ގާަނޫނުލްއުގޫބާތު ބަދަލުކޮށް ރިޝްވަތާއި ހިޔާނާތުގެ ކުށްތައް އުވާލުމަށް ސަރުކާރާއި ޕީޕީއެމް އަދި އެމްޑީއޭގެ މެންބަރުން ހިތަށް ވެސް ނާރުވާ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ގާނޫނުލްއުގޫބާތަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި އާ އިސްލާހުތަކާ ބެހޭ ގޮތުން ބަހުސް ކުރައްވަމުން ނިހާން ވިދާޅުވީ ގާނޫނުލްއުގޫބާތާ ގުޅުން ހުރި ދެ ތިން އިސްލާހެއް ވޭތުވެދިޔަ ހަތަރު ވަރަކަށް މަސްދުވަހު ގެންގުޅެމުން ދިޔަ ކަން ޕީޕީއެމް އަދި އެމްޑީއޭގެ މަޖިލީސް ހުރިހާ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ނަަމަވެސް އެ އިސްލާހުތައް މަޖިލީހަށް ހުށަހަޅުއްވާނެ ތާރީހުތަކެއް ހުރިހާ މެންބަރުންނަށް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ބައެއް ފަރާތްތަކަށް އެ އިސްލާހުތަކުގެ ވާހަކަތައް އޮޅިގެން ދިޔައީ ދެ އިސްލާހުތައް އެއް ފަހަރާ ކޮމިޓީއަށް ނުވަދުމާއި މަޖިޅިހުން ނުފެނުމުން ކަމަށް ނިހާން ވިދާޅުވި އެވެ.
ގާނޫނުލްއުގޫބާތު ބަދަލުކޮށްގެން ރިޝްވަތުގެ ކުށް އުވާލަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކާއި ބައެއް ނޫސްވެރިން ތަކުރާރުކޮށް އެ ވާހަކަދައްކާނެ ކަމަށާއި ނަމަވެސް އެފަދަ ކަމެއް ކުރާކަށް ސަރުކާރާއި ޕީޕީއެމް އަދި އެމްޑީއޭ ޕީޖީ ގްރޫޕުން ދުވަހަކު ވެސް ހިތަށް ވެސް ނާރުވާ ކަމަށް ނިހާން ވިދާޅުވި އެވެ.
"އެ ބޭފުޅުން ގަބޫލު ކުރަން ބޭނުން ނުވި ނަމަވެސް ހަގީގަތަކީ ޕީޕީއެމް އެމްޑީއޭ ޕާލިމެންޓަރީ ގްރޫޕަކުން އަދި މިއަދުގެ ރައީސް ޔާމީންގެ ސަރުކާރުން ގުޅިލާމެހިގެން ކޮރޮޕްޝަންގެ މައްސަލަތަކަަށް ދައުވާ ނުކުރެވޭ ގޮތަށް ނުވަތަ އެކަމާ ގުޅުން ހުރި މާއްދާތައް ރާއްޖޭގެ ގާނޫނުގޫބާތުން އެބައި އުނިކޮށްފައެއް ނުވޭ، އަދި އެއްވެސް އިރެއްގައި އެއްވެސް ހިސާބެއްގައި އެއްވެސްތާކު އެ ވާހަކަ ދެއްކުން ކީއްކުރަން، ހިތަށް އަރުވާފައި ވެސް ނުވޭ،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ސަރުކާރާއި ޕީޖީ ގްރޫޕުން ވިސްނާ ފިކުރު ކުރަމުން ދިޔައީ ކޮރޮޕްޝަންގެ އެއްވެސް އަމަލެއް ހިންގުމާއި ލޯ ލާރިފޮއްޗެއްގައި ޖެހިލިޔަސް އެ މީހަކު ސަލާމަތް ނުވެވޭ ވަރުގެ އަދަބު އެ މީހުންނަށް ކަނޑައަޅަން ގާނޫނީ ގޮތަށް ކޮށްދެވޭނެ ކަންކަމާ މެދު ވިސްނަމުން ދިޔަ ކަމަށެވެ. ނަމަވެސް ތުހުމަތުގެ އިނގިލިތައް ދިއްކުރަނީ ވެސް އެކަން ހުއްޓުވަން މަސައްކަތް ކުރާ މީހުންނަށް ކަމަށް ނިޙާން ވިދާޅުވި އެވެ.