އިންޑިއާގައި 2015 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވަނީ، އެފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު، އިތުރު ސާފްގެ މުބާރާތެއްގައި ނުކުޅޭނެ ކަމަށް އިއުލާންކޮށްފަ އެވެ.
އަޝްފާގް އޭރު ނިންމި ނިންމުން ބަދަލު ކުރުމަށް ގިނަ ފަރާތްތަކުން އޭރުވެސް އޭނާ އަށް ގޮވާލަމުން ދިޔަ އެވެ. މިއަދާ ހަމަޔަށް އެކަމާ ބެހޭގޮތުން އޭނާ ހުރީ އޭރު ނިންމި ނިންމުމުގެ މަތީގަ އެވެ. ނަމަވެސް، އަޝްފާގް މިއަދު ބުނެފައި ވަނީ، ގައުމީ ސްކޮޑުން ފުރުސަތު ދިން ނަމަ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅެން ނިންމީސް ކަމަށެވެ.
"އަހަރެން ހުރީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅެން ތައްޔާރަށް، އަހަރެން އެކަމަށް މަސައްކަތްވެސް ކުރަމުން ދިޔައިން، ނަމަވެސް އަހަންނަށް ކުޅެވޭނީ ކޯޗް އަހަންނަށް ޓީމުން ފުރުސަތު ދިން ނަމަ." އަޝްފާގް މިއަދު ކުރި ޓްވީޓްގައި ބުނެފައި ވެއެވެ.
ގައުމީ ސްކޮޑްގައި އަޝްފާގް ގެންނަން އޭނާއާ ވާހަކަ ދެއްކިތޯ ސުވާލު ކުރުމުން ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނީ، މާރިޗް މަހަށް ފަހު އަޝްފާގްއާ ބައްދަލު ކުރި ކަމަށާ ކުޅޭނެ ކަމަށް އޭނާ ބުނެފައި ނުވާ ކަމަށެވެ.
ޝަގަޓް ބުނީ އޭނާ ތައްޔާރު ވަމުން ދަނީ ޒުވާން ކުޅުންތެރިން ބިނާ ކުރަން ކަމަށާއި އެޓޭކިން ޑިޕާޓްމެންޓުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި އަޝްފާގް ނުހިމެނި ސަބަބުތަކުގެ ތެރޭގައި އޭނާގެ އުމުރު ހިމެނޭ ކަމަށެވެ. އަޝްފާގްގެ މިހާރުގެ އުމުރަކީ 30 އަހަރެވެ.
ސެޕްޓެމްބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން 30 ކުޅުންތެރިންގެ ސްކޮޑު އިއުލާން ކުރުމަށްފަހު ރޭ ވަނީ ޕްރެކްޓިސް ފަށާފަ އެވެ. އަދި މި އަންނަ ހޯމަ ދުވަހު ޓްރެއިނިން ކޭމްޕަށް ގަތަރަށް ފުރުމަށް ވަނީ ހަމަޖެހިފަ އެވެ. ސްޕެޓްމެބަރު މަހު ހަތަރެއްގައި ފަށާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ޝްރީ ލަންކާ އެވެ.