ފިނިޕޭޖް

މިހާރު އެންމެ އިންތިޒާރުކުރެވޭ ފިލްމުތައް

މި ފެށުނު އޯގަސްޓު މަހާއެކު ހޮލީވުޑްގެ ސަމާ ސީޒަންގެ ފިލްމުތަކަށް ނިނުމެއް އައީ އެވެ. ހޮލީވުޑްގެ ބޮޑެތި ފިލްމުތައް މިހާ ހިސާބުން ނިކުންނަލެއް އާންމުކޮށް މަދުވާނެ އެވެ. އެކަމަކު މި އަހަރު ސެޕްޓެމްބަރުން ފެށިގެން ޑިސެމްބަރާއި ހަމައަށް ބަލާނަމަ ބޮޑެތި ގިނަ ފިލްމުތަކެއް ނިކުންނަ އެބަހުއްޓެވެ. ހޮލީވުޑްގެ ބޮޑު ދެ ފިލްމެއް މި މަހު ނިކުންނާނެ އެވެ.

ބޮލީވުޑްގައިވެސް މި މަހު ބޮޑު ދެ ފިލްމެއް ނިކުންނާނެ އެވެ. އާންމުކޮށް އޯގަސްޓު މަހަކީ ބޮލީވުޑްގެ ފިލްމުތައް މަދުން ނިކުންނަ މަހެކެވެ. އެކަމަކު މި މަހު އަންނަ އިންޑިއާގެ މިނިވަން ދުވަހާއެކު އެ ދުވަހަށް ހާއްސަ ބޮލީވުޑްގެ ބޮޑު ފިލްމެއް ކޮންމެ އަހަރަކުވެސް އަޅުވަ އެވެ. މިފަހަރުވެސް މިނިވަން ދުވަހު ބޮޑު ފިލްމެއް ރިލީޒްކުރާނެ އެވެ.

ކްރިސްޓޮފާ ރޮބިންސް

ވޯލްޓް ޑިޒްނީ ޕިކްޗާސްއިން ގެނެސްދޭ "ކްރިސްޓޮފާ ރޮބިންސް" އަކީ ޑިޒްނީ ކާޓުން "ވިންނީ ދަ ޕޫ" ލައިވް އެކްޝަން ފިލްމަކަށް ހައިދައިގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގެ ޓައިޓަލް ކެރެކްޓާ ކްރިސްޓޮޕާ ރޮބިންގެ ރޯލުން ފެނިގެންދާނީ އިވަން މެކްގްރާގަ އެވެ. ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދާނީ ހޭލޭ އެޓްވެލް، ބްރޮންޓް ޝާމިކަލް އަދި މާކް ގެޓިސް އެވެ.

"ކްރިސްޓޮފާ ރޮބިންސް" ގެ ޓްރެއިލާ.

އަންނަ ހުކުރު ދުވަހު ރާއްޖޭގައިވެސް ޕްރިމިއާކުރާނެ މި ފިލްމަކީ އެލެކްސް ރޮސް އަދި އެލިސަން ޝްރޯޑާގެ ސްކްރީންޕުލޭއަކަށް މާކް ފޯސްޓާ ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ. އޭ.އޭ މިލްނީ އުފެއްދި ކެރެކްޓާސްތަކާއެކު މި ފިލްމު ވާހަކަ ލިޔުނީ ޕެރީ އެވެ. ފިލްމު ޕްރޮޑުސަރުންގެ ތެރޭގައި ހިމެނެނީ ބްރިގްހަމް ޓެއިލާ، ކްރިސްޓިން ބުރް އަދި ރޭނީ ވުލްފީ އެވެ. އެގްޒެކެޓީވް ޕްރޮޑިއުސަރަކީ ޖެރެމީ ޖޯންސް އެވެ.

ދި ޑާކެސްްޓް މައިންޑްސް

ޓުވެންޓިއެތް ސެންޗުރީ ފޮކްސްއިން ގެނެސްދޭ މި ފިލްމުވެސް އަންނަ ހުކުރުގައި ރާއްޖޭގައި ޕްރިމިއާކުރާނެ އެވެ. އާދަޔާ ހިލާފު ބާރުތަކެއް ލިބޭ ޒުވާން އުމުރުފުރާގެ ކުދިންތަކެއް އުޅޭ މި ފިލްމަކީ ސައިންސް ފިކްޝަން ފިލްމެވެ. މުހިންމު ރޯލުތަކުން އެމެންޑާ ސްޓެންބާގް، ހެރިސަން ޑިކްސަން، މެންޑީ މޫރީ އަދި މިޔާ ޒެކް ފެނިގެންދާނެ އެވެ. މި ފިލްމު ޑައިރެކްޓުކުރަނީ ޖެނިފާ ޔޫ ނެލްސަން އެވެ.

"ދި ޑާކެސްޓް މައިންޑްސް" ގެ ޓްރެއިލާ.

"ސްޓްރޭންޖާ ތިންގްސް" އާއި "އެރައިވަލް" ގެ ޕްރޮޑިއުސަރުން ކަމަށްވާ ޑެން ލެވީން އާއި ޝޯން ލެވީ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ސްކްރީންޕްލޭ ތައްޔާރުކުރީ އެލެކްޒެންޑްރާ ބްރެކެން އާއި ޗެޑް ހޮޖް އެވެ.

ފަންނޭ ޚާން

މި ފިލްމުގެ ލީޑުން ބޮލީވުޑްގެ ކުޅަދާނާ ތިން ސްޓާރުން ކަމުގައިވާ އައިޝްވަރްޔާ ރާއީ ބައްޗަން އާއި ރާޖްކުމާރް ރާއޯ އަދި އަނިލް ކަަޕޫރް ފެނިގެންދާނެ އެވެ. ތަފާތު ރޯލަކުން މި ތިން ތަރިން މި ފިލްމުގައި ފެނިގެންދާއިރު، އަނިލް އާއި އައިޝްވަރްޔާ އެކުގައި ފިލްމަކުން ފެނިގެން މި ދަނީ 17 އަހަރު ފަހުންނެވެ.

"ފަންނޭ ޚާން" ގެ ޓްރެއިލާ.

މިއުޒިކަލް ކޮމެޑީ މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނަނީ މިއުޒިކީ ދާއިރާއިން ކުރިއަށްދާން ބޭނުންވި ބައްޕައަކު އޭނާގެ ހުވަފެން ހަގީގަތަކަށް ނުވުންމުން އެ ހުވަފެން އޭނާގެ ދަރިފުޅަށް ހަގީގަތަކަށް ހައިދިނުމަށް ކުރާ މަސައްކަތުގެ މައްޗަށެވެ. އަތުލް މަންޖީރްކަރްގެ އަލަތު ޑައިރެކްޝަން ކަމަށްވާ މި ފިލްމު އަންނަ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފަށާނެ އެވެ.

ގޯލްޑް

މިއީ މިފަހަރު އިންޑިއާގެ މިނިވަން ދުވަސް، އޯގަސްޓު 15 ގައި ރިލީޒްކުރަން ނިންމާފައި އޮތް ފިލްމެވެ. އަކްޝޭ ކުމާރް ލީޑުން ފެނިގެންދާ ސްޕޯޓްސް ޑްރާމާ މި ފިލްމަކީ ގައުމު ފަހުރުވެރި ކުރުވަން ނިކުތް އިންޑިއާގެ ހޮކީ ކުޅުންތެރިންގެ ޓީމަކާއި އެމީހުންގެ ކޯޗުގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ.

"ގޯލްޑް" ގެ ޓްރެއިލާ.

މި ފިލްމުގައި ލީޑުން އަކްޝޭ ކުމާރް ފެނިގެންދާނެއިރު، މުހިންމު ރޯލުތަކުން ކުނާލް ކަޕޫރް އާއި އަމިތް ސިދް އަދި މޯނީ ރޯއީ ފެނިގެންދާނެ އެވެ. މިއީ ހިންދީ ޑްރާމާތަކުން މަޝްހޫރުކަން ހޯދި މޯނީ، ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. މި ފިލްމުގައި މޯނީ ކުޅެނީ އަކްޝޭގެ އަންހެނުންގެ ރޯލެވެ.

އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން އެ ގައުމުން އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވެ ގޯލްޑް މެޑަލް ހޯދި ފުރަތަމަ މީހާގެ ވާހަކަތައް މި ފިލްމުގައި ގެނެސްދޭނެ އެވެ. ފިލްމުގެ ވާހަކަ ލިޔުނީ ރީމާ ކަގްތީ އާއި ރާޖޭސް ދޭވްރާޖް އެވެ. މި ފިލްމު ޑައިރެކްޓުކުރީ ރީމާ ކަގްތީ އެވެ.