ހޮލީވުޑް

"ދަ އިންޓަވިއު" ގެ ޝޯތައް ފަށައިފި

އުރުތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް ފުރައްސާރަކޮށްފައިވާ ސޮނީ ޕިކްޗާސްގެ ކޮމެޑީ ފިލްމު "ދަ އިންޓަވިއު" ގެ ޝޯތައް އެމެރިކާގައި ފަށައިފި އެވެ.

މި ފިލްމުގެ ޝޯތައް އެމެރިކާގެ ބައެއް ސިނަމާތަކުގަ އާއި އޮންލައިން ޕްލެޓްފޯމްތަކުގައި ފަށާފައި މި ވަނީ ހެކަރުންގެ ޓީމަކުން ސޮނީ ހެކުކޮށް ދިން އިންޒާރުތަކާ ގުޅިގެން ފިލްމުގެ ޝޯތައް ކެންސަލްކުރުމަށް ފަހު އެވެ. ފިލްމުގެ ޝޯތައް އަލުން ފެށީ "ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެމެރިކާގައި ދަމަހައްޓަން ޖެހޭނެ ކަމަށް" ބުނެ ވަރަށް ގިނަ ބަޔަކު ސޮނީ އަށް ފާޑުކިޔަމުން ދަނިކޮށެވެ.

ފިލްމުގެ ޝޯތައް ކެންސަލްކުރުމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވެސް ސޮނީ އަށް ފާޑުވިދާޅުވެފައިވެ އެވެ. އޮބާމާ އޭރު ވިދާޅުވެފައި ވަނީ ސޮނީން ފިލްމުގެ ޝޯތައް ކެންސަލްކުރުމަކީ ހެދި ގޯހެއް ކަމަށެވެ.

ނަމަވެސް ފިލްމު ދައްކާނެކަން ފަހުން އިއުލާނުކުރުމުން އޮބާމާ ވަނީ އެ ނިންމުމަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ.

އެންމެ ފުރަތަމަ މި ފިލްމުގެ ޝޯތައް މެދުކަނޑާލަން މަޖުބޫރުވީ ހެކަރުންގެ ޓީމުން ސިނަމާތަކަށް ވެސް އިންޒާރު ދިނުމާ ގުޅިގެންނެވެ. އެފްބީއައިއިން ހިންގި ތަހުގީގަކަށް ފަހު ބުނެފައި ވަނި ހެކްކުރުމުގެ ފަހަތުގައި އޮތީ އުތުރު ކޮރެއާ ކަމަށެވެ.

އެގައުމުން މި ތުހުމަތަށް ދެކޮޅު ހަދަ އެވެ. ނަމަވެސް މި ފިލްމުގެ މައްސަލާގައި ބަދަލުހިފާނެ ކަމަށް އެގައުމުން އޮތީ ކުރިން ވެސް ބުނެފަ އެވެ.

މި ވަގުތަށް ފިލްމުގެ ޝޯތައް ކުރިއަށް ދަނީ އެމެރިކާގައި އެކަންޏެވެ. ބައެއް ސިނަމާތަކުގައި ފިލްމު ދައްކަން ފަށާފައިވާއިރު އޮންލައިންކޮށް ހާއްސަ ވެބްސައިޓަކާއި ގޫގްލްގެ ޔޫޓިއުބާއި ޕްލޭ އަދި މައިކްރޮސޮފްޓްގެ އެކްސްބޮކްސް ވީޑިއޯ ޕްލެޓްފޯމް މެދުވެރިކޮށް ވެސް ފިލްމުގެ ޝޯތައް ދަނީ ކުރިއަށެވެ.

ސޮނީ އަށް ހެކަރުން ދިން ހަމަލާ އަށް ފަހު ސިއްރު އީމެއިލްތަކާއި ކުރިއަށް ހުރި އާ ފިލްމުތަކެއް ވެސް އިންޓަނެޓަށް ލީކުކޮށްލާފައިވެ އެވެ.