ފުރަތަމަ ދިވެހި ވެބް ސީރީޒް "ހުވާ" ގެ ޝޫޓިންތައް އެއްކޮށް ނިންމާލައި، ފޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ފަށައިފި އެވެ.
ކުޅަދާނަ ޑައިރެކްޓަރު ފާތިމަތު ނަހުލާ ގެނެސްދޭ މި ސީރީޒްގެ މަންޒަރުތައް ނަގާފައި ވަނީ މާލެ އާއި ވިލިމާލެ އަދި ކ.ގުރައިދޫގަ އެވެ. މި ސީރީޒްގެ ޝޫޓިންތައް ފެށީ މިދިޔަ ފެބްރުއަރީ މަހު 25 ގަ އެވެ. ބެލުންތެރިންނާއި ހަމައަށް ސީރީޒް ގެނެސްދިނުމަށް އަދި ދެ މަސްދުވަސް ހޭދަވާނެކަމަށްވެ އެވެ.
މީގެ ކުރިން އަވަސްއަށް ދިން އިންޓަވިއުއެއްގައި ނަހުލާ ބުނީ މި ސީރީޒްއަކީ އާއިލާއާއި އިޖުތިމާއީ ތަފާތު މައްސަލަތަކުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ސީރީޒެއް ކަމަށެވެ.
"މިއީ ފުރަތަމަ ވެބް ސީރީޒްއަށް ވާތީ ކޮލިޓީ ރަނގަޅު ސަޅި އެއްޗެއް ހަދަން ބޭނުން ވާތީ ބޮޑު ހަރަދެއް ކޮށްގެން ގިނަ ތަރިންތަކެއް ހިމަނައިގެން ހަދާ ސީރީޒެއް މިއީ. މި ސީރީޒް ގާތްގަނޑަކަށް ހަ މަސް ދުވަހަށް ދެމިގެންދާ ގޮތަށް މި ހަދަނީ، ކޮންމެ އެޕިސޯޑަކީ ވެސް އެހާމެ ޝައުގުވެރި އެޕިސޯޑަކަށް ހެދުމަށް މި މަސައްކަތް ކުރަނީ،" އެ އިންޓަވިއުގައި ނަހުލާ ބުންޏެވެ.
މި ސީރީޒް ޑައިރެކްޓުކުރީ ނަހުލާގެ އިރުޝާދާއެކުގައި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މުހައްމަދު ފައިސަލް އެވެ.
"ހުވާ" ގެ ކާސްޓުގައި ހިމެނޭ ތަރިންނަކީ ޔޫއްޕެއާއި ޝީލާ ނަޖީބް، މަރިޔަމް އައްޒަ، އައިޝަތު ރިޝްފާ، އިބްރާހިމް ޖިހާދު (ޖިމީ)، އަލީ އާޒިމް (ދޮން އައްޔަ) އަދި ޖާދުﷲ ވެސް ފެނިގެންދާނެ އެވެ. މީގެ އިތުރުން ދާއިރާއަށް އަލަށް ނިކުންނަ ގިނަ ތަރިންނާއި އަދި ނަން ހާމަނުކުރާ އިތުރު ތަރިންވެސް ފެނިގެންދާނެކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފައިވެ އެވެ.