ޓްރާންސްފާ އާއި ޕްރީ ސީޒަން ޓްރެއިނިން ކުރިއަށްދާ ގޮތާމެދު މާޔޫސްވެފައި ހުރި މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯއަށް ހިނިތުން ވެލާނެ ފުރުސަތެއް ލިބިއްޖެ އެވެ. އެމެރިކާގައި ކުރިއަށްދާ ޕްރީ ސީޒަން ޓްއާގައި ޔުނައިޓަޑުން ވަނީ ރެއާލް މެޑްރިޑް 2-1 އިން ބަލިކޮށްފަ އެވެ.
އެންޑޭ ހެރޭރޭ އާއި އެލެކްސިސް ސަންޗޭޒް ކާމިޔާބު ކުރި ލަނޑުތަކުން ލިބުނު މޮޅަކީ ޕްރީ ސީޒަން ޓްއާގައި ޔުނައިޓަޑަށް ލިބުނު ފުރތަަމަ މޮޅެވެ. ކުރިން ކުޅުނު ދެ މެޗުން ބަލިވީ އެވެ. އެންމެ ފަހުން ލިވަޕޫލް އަތުން 4-1 ބަލިވި މެޗަށް ފަހު މޮރީނިއޯ ވަނީ ޓްރާންސްފާ އާ މެދު އޭނާގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އަދި ޕްރީ ސީޒަންގައި ޔުނައިޓަޑްގެ ފުލު ޓީމާއެކު ޕްރެކްޓިސް ކޮށް ނުލެވުމަކީވެސް އޭނާ އަށް އޮތް ނުތަނަވަސް ކަމެކެވެ.
މޮރީނިއޯ ކުރިން ބުނެފައި ވަނީ، އަންނަ ސީޒަނަށް ގެންނަށް އޭނާ ބޭނުންވާ ފަސް ކުޅުންތެރިންގެ ލިސްޓެއް މާޗް މަހު ޔުނައިޓަޑްގެ އެގްޒެކެޓިވް ބޯޑަށް ހަވާލު ކޮށްފައިވާ ކަމަށެވެ. މޮރީނިއޯ ލިސްޓް ކުރި ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިން ވަނީ ރެއާލް މެޑްރިޑްގެ ޓީމުގައި ޔުނައިޓަޑާ ދެކޮޅަށް ކުޅެފަ އެވެ. އެއީ ޖަރުމަންގެ މިޑްފީލްޑަރު ޓޯނީ ކްރޫޒް އާއި ވޭލްސްގެ ފޯވަޑް ގެރެތު ބޭލް އެވެ.
މޮރީނިއޯ ބުނީ، ޕްރީ ސީޒަން ޓްއާއިން އިތުރު އެއްޗެއް އޭނާއަށް ދެނެނުގަނެވޭނެ ކަމަށެވެ. އެއީ ޓީމުގައި ތިބި ކީ ކުޅުންތެރިންނަކީ އޭނާ ދަންނަ ކުޅުންތެރިން ކަމަށެވެ. ނަމަވެސް އޭނާ ވަނީ ސްކޮޑްގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް ތައުރީފް ކޮށްފަ އެވެ.
"އަހަންނަށް އެނގޭ މި ކުޅުންތެރިންނަކީ ވަރަށް ޒުވާން ކުޅުންތެރިންކަން، ކުޅުންތެރިން ވަނީ ހުރިހާ އެއްޗެއް ދީފައި، އަހަރެމެން މަސައްކަތް ކުރީ އެންމެ ރަނގަޅު ނަތީޖާ ނެރެން."
މެޗުގައި ރެއާލްގެ ލަނޑު ކާމިޔާބު ކުރީ ކަރީމް ބެންޒެމާ އެވެ. މިއީ ރެއާލްގެ އާ ކޯޗް ހުލެން ލޮޕެޓެގީގެ ކޯޗު ކަމުގެ ދަށުން ރެއާލް މެޑްރިޑްގެ ފުރތަމަ މެޗެވެ.