އޮފްބީޓް

ޖިންސީ ތަފާތުކުރުން ނައްތާލަން ނިޝާނެއްގެ ނަން ބަދަލުކޮށްފި

ނިއުޒިލޭންޑުގެ މަގުތައް މަތީގައި މަތިން ދަމާފައި ހުންނަ ކަރަންޓާއި މުވާސަލާތީ އެކި ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތަކުގެ މަސައްކަތްކުރާ މީހުން މަސައްކަތްކުރަމުން އަންނަކަން އަންގައިދިނުމަށް ހަރުކޮށްފައި ހުންނަ މަގުމަތީ ނިޝާން ބޯޑު "ލައިންމެން" ގެ ނަން އާ ނަމަކަށް އެ ގައުމުގެ ޓްރާންސްޕޯޓް އެޖެންސީން މިހާރު ވަނީ ބަދަލުކޮށްފަ އެވެ. މިހާރު މި ނިޝާނަށް ކިޔަނީ "ލައިން ކްރޫ" އެވެ.

މި ބޯޑުގެ ނަން ބަދަލުކުރަން އެ ގައުމުގެ ޓްރާންސްޕޯޓު އެޖެންސީން ނިންމީ އުމުރުން ހަތް އަހަރުގެ ކުއްޖަކު މި ނިޝާނަށް ދީފައިވާ ނަމަކީ ޖިންސީ ތަފާތުކުރާ ނިޝާނެއް ކަމަށް ބުނެ އެ އެޖެންސީއަށް ސިޓީއެއް ހުށަހެޅުމުންނެވެ.

އެ ކުއްޖާ ބުނި ގޮތުގައި މި ނިޝާނުގެ ނަމުގައި ލައިން "މެން" (ފިރިހެނުން) ޖަހާފައި އިނުމުން މި މަސައްކަތަކީ އަންހެނުންނަށް ނުކުރެވޭނެ މަސައްކަތްތެއްގެ ގޮތުގައި ސިފަވާ ކަމަށެވެ. ނިއުޒިލޭންޑުގެ ޓްރާންސްޕޯޓު އެޖެންސީ ނިޝާންގެ ނަން ބަދަލުކުރިއިރު، މި ކުއްޖާގެ ހުށަހެޅުމަށް ތައުރީފުވެސް ކޮށްފައިވެ އެވެ.

"އަންހެނުންނަށްވެސް އެ މަސައްކަތް ކުރެވިދާނެއިރު އަޅުގަނޑު ހިތައް އަރާ ކީއްވެބާއެއީ އެ ނިޝާނުގައި 'ފިރިހެނުން' ހަމައެކަނި ޖަހާފައި އިންނަނީ. އަޅުގަނޑު ލައިންގެ މަސައްކަތް ކުރާ މީހަކަށް ވާން ބޭނުންވެގެންނެއް ނޫން. އެކަމަކު އެ މަސައްކަތް ކުރާ ހިތްވާ އެހެން އަންހެން ކުދިންވެސް ތިބިދާނެ އެންނުންތޯ؟" އެ ކުއްޖާ ލިޔުނު ސިޓީގައި ބުނެފައި އެވެ.