ސާފް ސުޒުކީ ކަޕް

ސަމްދޫހް ގައުމީ ސްކޮޑަށް: "ދެންއޮތީ އެންމެ ބުރަ ޓާގެޓް"

ތިން އަހަރަށް ފަހު ގައުމީ ސްކޮޑްގައި ގްރީން ސްޓްރީޓްގެ ޑިފެންޑަރު ސަމްދޫހް މުހައްމަދު ހިމަނައިފި އެވެ. އޭނާ އެންމެ ފަހުން ރަސްމީކޮށް ސްކޮޑްގައި ހިމެނުނީ ބަންގުލަދޭޝްގައި 2016 ބޭއްވި ބަންގުބަންދު ގޯލްޑް ކަޕުގަ އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާން މެޗުގެ ކުރިން އޭނާ ޓީމުގެ ޕްރެކްޓިހަށް ނިކުތެވެ. ނަމަވެސް އޭޝިއަންކަޕް ކޮލިފައިންގެ ކުޅުންތެރިޔެެއްގެ ގޮތުގައި އޭނާ ރަޖިސްޓްރީ ކޮށްފަ އެއް ނެތެވެ.

"އޭރު ޕްރެކްޓިހަށް ނިކުންނަން ކޯޗް ބުނީ، ފަހު ވަގުތުވެސް ރަޖިސްޓްރީ ކުރެވިދާނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް،" މިއަހަރު ގްރީން ސްޓްރީޓްގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ސަމްދޫހް ބުންޏެވެ. "އެހެންވެ ޕްރެކްޓިހަށް ނިކުތުމަށް ކޯޗް ބުނީމަ އޭރު ޕްރެކްޓިހުގައި ބައިވެރިވީ."

އޭރު އެއީ ނުރަސްމީ ކޮށެވެ. ނަމަވެސް ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި 30 ކުޅުންތެރިންގެ ސްކޮޑްގައި ލިސްޓް ކުރެވިގެން ދިއުމަކީ އޭނާއަށް ލިބުނު ހިތްހަމަޖެހުމެކެވެ. މިއީ އޭނާއަށްވެސް ބޮޑު ޓެސްޓެކެވެ. ސްކޮޑުން ފައިނަލުވާ ފީލްޑް 20 ކުޅުންތެރިންގެ ތެރޭގައި ހިމެނުމަށް އޭނާ ކުރަންޖެހޭ މަސައްކަތް އިތުރު ވާނެ އެވެ.

"ޕްރެކްޓިހުގައި ހުރިހާ ކުޅުންތެރިންވެސް ވަރަށް ކޮމިޓްމެންޓް، ކޮންމެ ކުޅުންތެރިޔެއްގެ ޓާގެޓަކީވެސް ފައިނަލު ސްކޮޑްގައި ހިމެނުން،" އޭނާ ބުންޏެވެ. "ޑިފެންސްލައިނުގައިވެސް މިތިބީ ވަރުގަދަ ނަންތަކެއް އެހެންވެ އަޅުގަނޑު ކުރަން ޖެހޭ މަސައްކަތް ބޮޑު ވާނެ."

ޑިފެންސްލައިންގެ ތިބި ވަރުގަދަ ކުޅުންތެރިންގެ ތެރެއިން ފުރޭނިގެން ގޮސް ފައިނަލު ސްކޮޑާ ހަަމަޔަށް ދިއުމަށް ސަމްދޫހަށް އެންމެ ބޮޑު ހިތްވަރެއް ލިބޭ ސަބަބަކީ ޝޯޓްލިސްޓް ކުރި 60 ކުޅުންތެރިންގެ ތެރެއިން 30 ކުޅުންތެރިންގެ ސްކޮޑްގައި ހިމެނިގެން ދިއުމެވެ.

"މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅުން އެއީ ވަރަށް ބޮޑު ހުވަފެނެއް، ވަރަށް ބުރަކޮށް މަސައްކަތް ކުރާނަން އެ ފުރުސަތު ހޯދޭތޯ. އިންޝާ ﷲ އެ ޗާންސް ލިބެނެ."