އަލީ އަޝްފާގު (ދަގަނޑޭ)

ޓީމުން ފުރުސަތު ނުދިނުމުން ދަގަނޑޭގެ ސަޕޯޓަރު އިހްތިޖާޖަށް

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ގައުމީ ޓީމުން ފުރުސަތު ނުދިނުމުން، އޭނާ ގައުމީ ޓީމަށް ނެގުމަށް ގޮވާލާ އިހްތިޖާޖަށް ނިކުންނަން ދަގަނޑޭގެ ސަޕޯޓަރުން ތައްޔާރު ވެއްޖެ އެވެ.

އަންނަ މަހު ބަންގުލަދޭޝްގައި ބާއްވާ، ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުން އަޝްފާގްއަށް ފުރުސަތު ދީފައެއް ނުވެ އެވެ. އޭނާ ސްކޮޑަށް ނުނެގުމުން ގިނަ ބަޔަކު ދަނީ ސްކޮޑު ނެގިގޮތާމެދު ފާޑު ކިޔުން އަމާޒު ކުރަމުންނެވެ. އިންޑިއާގައި 2015 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ކުރިން، އަޝްފާގް ވަނީ އެފަހަރުގެ ސާފް ސުޒުކީ ކަޕަކީ އޭނާގެ އެންމެ ފަހުގެ ސާފް މުބާރާތް ކަމަށް ނިންމައި އެކަން އިއުލާން ކޮށްފަ އެވެ.

އޭނާ ނިންމި ނިންމުމުގެ މަތީގައި މިދިޔަ ހޯމަ ދުވަހާ ޖެހެންދެން އޭނާ ދެމިހުއްޓެވެ. ސްކޮޑް އިއުލާން ކުރި ފަހުން އޭނާ ވަނީ އޭނާގެ ނިންމުން ބަދަލު ކުރަން ތައްޔާރަށް ހުރިކަން އާންމުކޮށް އިއުލާން ކޮށްފަ އެވެ. އަޝްފާގް ބުނީ، ސާފް ޗެމްޕިއަންޝިޕްގައި ކުޅެން އޭނާ ތައްޔާރު ވަމުން ދިޔަ ކަމަށާއި ނަމަވެސް އޭނާ އަށް ކުޅެވޭނީ ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް އޭނާ އަށް ފުރުސަތު ދޭނަމަ ކަމަށެވެ.

އަޝްފާގް ސްކޮޑަށް ނުނެގި ސަބަބުތައް ކަމަށް ޝެގަޓް ހާމަކޮށްފައި ވާ އެއް ސަބަބަކީ އަޝްފާގް އުމުރެވެ. އަޝްފާގް މިހާރު އުމުރަކީ 32 އަހަރެވެ. އަންނަ މަހު ހައެއްގައި އޭނާއަށް 33 އަހަރު ފުރޭނެ އެވެ. އަޝްފާގް ޓީމަށް ނެގުމަށް ގޮވާލާ ބާއްވާ އިހްތިޖާޖުގައި އޭނާގެ މިހާރުގެ ކުލަބު ޓީސީ އާއި ކުރިގެ ކުލަބު ނިއު ރޭޑިއަންޓްގެ ބައެއް ސަޕޯޓަރުންވެސް ބައިވެރިވާނެ ކަމަށް އިންތިޒާމު ކުރާ ފަރާތްތަކުން ބުނެ އެވެ.

"މިއީ ހަމައެކަނި އަޝްފާގްގެ ސަޕޯޓަރުން އެކަންޏެއްނޫން، ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުން މި އެއްވުމުގައި ބައިވެރިވާނެ،" އެއްވުން އިންތިޒާމު ކުރާ އޮފިޝަލަކު އަވަސް އަށް ބުންޏެވެ. "މުޅި ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުން ގަބޫލު ކުރޭ އަޝްފާގް [ގައުމީ ސްކޮޑް ގައި] ހިމެނެން ޖެހޭނެ ކަމަށް އެހެންވެ އެކަން ތަންފީޒު ކުރުމަށް ގޮވާލާ މި ހަރަކާތް މި އިންތިޒާމު ކުރަނީ."

އޭނާ ބުނީ ގާތްގަނޑަކަށް 400 އެއްހާ މީހުން މި އެއްވުމުގައި ބައިވެރިވާނެ ކަމަށެވެ. އެއްވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައި އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަދާފައިވާ ފުޓްސަލް ދަނޑު ސަރަހައްދުގަ އެވެ.

ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ވޯލްޑްކަޕަށް ބްރެޒިލްގެ ސްކޮޑް ނެގިއިރު އޭރު ބްރެޒިލް ޓީމުގެ މުހިންމު އެއް ކުޅުންތެރިޔާ ރޮމާރިއޯ ނުހިމެނުމުން ގިނަ ބަޔަކު އެކަމަށް ފާޑު ކިޔައި އިހްތިޖާޖު ކުރި އެވެ. އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕު ބްރެޒިލަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ރޮމާރިއޯ އެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާ އެވެ. ބްރެޒިލްގެ އޭރުގެ ކޯޗް ލުއިޒް ފިލިޕޭ ސްކޮލާރީ އޭނާގެ ސްކޮޑްގައި ރޮމާރިއޯ ނުހިމެނުމުން ސަޕޯޓަރުން ވަނީ ސްކޮލާރީގެ ވިސްނުން ބަދަލު ކުރަންޖެހޭ ކަމަށް ބުނެ އަޑު އުފުލާފަ އެވެ.