ހޮލީވުޑް

ކްރިސް ޕްރެޓާއެކު ޕްރިޔަންކާ އަނެއްކާ ހޮލީވުޑަށް

ޕްރިޔަންކާ ޗޯޕްރާއަށް އަނެއްކާވެސް ހޮލީވުޑް ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ. މިފަހަރު ޕްރިޔަންކާ ފެނިގެންދާނީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް ޕްރެޓާއެކު އެވެ. ބޮޑު ބަޖެޓަކުން ތައްޔާރުކުރާ މި ފިލްމުގައި މި ދެ މީހުން ފެނިގެންދާނީ ދެ ލޯބިވެރިންގެ ރޯލުން ކަމަށް ހޮލީވުޑް ރިޕޯޓާގައި ބުނެފައިވެ އެވެ.

އަންނަ އަހަރު، ޖޫން 28 ގައި ރިލީޒް ކުރަން ނިންމާފައިވާ މި ފިލްމުގެ ނަމަކީ "ކައުބޯއީ ނިންޖާ ވައިކިން" އެވެ. މި ފިލްމަކީ ހަމަ މި ނަމުގައި ގެނެސްދީފައިވާ ކޮމިކް ބުކް ސީރީޒްއެއްގެ ފިލްމު އެޑަޕްޓޭޝަނެކެވެ.

މި ފިލްމުގައި ކްރިސް ކުޅޭނީ ފާސަނަލީޓީ ޑިސްއޯޑާއެއް ނުވަތަ އަމިއްލަ މީހާއަކީ އެކަކަށްވުރެ ގިނަ ތަފާތު މީހެއްގެ ކަމަށް ގަބޫލުކުރެވޭ ނަފްސާނީ ބައްޔެއް ތަހައްމަލުކުރަމުންދާ މީހެއްގެ ރޯލެވެ. ޕްރިޔަންކާ ފެނިގެންދާނީ ކްރިސްއަށް ފަރުވާކުރާ ސައިކޮލޮޖިސްޓުގެ ރޯލުންނެވެ.

މި ފިލްމު ޑައިރެކްޓުކުރަނީ އެޗްބީއޯގެ މަގުބޫލު ސީރީޒް "ގޭމް އޮފް ތުރޯންސް" ޑައިރެކްޓުކޮށްފައިވާ މިޝޭލް މެކްލޭރެން އެވެ. މައިގަނޑު ތިން ކެރެކްޓާއެއް މި ފިލްމުގައި ހިމެނެ އެވެ. އެއީ ކްރިސްއާއި ޕްރިޔަންކާގެ އިތުރުން ވިލަންގެ ކެރެކްޓާ އެވެ. މި ރޯލަށް މީހަކު ނެގިކަން އަދި ކަށަވަރެއްނުވެ އެވެ.

ޕްރިޔަންކާ ވަނީ މީގެ ކުރިން ހޮލީވުޑްގެ ތިން ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ "ބޭވޮޗް" އާއި "އަ ކިޑް ލައިކް ޖޭކް" އަދި "އިސިންޓް އިޓް ރޮމޭންޓިކް" ގަ އެވެ. ދާދިފަހުން ޕްރިޔަންކާ ވަނީ ގިނަ އަހަރުތަކަކަށްފަހު އޭނާ ކުޅެން އެއްބަސްވި ބޮލީވުޑްގެ ފިލްމު "ބާރަތު" ވެސް ދޫކޮށްލާފަ އެވެ.

ބައެއް ރިޕޯޓުތައް މިހާރު ބުނާގޮތުން ޕްރިޔަންކާ "ބަރަތު" ދޫކޮށްލީ މި ފިލްމުން ފުރުސަތު ލިބުމުންނެވެ.