ބޮލީވުޑްގެ މިއަހަރުގެ އެންމެ ބޮޑު ފިލްމަކަށް ވާނީ އަންނަ ނޮވެމްބަރު މަހު ރިލީޒްކުރާ އާމިރް ޚާންގެ ފިލްމު "ތަގްސް އޮފް ހިންދުސްތާން" އެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެވެ. ބޮލީވުޑްގައި މިހާރު ތިބި އެންމެ ކުޅަދާނަ ދެ ބަތަލުން ކަމަށްވާ އާމިރް އާއި އަމިތާބް ބައްޗަން ފުރަތަމަ ފަހަރަށް އެކުގައި މި ފިލްމުން ފެންނާނެ އެވެ.
ވިޖޭ ކްރިޝްނާ އައްޔަން އަޗަރްޔާ ޑައިރެކްޓުކުރާ މި ފިލްމުގެ ވާހަކަތައް ވަރަށް ގަދައަށް ދެކެވެމުން އަންނައިރު، ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް ބޮލީވުޑް ފިލްމެއްގެ އެންމެ އަގު ބޮޑު އައުޓްޑޯ މަންޒަރެއް ނަގާފައި ވަނީ މި ފިލްމަށެވެ. މި ފިލްމުގެ މަންޒަރުތަކެއް ނެގުމަށް މުޅި ފިލްމުގެ ކްރޫ ވަނީ ޔޫރަޕްގެ ޖަޒީރާ ގައުމެއް ކަމަށްވާ މަލްޓާގައި 45 ދުވަސް ހޭދަކޮށްފަ އެވެ.
އެ ގައުމުގެ އެކި ރަށްތަކާއި ހިސާބުތަކުގައި ފިލްމުގެ މަންޒަރުތައް ނަގާފައިވެ އެވެ. އަދި ފިލްމުގެ މަންޒަރެއް ނެގުމަށް އެ ރަށުގައި ދެ ބޮޑު ބޯޓެއް ވެސް ބަނދެފައިވެ އެވެ. މި ބޯޓުތައް ބަނީ ހޮލީވުޑް ފިލްމުތަކުގައި ވެސް މިކަހަލަ މަސައްކަތްކުރާ ބައިނަލްއަގުވާމީ ތަޖުރިބާކާރު ޓީމަކުންނެވެ.
މި ފިލްމު ތައްޔާރުކުރަނީ 2.5 ބިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓަކުންނެވެ. ނޮވެމްބަރު ހަތެއްގައި ސްކްރީނަށް ގެންނާނެ މި ފިލްމުގައި ކެޓްރީނާ ކައިފްއާއި އަދި އާމިރްގެ ފިލްމު "ދަންގާލް" އިން މަގުބޫލުކަން ހޯދި އެކްޓްރެސް ފާތިމާ ސަނާ ޝެއިޚްވެސް ފެނިގެންދާނެ އެވެ.
"ތަގްސް އޮފް ހިންދުސްތާން" އަކީ 1839 ވަނަ އަހަރު ނިކުތް ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. އެ ވާހަކައިގައި ކިޔާދެނީ އިންޑިއާގައި އިނގެރޭސިން ވެރިކަންކުރިއިރު، އިނގެރޭސިންނަށް އެ ގައުމުގައި ހަމަޖެހިގެން އުޅުނަނުދިނުމަށް މަސައްކަތްކުރި "ތަގެއް" ނުވަތަ ގޭންގު ސްޓާރުންތަކެއްގެ ވާހަކަ އެވެ.