ހަބަރު

އާ އިސްލާހުތަކާއެކު ގާނޫނުލްއުގޫބާތުގެ މައްސަލަ އަލުން ކޮމިޓީއަށް

ރިޝްވަތާއި ހިޔާނާތުގެ ގިނަ ކުށްތައް އިތުރުކުރުމަށް ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅި އިސްލާހުތަކާއެކު އެ ގާނޫނަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ހުށަހަޅާފައިވާ އިސްލާހުތައް އިތުރަށް ދިރާސާ ކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

ގާނޫނުލްއުގޫބާތަށް އާ އިސްލާހުތަކެއް އަބްދުއްރަހީމް ހުށަހެޅުއްވާފައި ވަނީ، މިދިޔަ މަހުގެ 4 ވަނަ ދުވަހު އެ ގާނޫނަށް އައިބީ ހުށަހެޅުއްވި އިސްލާހުތަ ގައުމީ ސަލާމަތުގެ ކޮމިޓީ އިން ދިރާސާކޮށް ނިންމާ، މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށެވެ. އަދި އައިބީ ހުށަހެޅުއްވި އިސްލާހުގައި ދައުލަތުގެ މުއައްޒިފުންނަށް ރިޝްވަތު ދިނުމާ ބެހޭ މާއްދާ ނުހިމެނޭތީ އެ މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ ވަނިކޮށް އަބްދުއްރަހީމް ހުށަހަޅައިގެން މަޖިލީހުގައި މިއަދު ފުރަތަމަ ކިޔުން އިއްވި އިސްލާހުގައި ވަނީ ރިޝްވަތާއި ހިޔާނާތުގެ ކުށްތައް އިތުރު ކުރާ ގޮތަށް ހުށަހަޅާފަ އެވެ. އަދި 26 މެންބަރުންގެ އިއްތިފާގުން އެ އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެއަށް ފަހު މަޖިލިހުގެ ރިޔާސަތުން މިއަދު އިތުރު ވޯޓަކަށް ވަނީ އަހާފަ އެވެ. އެއީ ގާނޫނުލްއުގޫބާތަށް އައިބީ ހުށަހަޅުއްވާފައިވާ އިސްލާހުތަކާއި މިއަދު ބަލައިގަތް އަބްދުއްރަހީމް ހުށަހެޅުއްވި އިސްލާހުތައް އެކުގައި ކޮމިޓީގައި ދިރާސާކޮށް އިސްލާހު ކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވުމަށެވެ. އެ ހުށަހެޅުން ވޯޓުގައި ބައިވެރިވި 26 މެންބަރުންގެ އިއްތިފާގުން ފާސްވި އެވެ.

ގާނޫނުލްއުގޫބާތަށް އާ އިސްލާހުތައް މަޖިލީހަށް ހުށަހަޅުއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ބިލުގައި ދައުލަތުގެ މުއައްޒިފުންނަށް ރިޝްވަތު ދިނުމުގެ ކުށާ ބެހޭ ގޮތުން ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އެ ބިލަކީ މިއަދު މަޖިލީހަށް ވެއްދި ބިލެއް ނޫން ކަމަށާއި މާ ކުރިން މަޖިލީހަށް ހުށަހަޅާފައިވާ ބިލެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ކޮރޮޕްޝަންތައް ހުއްޓުވުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ކުރި އެހެން ސަރުކާރެއް ނޯންނާނެ ކަމަށާއި މިއަދު ހުށަހެޅި އިސްލާހުން ވެސް އެކަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

"އެމްޑީޕީ އިން ވަރަށް ބޮޑަށް ބޭނުންވާނެ ރިޝްވަތުގެ ކުށް ގާނޫނުލްއުގޫބާތުން ނަގަން، އެއީ އެ މީހުން ބޭނުން ވެގެން އުޅޭ ކަމެއް އެއީ މިއީ ހަގީގަތުގައި އަޅުގަނޑުމެން ބޭނުންވެގެން އުޅޭ ކަމެއް ނޫން، އެ މީހުން ބޭނުންވާނެކަން އެނގޭ ސަބަބަކީ އެ މީހުންގެ ސަރުކާރުގައި ބޮޑެތި އަދަދުތަކުން ރިޝްވަތު ނަގާ ހިޔާނަތްތެރިވެ ކަންކަންކޮށްފައި ހުރި އިރު އެއާ ދޭތެރޭ އެއްވެސް ފިޔަވަޅެއް ނާޅާ އަނެއްކާ މަސައްކަތް ކުރަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.