ދިވެހި ސިނަމާ

"ގޮށްރާޅު"ގެ ޓްރެެއިލާ ބަލާލަން ހާއްސަ ފުރުސަތެއް

މިހާރު އެންމެ އިންތިޒާރުކުރެވެމުން އަންނަ ދިވެހި ފިލްމު "ގޮށްރާޅު"ގެ ފުރަތަމަ ޓްރެއިލާ ރިލީޒްކުރުމުގެ ކުރިން ބަލާލުމުގެ ހާއްސަ ފުރުސަތެއް ފިލްމު ގެނެސްދޭ ޑާކް ރެއިން އެންޓަޓެއިންމަންޓުން ހުޅުވާލައިފި އެވެ. މިކަން އޮންނަނީ މި މަހު ހަތަރެއްގަ އެވެ.

"ގޮށްރާޅު" ގެ ޕްރޮޑިއުސަރު އަހުމަދު އަލީ (މޮގާ) ބުނީ މި ހާއްސަ ފުރުސަތު ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް ކަނޑައަޅާފައި ވަނީ ލިމިޓެޑް ސީޓުތަކެކެވެ. ޑާކްރެއިންގެ އޮފިޝަލް ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން މިހާރު ސީޓު ބުކްކުރެވޭނެ ކަމަށް މޮގާ ބުންޏެވެ.

"ގޮށްރާޅު" ޓީޒާ.

ލީޑު ކާސްޓުންގެ ގޮތުގައި ޖުމައްޔިލް ނިމާލް (ޖުމަލް)، ހަސަން އިރުފާން (ޒަކިއްޓެ)، ތަސްނީމާ، ރަޝްފާ، އަޒާން، ނާސިތް، ހަމްދާން، އަދި ނުޒުހަތު ޝުއައިބް (ނުޒޫ) މި ފިލްމު ފެނިގެންދާނެ އެވެ.

މި ފިލްމު ރިލީޒްކުރަނީ އަންނަ ނޮވެމްބަރު މަހު ފަހެއްގަ އެވެ. މި ފިލްމު ޑައިރެކްޓުކުރީ "4426" ގެ ޑައިރެކްޝަންގެ މަސައްކަތްކޮށްފައިވާ އަހްމަދު ޝިނާނެވެ. ސްކްރީންޕްލޭ ތައްޔާރުކުރީ ކުރީގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ލޫދިފާ" އަދި "ހެޕީ ބާތްޑޭ" ގެ ސްކްރީންޕްލޭ ތައްޔާރުކުރި މޫމިން ފުއާދެވެ.

"ފިލްމާއި ގުޅޭ މާބޮޑު ތަފްސީލެއް ދޭކަށް ނެތިން. އެކަމަކު މި ފިލްމުގެ ފުޓޭޖުތަކާއި މަންޒަރުތައް ފެނިފައި އަޅުގަނޑު ވެސް މިހުރީ ކޮސްވެފައި. އަޅުގަނޑަށް ހީވަނީ ވަރަށް ރީތި ބުރަ މަސައްކަތެއް މި ފިލްމު ހެދުމަށް ހޭދަކޮށްފައިވާ ހެން. އަޅުގަނޑު ޔަގީންކަން ދެން މި ފިލްމަކީ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށް." ފިލްމާ ބެހޭގޮތުން ޑާކްރެއިންގެ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ޗިއްޕެ މީގެ ކުރިން ބުނެފައިވެ އެވެ.