ކާނާ

ފްރެންޗް ފްރައިޒްގެ މިލްކުވެރިކަމަށް ޕެޓިޝަނެއް!

ކާ އެއްޗެއްގެ މިލްކުވެރިކަމާ ހެދި ގައުމުތަކަކުން އޮޅުލާ ވާހަކައަކީ ބީރައްޓެހި ވާހަކައަކަށްވެދާނެ އެވެ. މަޝްހޫރު ލުއި ކާނާއެއް ކަމަށްވާ ފްރެންޗު ފްރައިޒްގެ މިލްކުވެރިކަމާއި ހެދި ގައުމުތަކަކުން އޮޅުލަނީ އެވެ. މީގެ މިލްކު ވެރިކަމަށް ދައުވާކުރާ އެތައް ގައުމެއް މިހާރު އެބަ ވެއެވެ.

ފްރެންޗު ފްރައިޒްގެ މިލްކުވެރިކަމަށް އެންމެ ގަދައަށް ވަކާލާތުކުރާ ގައުމަކަށް ވާނީ ބެލްޖިއަމެވެ. ބެލްޖިއަމްއިން މިހާރު ވަނީ ފްރެންޗް ފްރައިޒްގެ މިލްކުވެރިކަން ހޯދަން ޔުނެސްކޯއަށް ޕެޓިޝަނެއް ވެސް ތައްޔާރު ކުރަން ފަށާފަ އެވެ. އެ ޕެޓިޝަންގައި ފްރެންޗް ފްރައިޒްއަކީ އެ ގައުމުގެ ސަގާފަތާއި ތަރިކާގައި ހިމެނޭ ރަސްމީ އެއްޗެއްގެ ގޮތުގައި ހަދައިދީ މުޅި ދުނިޔެއަށް އެކަން ހާމަކޮށްދިނުމަށް އެދެ އެވެ.

ދުނިޔޭގެ ތާރިހުން އެގެން އޮތް ގޮތުގައިވެސް ފްރެންޗް ފްރައިޒްގެ މިލްކުވެރިކަން އެންމެ ހައްގުވަނީ ބެލްޖިއަމަށެވެ. އެއީ އަލުވި ތެއްލައިގެން ހަދާފައި ހުންނަ މި ފްރެންޗު ފްރައިޒް އެންމެ ފުރަތަމަ އުފައްދާ ކައި އުޅުނު ގައުމުކަމަށް ތާރީހުން ފެންނަން އޮތީ ބެލްޖިއަމް ކަމަށްވާތީ އެވެ.

ތާރީހުން އިނގެން އޮތް ގޮތުގައި އެންމެ ފުރަތަމަ ފްރެންޗު ފްރައިޒް އުފެއްދީ ބެލްޖިއަމްގެ ސިޓީއެއް ކަމަށްވާ ނާމުރްގައި ދިރިއުޅުނު ފްރާންސްއަށް ނިސްބަތްވާ ދަރިކޮޅަކުުންނެވެ. އެމީހުން މިއަށް ކިޔަނީވެސް އެހެން ނަމެކެވެ. އެމީހުން ކިޔާ އުޅުނީ "ފްރާންކޮފޯން ފްރައި" އެވެ. މިއަށް ފްރެންޗް ފްރައިޒްގެ ނަން ދިން ކަމަށްވަނީ އެމެރިކާ މީހުންނެވެ. "ފްރާންކޮފޯން" އަކީ ފްރެންޗު ބަހުން ކިޔާ ނަމެވެ.

އޭރު ނާމުރް ސިޓީގެ މީހުންނަކީ ވަރަށް ގިނައިން މަސް ތެލުލައިގެން ކައި އުޅުނު ބައެކެވެ. ނަމަވަސް 1680 ވަނަ އަހަރު ފިނި މޫސުމުގައި އެމީހުން ކާން މަސް ބާނާ އުޅުނު ކޯރު ކަމުގައިވާ، ރިވާ މޫސް ގަނޑުވުމާއެކު މަސް ލިބޭނެ ގޮތެއް ނުވި އެވެ. މަހުގެ ބަދަލުގައި ދެން އެމީހުން ފެށީ އަލުވި ތެލުލައިގެން ކާށެވެ.

ބައެއް މީހުން ބުނާ ގޮތުގައި އެންމެ ފުރަތަމަ ފްރެންޗް ފްރައިޒް އުފެއްދީ އެމެރިކާގެ މީހުންނެވެ. އެއީ ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމާއިގެ ދުވަސްވަރު އެމެރިކާގެ ސިފައިން ބެލްޖިއަމްގައި ފްރާންކޮފޯންގެ ދަރިކޮޅުން އުޅުނު ހިސާބުގައި ތިބި ދުވަސްވަރު އެމީހުން ކައި އުޅުމަށް ތައްޔާރުކުރި އެއްޗެއްގެ ގޮތުގަ އެވެ.

ފްރެންޗް ފްރައިޒް އެންމެ ފުރަތަމަ އުފެއްދި ގައުމުކަމަށް ތާރީހު ދިރާސާކުރާ ފަރާތްތަކުން ދައުވާކުރާ ގައުމުތަކުގެ ތެރޭގައި ފްރާންސްވެސް ހިމެނެ އެވެ. އެއީ މީގެ ނަން އެންމެ ގުޅެނީ ވެސް އެ ގައުމާއި ކަމަށް ވާތީ އެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ފްރެންޗް ފްރައިޒްއަކީ 18 ވަނަ ގަރުނުގައި ފްރާންސްގެ ވެރިރަށް ޕެރިހުގައި ތައްޔާރުކޮށްގެން ވިއްކާ އުޅުނު އެއްޗެކެވެ.