ވިޔަފާރި

މަސައްކަތް ކުރަން އެންމެ ރަނގަޅު އޭޝިޔާގެ ކުންފުނިތަކުގެ ތެރޭގައި ބީއެމްއެލް

Jul 31, 2018

މަސައްކަތް ކުރަން އޭޝިޔާގައި އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އަނެއްކާ ވެސް ހިމެނިއްޖެ އެވެ.

މިއީ ޝަރަފްވެރި "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބީއެމްއެލް އިން ޖެހިޖެހިގެން ހޯދި ދެވަނަ އަހަރެވެ. ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މުވައްޒަފުންގެ ކަންކަމުގައި ގެންގުޅޭ ކުރިއަރާފައިވާ ސިޔާސަތުތަކާއި މީހުން ބިނާކުރުމުގައި ގެންގުޅޭ އުސޫލްތަކާއި ގުޅިގެން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" މި ފަހަރު ވެސް އެ ބޭންކަށް ލިބިފައިވާ ކަމަށެވެ.

ސިންގަޕޫރުގައި މިއަދު ބޭއްވުނު އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ. ބީއެމްއެލް އަށް މި އެވޯޑް ދީފައިވަނީ އެ ބޭންކުން ކަނޑައަޅާފައިވާ ހަރުދަނާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީންކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމަުންދާ މަސައްކަތް ފާހަގަކޮށްފަ އެވެ.

ބޭންކުގެ ފަރާތުން މި އެވޯޑާއި ހަވާލުވެފައިވަނީ ބޭންކުގެ ޑައިރެކްޓަރ ޕީޕަލް އެންޑް ޗޭންޖް ސަހާ ވަހީދާއި އިންޓަރނަލް ކޮމިޔުނިކޭޝަންސް މެނޭޖަރ ފާތިމަތު މައިޝާ އާދަމް އެވެ.

މި އެވޯޑް ލިބުމާ ގުޅިގެން ވާހަކަ ދައްކަވަމުން ސަހާ ވިދާޅުވީ ސަރަހައްދުގެ އެންމެ ރަނގަޅު އެމްޕްލޯޔާގެ ގޮތުގައި މި އަހަރު ވެސް ބީއެމްއެލް ހޮވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އޮގަނައިޒޭޝަނެއްގެ ގޮތުން، ވަޒީފާއަށް އެންމެ އެކަށޭނެ، ހުނަރުވެރި އަދި ކަސްޓަމަރުން ނަށް ޚިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ގެންގުޅުމަށް އަޅުގަނޑުމެން ވަރަށް ޚާއްސަ އިސްކަމެއް ދެން. އަދި ދެވަނަ ފަހަރަށްވެސް މި އެވޯޑް ރާއްޖެއަށް ގެނެސްދިނުމަށްޓަކައި އެޗްއާރު ޓީމުން ކޮށްފައިވާ ބުރަ މަސައްކަތަށް ޝުކުރުއަދާކުރަން. އެ ޓީމުގެ ދެވަނައެއް ނުވާ ޕްރޮފެޝަނަލް މަސައްކަތާއެކު މި ކާމިޔާބު ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ބޭންކުގެ މެނޭޖަރުންނާއި މުވައްޒަފުންގެ ޓީމަކީވެސް އެކުއެކީގައި މަސައްކަތްކުރުމަށް އިސްކަންދީ އަދި އެކަށިގެންވާ މަސައްކަތުގެ މާހައުލެއް ބޭންކުގައި ގާއިމްކުރުމަށް ވަރަށް އިސްކަންދޭ މުވައްޒަފުން،" ސަހާ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް" ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށްފަހުން ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތު ތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.