ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއާމެދު ސުވާލު އުފެދިފައިވާ 12 މެންބަރުން މާދަމާ މަޖިލީހުގެ ޖަލްސާގައި ބައިވެރިވަޑައިގަތުމަށް ނިންމަވައިފި އެވެ.
އެ މެންބަރުން އެގޮތަށް ނިންމަވާފައިވަނީ ސުޕްރީމް ކޯޓުން އެންމެފަހުން އިއްވެވި ހުކުމުން އެ މެންބަރުންގެ ގޮނޑި އަދި ގެއްލިފައިނުވާކަން ކަށަވަރުވެފައިވާތީ އެވެ. މެންބަރުން އެގޮތަށް ވިދާޅުވަނީ ހުކުމުގައި މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކަކީ ވަކިވަކިން ސުޕްރީމް ކޯޓްގެ ބެންޗުން ބަލައި މަޖިލިސް މެންބަރުންގެ ގޮނޑިތަކާ މެދު ގޮތެއް ނިންމަން ޖެހޭ ފަދަ މައްސަލަތަކެއް ކަމަށް ބުނެފައިވާތީ އެވެ.
މިހާތަނަށް އެ 12 މެންބަރުންގެ މައްސަލާގައި ވެސް ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ނުއިއްވަ އެވެ. ހުކުމުގައި ވެސް އެކަން ފާހަގަކޮށްފައިވާއިރު އަށް މެންބަރެއްގެ މައްސަލަ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އަނެއް ހަތަރު މެންބަރުންގެ މައްސަލާގައި އަޑުއެހުންތަކެއް ބާއްވައި އެ މައްސަލާގައި ހުކުމެއް ނުއިއްވާ މައްސަލަ ބޭރުކޮށްލާފައިވަނީ އެފަދަ މައްސަލަތަކުގައި ސުޕްރީމް ކޯޓުން އަމަލުކުރަންޖެހޭ ގޮތާ ހިލާފަށް ކަމަށް ވެސް ހުކުމުގައިވެ އެވެ.
މެންބަރެއްގެ ގޮނޑިއާމެދު އުފެދޭ ސުވާލަށް ނިހާއީ ހުކުމެއްގެ ސިފަ ލިބިގެން ދާނީ ފައިސަލާވާނެހެން އެއްވެސް އޮޅުމެއް ނޯންނާނެހެން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުންކަން ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލާގެ ހުކުމުގައި ސުޕްރީމް ކޯޓުން ބުންޏެވެ.
ބައެއް ގާނޫނީ ބޭފުޅުން ވެސް ވަނީ ގޮނޑި ގެއްލިފައިވާކަން ސުޕްރީމް ކޯޓުން ކަނޑަނާޅާހާ ހިނދަކު މެންބަރުންނަށް މަޖިލީހަށް ވަދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.