންޓްގެ ކެޕްޓަންގެ ގޮތުގައި ދެ ފަހަރަށް އަޝްފާގް މީޑިއާގެ ކުރިމައްޗަށް ހާޒިރުވި އެވެ. މީޑިއާގެ ސުވާލުތަކަށް ޖަވާބު ވެސް ދިނެވެ. ގައުމީ ޓީމުގެ ޕްރެސްއަށް ހާޒިރު ވުމަށް ދެވޭ ދައުތުން ބަރީއަވެގެން ނުވާނެ އެވެ. ޕްރެސްއަށް ހާޒިރުވުމަށް ޓީމުގެ މެނޭޖަރާއި އެސިސްޓެންޓް ކޯޗު ގުޅުމުން ޓީމުގެ ކެޕްޓަންގެ ގޮތުގައި ހުރެ ބުންގެން ނުވާނެ ވާހަކައެއް އޭނާ ވަނީ ބުނެފަ އެވެ.

ގޯސް ހަދައިފިނަމަ ފިޔަވަޅު އަޅަން ޖެހޭނެ އެވެ. އެއީ ދުނިޔޭގެ އެންމެ ޕްރޮފިޝަނަލް ގިންތީގައި ވެސް އޮންނަ ގޮތެވެ. ޓީމުގެ ޕްރެސް ކޮންފަރެންސަށް ހާޒިރު ނުވުމުން ކޯޗު ފިޔަވަޅު އެޅިއެވެ. އޭނާ ސްކޮޑުން ބާކީ ވީއެވެ.

ސްކޮޑުން ބާކީ ކުރުމުން އަޝްފާގް އަދާ ކުރަން ޖެހޭ ޒިންމާ އަދާ ކުރުމުގައި އޭނާ ވަނީ ފަސް ޖެހިފަ އެވެ. ސާފް ޗެމްޕިއަންޝިޕުގެ ކުރިން ޝެގަޓް ބުނެފައި ވަނީ، އަޝްފާގް އަށް ގޯސް ހެދުނުކަން އެއްބަސްވެ އޭނާ މާފަށް އެދުނު ކަމަށެވެ. ނަމަވެސް އޭރު މުބާރާތަށް ރަޖިސްޓްރީ ކުރަންޖެހޭ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ނިމިފައިވާ ކަމަށް ޝެގަޓް ބުންޏެވެ. އަޝްފާގު މާފަށް އެދުނީ ކަން ހިނގާދިޔަތާ ހަތަރު މަސް ފަހުންނެވެ.

މާފަށް އެދުމަކީ ޕްރޮފިޝަނަލް ސިފަ އެކެވެ. ފުޓްބޯޅައިގައި އެކަން ހިނގަ އެވެ. މާފަށް އެދުމުން އެނބުރި ޓީމުން ފުރުސަތު ލިބި މޮޅު ކުޅުމެއް ދައްކާފައި ވެއެވެ. މިއަހަރު ނިމިގެންދިޔަ ވޯލްޑްކަޕުގައި އޭގެ މިސާލެއް ފެންނާނެ އެވެ. ހޮލެންޑްގެ އަޔެކްސްއަށް ކުޅެމުން ގެންދާ މޮރޮކޯގެ ހާކިމް ޒިޔެކް އެވެ. މޮރޮކޯގެ ކޯޗް ފްރާންސްގެ ހާވޭ ރެނާޑް އާ މައްސަލަ ޖެހި ޒިޔެކް ޓީމުން ބާކީވި އެވެ. ފަހުން މާފަށް އެދުމުން އޭނާއަށް ޓީމުން ފުރުސަތު ލިބުނެވެ. މިފަހަރުގެ ވޯލްޑްކަޕުގައި މޮރޮކޯ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އެވެ.

އަޝްފާގް ޒިންމާ، އޭނާ ކުރިން އަދާ ނުކުރީ ކީއްވެހެއްޔެވެ؟ މިއަދު މުޅި ރާއްޖެ ދައްކަނީ އެ ޓީމުގައި އަޝްފާގް ނެތުމުން އެ ބާގަނޑު ވަރަށް ފާހަގަވެގެން ދިޔަ ކަމަށެވެ. އަޝްފާގް އަދާ ކުރަން ޖެހޭ ފަރުދީ ޒިންމާއަކީ ގައުމީ ޓީމަށްޓަކައި އޭނާ މާފަށް އެދުމެވެ. ނަމަވެސް މާފަށް އެދުން ލަސް ކުރުމަކީ ދެރަ ކަމެކެވެ.