މެންޗެސްޓާ ޔުނައިޓެޑް

މޮރީނިއޯ މާޔޫސްވިޔަ ނުދޭނަން: ޔުނައިޓެޑް

ޓްރާންސްފާއާ ހެދި މާޔޫސްވެފައި ހުރި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ހޯޒޭ މޮރީނިއޯއަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް މެންޗެސްޓާ ޔުނައިޓަޑުން ހާމަ ކޮށްފި އެވެ.

ދަ ގާޑިއަންގެ މެންޗެސްޓާ ފުޓްބޯލް ކްރޮސްޕޮންޑެންޓް އެ ނޫހުގައި މިއަދު ލިޔެފައި ވަނީ، މޮރީނިއޯ ބޭނުންވާ ގޮތަށް ސްކޮޑު ވަރުގަދަ ކުރުމަށްޓަކައި އިތުރު ކުޅުންތެރިން ގެނައުމަށް ހޭދަ ކުރުމަށް ކުލަބުގެ އެގްޒެކެޓިވް ބޯޑުން ނިންމާފައިވާ ކަމަށެވެ.

މޮރީނިއޯ ވަނީ މާޗް މަހުގައި، ޔުނައިޓަޑްގެ ސްކޮޑު ވަރުގަދަ ކުރުމަށް އޭނާ ބޭނުންވާ ފަސް ކުޅުތެރިންގެ ނަން ޔުނައިޓެޑްގެ ބޯޑަށް ހުށަހަޅާފަ އެވެ. އިނގިރޭސި ޓްރާންސްފާ ޕީރިއަޑް ނިމެން 12 ވަރަކަށް ދުވަހަށް ވެފައިވާއިރު މިހާތަނަށް ޔުނައިޓެޑަށް ހޯދުނީ ދެ ކުޅުންތެރިންނެވެ. އެއީ ފްރާންސްގެ މޮނާކޯއިން ޔުނައިޓެޑަށް ބަދަލުވި ބްރެޒިލްގެ މިޑްފީލްޑާ ފްރެޑް އާއި ޕޯޓޯއިން ބަދަލުވި ޑިފެންޑަރު ޑިއޭގޯ ޑަލޮޓް އެވެ.

ދަ ގާޑިއަންއިން ބުނެފައި ވަނީ، ޓްރާންސްފާ ޕޮލިސީއާ މެދު މޮރީނިއޯގެ ކަންބޮޑުވުން ޔުނައިޓެޑްގެ އެގްޒެކެޓިވް ނައިބު ރައީސް އެޑް ވުޑް ވާޑްސްއަށް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަންބޮޑުވުންތަކަށް އެގްޒެކެޓިވް ބޯޑުން ރިޔާޔަތް ކޮށްފައިވާ ކަމަށެވެ.

ޓްރާންސްފާގެ ޚަބަރުތައް ބުނާގޮތުން ޔުނައިޓަޑުން މިހާރު ފާރަލަމުން ދަނީ، މިފަހަރުގެ ވޯލްޑްކަޕުގައި ކޮލަމްބިއާ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ބާސެލޯނާގެ ޔެރީ މިނާ އާއި އިންގްލެންޑްގެ ލެސްޓާ ސިޓީގެ ޑިފެންޑަރު ހެރީ މިގްއާ އަށެވެ.

މޮރީނިއޯގެ އަނެއް ކަންބޮޑުވުމަކީ ކުލަބުގެ ކެޕްޓަން އޮންޓޯނިއޯ ވެލެންސިއާ ފޯމު ގެއްލިފައި ވުމެވެ. އަދި ޕްރީ ސީޒަން ޓްރެއިނިން އެމެރިކާގައި ކުރިއަށްދާއިރު ސީނިއާ ކުޅުންތެރިން ސްކޮޑުގައި ހިމެނިފައި ނެތުމެވެ. ވޯލްޑްކަޕުގެ ސެމީ ފައިނަލަށް ދަތުރު ތިން ޓީމުގައި ޔުނައިޓަޑްގެ ކުޅުންތެރިން ހިމެނުމުން، ޕައުލް ޕޮގްބާ އާއި ލުކާކު އަދި އެޝްލީ ޔަންގް އާއި ޖެސީ ލިންގާޑްމެން ފަދަ ކުޅުންތެރިން ޗުއްޓީގައި ތިބެން ޖެހުންވެސް މޮރީނިއޯގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެ އެވެ. ސީނިއާ ކުޅުންތެރިންގެ ތެރެއިން ކުލަބުގެ ޕްރީ ސީޒަން ޓްއާގައި ވާދަ ކުރަމުން ދަނީ އެލެކްސިސް ސަންޗޭޒް އެކަންޏެވެ. ދެން ހިމެނެނީ ޒުވާން ކުޅުންތެރިންނެވެ.