ބޭރު ކުޅިވަރު

ބްލެޓާ ފީފާގެ ރައީސްކަމުން އިސްތިއުފާ ދެއްވަން ނިންމަވައިފި

Jun 2, 2015

ޒަމާންގަނޑެއް ވަންދެން ފީފާގެ ރައީސްކަން ކުރެއްވި ސެޕް ބްލެޓާ އާ އިންތިހާބު ވިތާ މާ ގިނަ ދުވަހެއް ނުވެ އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

އޭނާ މަގާމުން މި އިސްތިއުފާ ދެއްވަނީ، ފީފާގެ ތެރެއިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަން މައްސަލަތަކެއް ތަހުގީގު ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެކަމުގައި އޭނާގެ މައްޗަށް ވަނީ ތަހުގީގީ އިދާރާތަކުން ވަރަށް ބޮޑަށް ތުހުމަތުކޮށްފަ އެވެ.

"މި އިންތިހާބުގައި އަހަރެން ވާދަނުކުރާތީ، އަހަންނަށް ފީފާ އަށް މިހާރު ބޭނުންވާ ބަދަލުތައް ގެނައުމަށް މަސައްކަތްކުރެވޭނެ،" 1998 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްގެ މަގާމު އަދާކުރައްވަމުންދާ ބްލެޓާ ވިދާޅުވި އެވެ.

ހުކުރު ދުވަހު އޮތް ފީފާގެ އިންތިހާބު ބްލެޓާ ކާމިޔާބުކުރެއްވުމުގެ ދެ ދުވަސް ކުރިން، އެމެރިކާ އިން ވަނީ ކޮރަޕްޝަންގެ ތުހުމަތުގައި ފީފާގެ ހަތް އޮފިޝަލުން ސްވިޓްޒަލޭންޑް އިން ހައްޔަރުކޮށްފަ އެވެ. ބްލެޓާ އަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވި ނަމަވެސް، ބްލެޓާ ވަނީ އިންތިހާބު ކާމިޔާބުކުރައްވައި ފަސް ވަނަ ދަައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ.

އިންތިހާބު ކާމިޔާބުކުރެއްވިތާ ހަފުތާއެއް ނުވަނީސް، ބްލެޓާ މަގާމުން އިސްތިއުފާ ދިނުމާއެކު، އެމެރިކާގެ މީޑިއާ ރިޕޯޓްތަކުން ބުނެފައިވަނީ އެމެރިކާ އިން ހިންގާ ކޮރަޕްޝަންގެ ތަހުގީގުގައި ބްލެޓާގެ މައްސަލައެއް ވެސް ބަލަމުންދާ ކަމަށެވެ. އެކަމަކު އެމެރިކާގެ ރަސްމީ ފަރާތަކުން އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް އަދި ނުބުނެ އެވެ.