ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަަށް ރައީސުލްޖުމްހޫރިޔައްޔާ ދެއްވާ އިނާމަކީ އަމިއްލައަށް އެދިގެން ހޯދަންޖެހޭ އެއްޗެއްކަމަށް ގަބޫލުނުކުރާ ކަމަށް، 2017 ވަނަ ސާކް ފިލްމު ފެސްޓިވަލުގައި އެންމެ މޮޅު ބަތަލާގެ އެވޯޑު ހޯދި ރިޝްމީ ރަމީޒް ބުނެފި އެވެ.
ރިޝްމީ މިހެން ބުނީ މި އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު އޭނާއަށް ނުލިބުމުގައި އަމިއްލައަށް އިހުމާލުވެފައިވާ ކަމަށް ނޭޝަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ރާއްޖޭގެ ނޫހަކަށް އިންޓަވިއުއެއް ދީފައި ވަނިކޮށެވެ. ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ރިޝްމީ ވަނީ މި ވާހަކަތައް ދޮގު ކޮށްފަ އެވެ.
"އެންސީއޭ އަކުން ވެސް، އެހެން ފަރާތަކުން ވެސް އެ އިނާމަށް ނަން ހުށަހަޅަންޖެހޭ ކަމަކަށް އަޅުގަނޑަށް އަންގާފައެއް ނުވޭ." ރިޝްމީ ބުންޏެވެ. "އަޅުގަނޑަށް ގަބޫލު ކުރެވިފައި އޮތީ ރައީސުލްޖުމްހޫރިއްޔާ، ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ދެއްވާ ޝަރަފުވެރި އިނާމަކީ އެ ފަރާތުން ދެއްވާ އެއްޗެއް ކަމަށް."
ދިވެހި ފިލްމީ ދާއިރާގެ ބެލެނިވެރި ފަރާތަކީ ޔޫތު މިނިސްޓްރީގެ ދަށުން ހިންގާ އެންސީއޭ އެވެ. އެންސީއޭއިން ވަނީ ސާކް ފިލްމު ފެސްޓިވަލުގައި ރިޝްމީއަށް ލިބުނު ކާމިޔާބީ އަގު ވަޒަން ކުރުމުގެ ގޮތުން މިދިޔަ އަހަރު ބޭއްވި ގައުމީ ފިލްމު އެވޯޑުގައި އޭނާއަށް ހަނދާނީ ފިލާއެއް އަރުވާފަ އެވެ.
އެންސީއޭއިން ބުނި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މި އަހަރު ރިޝްމީއަށް ނުލިބުނީ އެކަމަށް އެދި ހުށަހަޅަންޖެހޭ ފޯމު ލުން ލަސްވެގެން ކަމަށެވެ. އަދި އެކަމަށް އެދި ފޯމު ހުށަހަޅަންޖެހޭ މުއްދަތު ހަމަވިއިރު، ރިޝްމީ ފޯމު ހުށަހަޅާފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.
ސަރުކާރުގެ އިދާރާއެއް ނުވަތަ މިނިވަން މުއައްސަސާއެއް އަދި އަމިއްލަ ޖަމިއްޔާއެއް މެދުވެރިކޮށްގެންވެސް ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ. މި އަހަރު ބޭއްވި މިނިވަން ދުވަހު ރަސްމީ ޖަލްސާގައި ފިލްމީ ދާއިރާއިން ދެ ފަންނާނެއްގެ އަގު ވަޒަންކޮށް ހިތްވަރުދިނުމުގެ ގައުމީ އިނާމު ދީފައިވެ އެވެ. އެއީ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އާއި އަހުމަދު ޝިނާނެވެ.