ހަބަރު

ރިޝްވަތުގެ ކުށް ހިމަނައިގެން އިތުރު އިސްލާހެއް އަބްދުއްރަހީމް މަޖިލީހަށް ވައްދައިފި

ކޮރޮޕްޝަން ހުއްޓުވުމާއި ރިޝްވަތުގެ ކުށް ހިމެނޭ ގޮތަށް ގާނޫނުލްއުގޫބާތަށް އިތުރު އިސްލާހެއް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މަޖިލީހަށް ވައްދާފައިވާ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުން މިއަދު ބުނެފި އެވެ.

އަބްދުއްރަހީމް އެ އިސްލާހު މަޖިލީހަށް ވައްދާފައިވާ ކަން ޕީޕީއެމްގެ ޕީޖީ ގްރޫޕުން މިއަދު ހާމަކޮށްފައި ވަނީ ގާނޫނުލް އުގޫބާތަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ހުށަހަޅާފައިވާ އިސްލާހުގައި ރިޝްވަތުގެ ކުށް ހިމެނިފައި ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އެ މައްސަލަ އޮޅުން ފިލުވައި ދިނުމުގެ ގޮތުން ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ގްރީޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ގާނޫނުލްއުގޫބާގަށް ގެންނަ އިސްލާހު ދެ ބަޔަކަށް ބެހިފައިވާ ކަމަށާއި އައިބީ ހުށަހެޅި އިސްލާހުގެ އިތުރުން އަބްދުއްރަހީމް ވެސް އެ ގާނޫނަށް އިސްލާހެއް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް އެ އިސްލާހު އާންމުކޮށްފައި ނުވާ ކަމަށާއި ނަމަވެސް އަބްދުއްރަހީމް ހުށަހެޅި އެ އިސްލާހުގައި ކޮރޮޕްޝަން ހުއްޓުވުމާއި ރިޝްވަތު މަނާ ކުރުމުގެ ކަންކަން ވަރަށް ފުޅާކޮށް ބަޔާންކޮށްފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ. އެއީ މިހާރު ގާނޫނުލްއުގޫބާތުގައި އޮތް ވަރަށް ވުރެވެސް ބޮޑަށް ކަމަށް ނިހާން ވިދާޅުވި އެވެ.

"510 ވަނަ މާއްދާއިން ފެއްޓިގެން 550 ވަނަ މާއްދާއާ ދޭ ތެރޭގައި 550 ވަނަ ބާބު ރިޝްވަތުގެ ކުށް، ކަނޑައެޅިގެން ތަފްސީލުކޮށް ބަޔާންކޮށް، އާންމުކޮށް އަމަލު ކުރަމުން މިދާ ކޮރޮޕްޝަން ހުއްޓުވުން މަނާ ކުރުމުގެ ގާނޫނަށް ވުރެ އެތަށް ތަނަކުން ފުޅާކޮށް އެތަށް ގޮތަކުން ކޮރޮޕްޝަން ހުއްޓުވުމަށްޓަކައި މާސިންގާ ބޮޑު ޗެޕްޓަރެއް އެކުލަވާލެވި އެ ބިލުވަނީ މަޖިލީހަށް ވަދެފައި،" ނިހާން ވިދާޅުވި އެވެ.

ރިޝްވަތު ކުށް ހިމަނައިގެން ގާނޫނުލްއުގޫބާތަށް އަބްދުއްރަހީމް ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން މާދަމާ މަޖިލީހުގައި ވަނީ ތާވަލުކޮށްފަ އެވެ. ނިހާން ވިދާޅުވީ އެ ގާނޫނަށް އައިބީ ހުށަހެޅުއްވި އިސްލާހު ކޮމިޓީ އިން ނިންމާ ތަޅުމަށް ފޮނުވާފައިވީ ނަމަވެސް އެ އިސްލާހު މަޖިލީހުން ފާސްކޮށްފައި ނުވާ ކަމަށެވެ. އަދި މާދަމާ އަބްދުއްރަހީމްގެ ހުށަހެޅުއްވި އިސްލާހު ބަލައިގަތުމަށް ފަހު އެ ދެ އިސްލާހު އެކުގައި އަނބުރާ ކޮމިޓީއަށް ފޮނުވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"[އައިބީ ހުށަހެޅުއްވި] މި އިސްލާހުގެ ތެރެއަށް [އަބްދުއްރަހީމް ހުށަހެޅުއްވި] މި އިސްލާހު ދެބައި ގުޅިގެން ނިކުމެ ވޯޓަށް އަހާ ނިމުނީމަ ތިޔަ ވިދާޅުވާ މާއްދާގައި ނެތް ކަމަށް ވިދާޅުވި ނަމަ ރަނގަޅުވީސް، އެހެންވެ ކަނޑައެޅިގެން މައުލޫމާތުތައް ރަނގަޅަށް ސާފުނުކޮށް، ރައްޔިތުންނަށް އޮޅޭ ގޮތަށް އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަވަނީ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ގާނޫނުލްއުގޫބާތަށް އަލަށް ގެންނަ އިސްލާހުތަކާއި އެކު މަޖިލީހުން އެ މަސައްކަތް ނިމުމުން ދައުލަތާއި ސަރުކާރުގެ އެއްވެސް ބަޔަކު ރައްޔިތުންގެ ފައިސާ ފޮއްޗެއްގައި ވެސް ނުހައްގުން ޖެހުނަސް އެ މީހަކު ގާނޫނީ އިމުގެ ތެރެއިން ވަދެވި ހިފަހައްޓާލެވޭނެ ކަމަށެވެ. އަދި ކޮރޮޕްޝަން ހުއްޓުވުމަށް މިހާވަރަށް މަސަައްކަތް ކުރި އިތުރު ސަރުކާރެއް ނޯންނާނެ ކަމަށް ވެސް ނިހާން
ވިދާޅުވި އެވެ.