ސިއްހަތު

ނިދުމުގެ ކުރިން ކިރު ތައްޓެއް ވަރަށް ބޭނުން!

ނިދުމުގެ ކުރިން ކިރު ތައްޓެއް ބޯނަމަ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ކުރާ ވާހަކަ އިވެ އެވެ. ނަމަވެސް ނިދުމުގެ ކުރިން ކިރު ތައްޓެއް ބުއިމުން ލިބޭ ފައިދާއަކީ ކޮބައިކަން އިނގެނީ ވަރަށް މަދު މީހަކަށެވެ.

ކިރަކީ ހަށިގަނޑަށް އެންމެ ފައިދާކުރާ ބުއިންތަކުގެ ލިސްޓުގެ ކުރީގައި އޮތް ބުއިމެވެ. އެތައް ސިއްހީ ފައިދާތަކެއް ލިބޭ މި ބުއިމަކީ ޕްރޮޓީން އާއި ވިޓަމިންސްގެ މާއްދާތަކުން މުއްސަނދިވެފައިވާ ބުއިމެކެވެ. އަދި ޕޮޓޭޝިއަމް އާއި މެގްނީޒިއަމް ވެސް ގިނަ އަދަދަކަށް ކިރުގައި އެކުލެވިގެންވެ އެވެ.

ކިރަކީ ކުޑަކުދިންނަށް ހާއްސަ ބުއިމެއް ކަމަށް ބުނެ، ކިރު ނުބޯ މީހުންވެސް ތިބެ އެވެ. ނަމަވެސް އިނގޭ ހެއްޔެވެ. ރޭގަނޑު ނިދުމުގެ ކުރިން ކިރުތައްޓެއް ބުއިމަކީ ބޮޑު މީހެއް ނަމަވެސް އެތައް ގިނަ ފައިދާ ކުރާނެ ކަމެކެވެ.

ކިރުގައި އެމިނޯ އެސިޑްގެ މާއްދާއެއް ކަމަށްވާ ޓްރައިޕްޓޯފަން ގިނަ އަދަދަކަށް އެކުލެވެ އެވެ. މިއީ މިހާއަށް ފުރިހަމަ ނިދި ހޯދާދިނުމަށް އެހީތެރިވާ މާއްދާއެކެވެ. ރޭގަނޑު ދަންވަރު ނުނިދިގެން އުޅޭ މީހުނަށް ވެސް މިއީ ހައްލެކެވެ. އެއީ ކިރުގައި ހިމެނޭ ކެލްސިއަމް އާއި މެގްނީޒިއަމްގެ މާއްދާތަކުން ނިދި ހަރާބުވުމުން ދުރުކޮށްދިނުމަށް އެހީވާނެތީ އެވެ.

ގެރީގެ ކިރު ބުއިމަށް ފަސްޖެހޭ މީހުނަށް ވެސް ހައްލެއް އެބަ އޮތެވެ. ސިއްހީ ތަޖުރިބާކާރުން ބުނާގޮތުން ކާށި ކިރާއި، އެލްމަންޑު ކިރި ފަދަ ކިރުންވެސް އެ ފައިދާތައް ލިބޭނެ އެވެ.