ހަބަރު

ޔާމީންގެ މަރުގެ މައްސަލައިގައި ހަފްތާއަކު އަޑުއެހުމެއް ބާއްވަން ވިސްނަން: ގާޒީ

ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި 6 މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާ މަދަނީ މިންގަނޑުން ސާބިތުވާކަމަށް ނިންމައިފި ނަމަ، ކޮންމެ ހަފްތާއަކުވެސް އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށް އެ މައްސަލަ
ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

އެމައްސަލައާއި ގުޅިގެން، މިއަަދު ބޭއްވި އިބުތިދާއީ އަޑުއެހުމުގައި އޮތީ ދައުލަތާއި، ދައުވާ ލިބޭ ފަރާތްތަކުން ހެކި ހުށަހެޅުމާއި، މަދަނީ މިންގަނޑުން އެ ދައުވާއަކީ ކުރިޔަށް ގެންދެވޭނެ ދައުވާއެއްކަން ކަނޑައެޅުމެވެ. އެހެން ނަމަވެސް ދައުވާ ލިބޭ ފަރާތަތްކުން ވަނީ އަދިވެސް އެ ދައުވާ ސާފު ނުވާ ކަމަށާއި، ދައުވާ ލިބޭ ފަރާތްތަކުން ކޮށްފައިވަނީ ކޮން އަމަލެއްކަން ދައުލަތަށް ބުނެދެވިފައިނުވާ ކަމަށްބުނެ ހެކި ހުށަހެޅުމަށް އިތުރު ފުރުސަތަކަށް އެދިފަ އެވެ.

ދައުލަތުގެ ފަރާތުން އެ ދައުވާ ސާބިތު ކުރުމަށް 8 ޝަފައީ ހެއްކެއް ސިއްރު ހެކިންގެ ގޮތުގައި، ހުށަހެޅި އިރު ކިތާބީ ހެކީގެ ގޮތުގައި، 16 ލިއުން ވަނީ ހުށަހަޅާފައެވެ، އޭގެ ތެރޭގައި ފުލުުހުންގެ 7 އިންޓެލިޖެންސް ރިޕޯޓް ހިމެނެއެވެ. ދައުލަތުން މިއަދު ހެކި ހުށަހަޅާފައިވާއިރު، ދައުވާ ލިބޭ ފަރާތްތަކުން ވަނީ ދައުލަތުން ކޯޓުން އަމުރުކޮށްފައިވަނިކޮށްވެސް އެމައްސަލައިގައި ހިމެނޭ ލިޔެކިޔުންތަށް ނުލިބޭ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން އެ ލިއުންތަށް ލިބިފައިނުވާތީއާއި، އެމީހުންގެ ތެރެއިން ވަކިވަކި މީހުން ކޮށްފައިވާ ކުށުގެ އަމަލަކީ ކޮބައިކަން ދައުލަތަށް ބުނެދެވިފައިނުވާތީ، ދިފާއު ބިނާ ކުރުމަށް ނުކުޅެދިފައިވާކަމަށް ދައުވާ ލިބޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން މޯލްޑިވްސް ކަރެކްޝަަނަލް ސާވިސަސްއިން އަމަލު ކުރަން ފަށާފައިވާ އާ އުސޫލެއްގައި، ވަކީލުންނާއި، މުވައްކިލުންނަށް ބައްދަލުކުރެވެނީ ކޯޓުން ޗިޓު ދިނުމުން ކަމަށް ބަޔާންކޮށްފައިވާތީ، އެކަމަކީ ގާނޫނު އަސާސީއާއި ހެދިފައިވާ ގަވާއިދުތަކާއި މުޅީން ހިލާފު ކަމެއް ކަމަށްބުނެ އެކަމުގެ ޝަކުވާވެސް ދިފާއީ ވަކީލުން ވަނީ ކޮށްފައެވެ.

އެކަމުގެ ސަބަބުން މުވައްކިލުންނާއި ބައްދަލު ކުރުމަށް އުނދަގޫވާ ކަމަށާއި، ބައްދަލު ނުކުރެވޭ ކަމަށްވާނަމަ، މައްސަލައަށް ތައްޔާރުވާން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ވަކީލުން ވަނީ ބުނެފައެވެ. ކުރިމިނަލް ކޯޓުން އެމައްސަލަ ބައްލަވާ ގާޒީވަނީ ވަކީލުންނާއި، މުވައްކިލުންނަށް ބައްދަލުކުރެވޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ގާޒީ ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ދައުވާ ލިބޭ ފަރާތްތަކުން ޝަރީއަތުގެ ކުރިން ހުށަހަޅާކަންކަން 14 އޮގަސްޓް 2018 ގައި ހުށަހެޅުމަށާއި، އެ ހުށަހެޅުންތަށް ހުށަހަޅައިފިކަމަށްވާނަމަ 16 އޮގަސްޓުގައި އެ ހުށަހެޅުންތަކަށް ރައްދުދިނުމަށް ދައުލަތަށް ފުރުސަތު ދިނުމަށްފަހު 28 އޮގަސްޓުގައި އެމައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އަދި އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ސިއްރު ކުރަން އެދިފައިވާ ހެކި ސިއްރުކުރުމުގެ އަމުރު ނެރެދޭނެ ކަަމަށާއި، މަގުބޫލު އުޒުރެއްނެތި އަޑުއެހުމަށް ވަކީލުން ހާޒިރު ނުވި ކަމުގައިވީނަމަވެސް އަޑުއެހުން ކުރިޔަށް ގެންދާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ. މިއީ ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ފަހަރެވެ.