ބޮލީވުޑް

12 މީހުންގެ ހަޔާތައް ތައްޔާރުކުރާ ސީރީޒްއަކަށް ސުޝާންތު

އިންޑިއާގެ މަޝްހޫރު 12 ޝަހުސިއްޔަތެއްގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ބަޔޮޕިކް ސީރީޒްއަކަށް ސުޝާންތު ސިންހު ރާޖްޕުތު ނަގައިފި އެވެ. މި ސީރީޒްއަކީ ސުޝާންތުގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިންސާއީ ވެންޗާސްއިން ގެނެސްދޭ ސީރީޒްއެކެެވެ. ވަރަށް އަވަހަށް މި ސީރީޒް ރަސްމީކޮށް ލޯންޗުކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސުޝާންތާއެކު މި ސީރީޒްގެ މަސައްކަތްކުރަނީ އޭނާގެ ބިޒްނަސް ޕާޓުނަރު ވަރުން މާތުރް އެވެ. އިންޑިއާއަށް އަގުހުރި މަސައްކަތައްކޮށްދީ އިންޑިއާގެ ނަން ފަވާލަދިން އެތައް ޝަހުސިއްޔަތެއްގެ ހަޔާތުން ސަފުހާއެއް މި ސީރީޒްގައި ގެނެސްދޭނެ ކަމަށްވެ އެވެ.

މި ސީރީޒަށް ބަޔޮޕިކް ތައްޔާރުކުރާ ޝަހުސިއްޔަތުންގެ ތެރޭގައި ސިޔާސީ ލީޑަރެއް ކަމަށްވާ ޗަނަކްޔާ އާއި ޅެންވެރިޔާ ރަބިންދަރްނާތު ތަގޯރޭ އާއި އިންޑިއާގައި ރައީސްކަންކުރި އަދި ސައިންސުވެރިޔާ އޭޕިޖޭ އަބްދުލް ކަލާމް ހިމެނެ އެވެ.

"އާ ކަންކަން ދަސްކުރުމާއި އާ ވާހަކަތައް އަޑުއެހުމާއި އަދި ހާއްސަކޮށް މިކަހަލަ ހިތްވަރުގަދަ ޝަހުސިއްޔަތުންގެ ވާހަކަތައް ބަލާއި އަޑުއެހެމަކީ ސުޝާންތު ވަރަށް ކުރާ ހިތްވާ ކަމެއް. މި ސީރީޒް މި ގެނެސްދެނީ އޭނާ މިކަމަށް ބޭނުންވެގެން،" ވަރުން ދިން އިންޓަވިއުއެއްގައި ބުންޏެވެ.