ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ރިލީޒްކުރާ ތާރީހަށް މި ދުވަސްކޮޅު ދަނީ ބަދަލުތައް ގެންނަމުންނެވެ. ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ 2" ވެސް މިހާރު ވަނީ ރިލީޒް ކުރުން ފަސްކޮށްފަ އެވެ.
ކުރިން މި ފިލްމު ރިލީޒްކުރާ ގޮތަށް ނިންމާފައި އޮތީ އަންނަ ނޮވެމްބަރު މަހުގަ އެވެ. މިހާރު މި ފިލްމު ރިލީޒް ކުރާނެ ތާރީހު މެއި 10، 2019 އަށް ބަދުކޮށްފަ އެވެ. ފިލްމު ފަސްކުރިކަން ޕްރޮޑިއުސަރު ކަރަން ޖޯހަރް ވަނީ ޓުވިޓާ މެދުވެރިކޮށް ކަށަވަރުކޮށްދީފަ އެވެ.
ހައިސް ސްކޫލް ލަވް ސްޓޯރީއެއް ގެނެސްދޭ މި ފިލްމު ފަސްކުރަން ނިންމި ސަބަބެއް ކަރަން ހާމަކޮށްފައެއް ނުވެ އެވެ. ބޮޑަށް ބެލެވެނީ މި އަހަރު ކުރިއަށް ވަރުގަދަ ގިނަ ފިލްމުތަކެއް ނެރެން ތާވަލުކުރެވިފައި އޮތުމުންނެވެ.
ޓައިގާ ޝްރޮފް ލީޑުން ފެނިގެންދާ މި ފިލްމުން ބޮލީވުޑަށް މުޅިން އާ ދެ ބަތަލާއިން ތައާރަފުވާނެ އެވެ. އެއީ ތާރާ ސުތާރިއާ އާއި އަނަންޔާ ޕާންޑޭ އެވެ. މި ފިލްމުގެ ބޮޑު ބައި މިހާރު ވަނީ ޝޫޓުކޮށްވެސް ނިންމާފަ އެވެ. މަންޒަރުތައް ނަގާފައި ވަނީ މައިސޫރް އާއި ދެރާދުންގަ އެވެ.